Advertisement

ފެނަކަ އާއި އެސްޓީއޯ ކަޓުވާލައި، އާރްއާރްސީ އާއި އެފްއެސްއެމް ސެމީ އަށް

14 އޮގަސްޓު 2023 - 10:21 0

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އާރްއާރްސީގެ އަލީ ހާފިޒް (ހާއްޕެ) އުފާފާޅުކުރަނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ފެނަކަ އާއި އެސްޓީއޯ ކަޓުވާލައި، އާރްއާރްސީ އާއި އެފްއެސްއެމް ސެމީ އަށް

14 އޮގަސްޓު 2023 - 10:21 0

ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުތަކުން ޓީމު ފެނަކަ އާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބް ބަލިކޮށް، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި ޓީމު އެފްއެސްއެމް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

އެެންމެ ފަހުގެ ޗެމްޕިއަން، ޓީމު ފެނަކަ އަތުން ޓީމު އެފްއެސްއެމް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 އިންނެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ އަތުން އާރްއާރްސީ ވަނީ 5-1 އިން މޮޅުވެފަ އެވެ. ސެމީގައި އާރްއާރްސީ އާއި އެފްއެސްއެމް ވާދަކުރަން ޖެހުނުއިރު، މީގެ ކުރިން، 2021 ވަނަ އަހަރު އެފްއެސްއެމް ފައިނަލުގައި ބަލިކޮށް އާރްއާރްސީން ވަނީ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗަށް އެސްޓީއޯ ނުކުތްއިރު، އެ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް އީސާ (މެސީ) އާއި އަހުމަދު ރިޒްވާން (ރިޒޭ) އެ ޓީމުގައި ނެތެވެ. އެއީ ކްލަބް އީގަލްސްއާ އެކު އޭއެފްސީ ކަޕް މެޗަށް މި ވަގުތު ބަންގްލަދޭޝްގައި ހުރުމުންނެވެ. އީގަލްސްއާ އެކު އާރްއާރްސީގެ ހިޝާމް ސަލީމް (ކޮކީ) ވެސް ވަނީ ބަންގްލަދޭޝަށް ގޮސްފަ އެވެ.

އާރްއާރްސީ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޔާމީން (ޔާނު) އާއި އަލީ ހާފިޒް (ހާއްޕެ)، ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން ހުސެއިން ގައްސާން ލަބީބް (ހުސީ) އެވެ. އެސްޓީއޯގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ.

އެފްއެސްއެމް ކުޅުންތެރިން މެޗުން މޮޅުވުމުން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އެފްއެސްއެމް އާއި ފެނަކަ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފެނަކަ ޓީމުގެ ކެޕްޓަން، ހުސެއިން ނާޝިދު (ނާއްޓޯ) އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، އެފްއެސްއެމްގެ އަލީ އަލްސަން ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ފެނަކަ އަށް ކާމިޔާބުކުރެވުނީ އައްޒާމް އަބްދުﷲ (އެޑޫ) އާއި މުހައްމަދު އިންޝާލް ފޮނުވާލި ޕެނަލްޓީ އެވެ. މުހައްމަދު އިޔާދު އަލީ އާއި ނަޝާހު އަހުމަދު (ނައްޓު) ޖެހި ޕެނަލްޓީތައް ކާމިޔާބެއްނުވި އެވެ.

އެފްއެސްއެމް އިން ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ އަހުމަދު އައިހަމް (އައިހު)، އަބްދުﷲ ޒިޔާން، އަލްސަން އަދި އިބްރާހިމް ހުސެއިން އެވެ.

ކްލަބް މޯލްޑިވްސް ކަޕް ސެމީ ފައިނަލް މެޗުތައް އޮތީ އަންނަ ބުދަ ދުވަހުގެރޭގަ އެވެ.