14 އޮގަސްޓު 2023 - 11:57 1
މުހައްމަދު އުޝާމް
އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ ރ. ފުއްގިރި މައްސަލާގައި ބޭއްވި ޝަރީއަތުގެ އަޑުއެހުން
14 އޮގަސްޓު 2023 - 11:57 1
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ އަގަކީ އެެހެން ރަށްރަށަށް ވުރެ ކުޑަ އަގެއް ކަމަށް، އެ ރަށުގެ މުއާމަލާތް ހިންގި ދުވަސްވަރު އެމްއެމްޕީއާރުސީގައި ވަޒީފާ އަދާކުރި މީހަކު ޝަރީއަތުގައި މިއަދު ބުނެފި އެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގައި، މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ދައުވާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ ބައެވެ.
ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.
މިއަދު ޝަރީއަތަށް ހާޒިރުކުރީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކެކެވެ. އެއީ އެމްއެމްޕީއާރުސީގައި މީގެ ކުރިން ބަރެސް ޓުއަރިޒަމް ޕްރޮޖެކްޓްގައި މަސައްކަތް ކުރުމުގެ ގޮތުން ވަޒީފާ ދިން މުހައްމަދު ޝިފާއު ނަމަކަށް ކިޔާ މީހެކެވެ.
ޝިފާއު ކިޔައިދިން ގޮތުގައި ބައެއް ފަހަރު އެމްއެމްޕީއާރުސީގެ އިދާރީ މަސައްކަތްތަކުގައި ވެސް އޭނާ އުޅެ އެވެ. އެ ގޮތުން ފުއްގިރި މުއާމަލާތް ކުރުމަށް ބައްދަލުވުމެއް އިންތިޒާމު ކުރަން ޖެހިގެން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަންގަވައިގެން އެ ދުވަހު އުޅުނު ކަމަށް ބުންޏެވެ.
ބައްދަލުވުމަށް ފަހު ބައްދަލުވުމުގައި ބައިވެރިވި މީހުން މީޓިން ނޯޓުގައި ސޮއިކުރަން އޮތެވެ. މީޓިން ނޯޓުގައި ސޮއިކުރި އިރު، އެއްބަސްވެފައިވާ އަގު ފެނުނު ކަމަށް ޝިފާއު ބުންޏެވެ. އެ އަގަކީ މާ ކުޑަ އަގަކަށް ވުމުން އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރި ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު މިހާރު ހަނދާނެއް ނެތް، އެހާ ދުވަސްވީ ކަމަކަށް ވާތީ، ކުޑަ އަގެއް އޮތް ހަނދާނުގައި ހުރީ ވެސް އެހެންވެގެން އަޅުގަނޑު އެ ވަރަށް އެ ދުވަހު ސުވާލުކުރި ކަމަކަށް ވާތީ،" އޭނާ ބުންޏެވެ.
ހެކިވެރިޔާ ބުނީ، އޭގެ ދުވަސްކޮޅެއް ކުރިން އޭރުގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު ވެސް އޭނާއާ އެ ރަށުގެ އަގާ ގުޅޭ ގޮތުން ވާހަކަ ދެއްކި ކަމަށެވެ. މީޓިން ނޯޓުގައި އޮތް އަގަށް ފަހުން އެއްބަސްވުމުގައި ސޮއިކުރި އިރު، އެއީ ކުރިން ޒިޔަތު ބުނި އަގަށް ވުރެ ކުޑަ އަގެއް ކަމަށް ވެސް އޭނާ ބުުންޏެވެ.
އެ ދުވަހު އެ ބައްދަލުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި، ރަށުގެ މުއާމަލާތް ކުރަން ބޭނުންވާ ބޭރު ކުންފުނީގެ ފަރާތުން އިންޑިއާ ދެ މީހަކާއި ކްރިކް ރިޒާ ބައިވެރިވި ކަމަށް ހެކިވެރިޔާ ބުންޏެވެ.
މި މައްސަލާގައި ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކުރި ނަމަވެސް، ދިފާއީ ހެއްކެއްގެ ގޮތުގައި އޭނާ ހުށަހެޅި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ދެއްކެވި ވާހަކައެއްގެ އޯޑިއޯ ފުލުހުން ތަހުލީލުކޮށް ނިމެންދެން ރިޒާގެ ބައި ވަނީ ވަގުތީ ގޮތުން އަނބުރާ ގެނެސްފަ އެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހެކިބަސް ދިން އިރު ވެސް ކިޔައިދީފައިވެ އެވެ. އަދީބު ވިދާޅުވި ގޮތުންނަމަ، އެއީ އަދީބާއި، ޒިޔަތާއި، ޝިފާއުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އޭރުގެ މެންބަރު އަލީ މައުރޫފާއި، ސަންގެ ވެރިޔާ އަހުމަދު ސިޔާމްގެ ކޮއްކޮ ސާލިމާއި، ކްރިކް ރިޒާާ ބައްދަލުވި ބައްދަލުވުމެކެވެ.
އަދީބު ވިދާޅުވި ގޮތުގައި ރަށުގެ އަގު 2.5 މިލިއަން ޑޮލަރުން 1.55 މިލިއަން ޑޮލަރަށް ތިރިކުރަން އެއްބަސްވީ އެ ބައްދަލުވުމުގެ ތެރެއިންނެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
ރިޒާގެ ނަމުގައި ބޭންކު އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަކުން ސަން ކޮންސްޓްރަކްޝަނަށް 1.1 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ މެއި 29، 2016 ގަ އެވެ. "އިންހައުސް ޓްރާންސްފާ" އެއް ގޮތަށް ސަން އިންވެސްޓްމަންޓުން ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރީ ޖޫން 7، 2016 ގަ އެވެ.
އަދި ހަމަ އެ ތާރީހުގައި އެ ފައިސާއަށް އަށްސަތޭކަ ޑޮލަރު އިތުރުކޮށްފައި އިސްލާމިކް ބޭންކުގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.
ޔާމީނާއި ކްރިކް ރިޒާ އަދި ސަންގެ ކުންފުނިތަކުން ބުނާ ގޮތުން ރ. ފުއްގިރި ކުއްޔަށް ދިނުމަށް ހިނގާފައިވާ މުއާމަލާތާއި ޔާމީނާއި ސަންގެ ކުންފުނިތަކާ މެދު ހިނގާފައިވާ މުއާމަލަތަކީ މުޅިން އެހެން މުއާމަލާތެއް ކަމަށެވެ. އެއީ ސަންގެ ކުންފުންޏަކާ ދެމެދު ހިނގި ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އެ ކަން ސާބިތު ކުރަން ދިފާއީ ހެކިތަކެއް ވެސް ހުށަހަޅާފައިވެ އެވެ.
Comment