Advertisement

އާސެނަލްގެ ފެށުމާ މެދު އާޓެޓާ ހިތްހަމަޖެހިފައި

13 އޮގަސްޓު 2023 - 12:32 0


އާސެނަލްގެ ފެށުމާ މެދު އާޓެޓާ ހިތްހަމަޖެހިފައި

13 އޮގަސްޓު 2023 - 12:32 0

ލަންޑަން (އޮގަސްޓް 13) - އިނގިރޭސި ޕްރިމިއާ ލީގުގެ މި ފަހަރުގެ ސީޒަނުގައި އާސެނަލުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން މޮޅުވިއިރު، ސީޒަނުގެ ފުރަތަމަ މެޗުތަކާ ބަލާއިރު، އާސެނަލުން ދައްކަމުން އަންނަ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާސެނަލުން ފުރަތަމަ މެޗުގައި ނޮޓިންހަމް ފޮރެސްޓް ބަލިކުރީ 2-1 އިންނެވެ. އާސެނަލްގެ ލަނޑުތައް ޖެހީ އެޑީ އެންކެޓިއޭ އާއި ބުކާޔޯ ސަކާ އެވެ. ފޮރެސްޓްގެ ހަމައެކަނި ލަނޑު ޖެހި ޓައިވޯ އަވޮނިޔީ އެވެ.

މިދިޔަ ފަހަރު ލީގަށް ވާދަކޮށް، ފަހު ވަގުތު ލީގު ގެއްލުނު ނަމަވެސް އާސެނަލުން ވަނީ މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން 254 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެެވެ. އާސެނަލުން މި ފަހަރު އަމާޒުހިފަފައިވަނީ 20 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށެވެ.

ރޭގެ މެޗަށް ފަހު އާޓެޓާ ބުނީ އަމާޒަކީ މިދިޔަ ސީޒަނަށް ވުރެ ރަނގަޅު ކުރުން ކަމަށާއި ޔަގީނުން ވެސް މިިދިޔަ ސީޒަނަށް ވުރެ އެއް ހަރުފަތް މައްޗަށް ދިއުމަކީ ތަށި ހޯދުން ކަމަށެވެ.

"އަހަރެން ވިސްނަނީ ކުރިއަށް ފޯކަސް ބަހައްޓާނީ ވެސް އެ ގޮތަށް. މި ޓީމު ވަރުގަދަ މި ކުރީ ބޭނުންވާ މަގާމުތަކަށް އެންމެ ރަނގަޅު ކުޅުންތެރިން ހޯދައިގެން. އެހެންވީމަ ދެން ޖެހޭނީ ދަނޑުމަތީގައި ހުރި ކަންކަން ރަނގަޅު މަގުން ގެންދަން،" މެންޗެސްޓާ ސިޓީ ބަލިކޮށް އާސެނަލަށް މި ފަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްދިން ކޯޗު އާޓެޓާ ބުންޏެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، މިދިޔަ ފަހަރު ގަދަ ހަތަރެއްގައި ނިންމި ނިއުކާސަލް ޔުނައިޓެޑުން ވަނީ އެސްޓަން ވިލާ އަތުން 5-1 އިން މޮޅުވެފަ އެވެ. ޔޫރަޕްގައި ވާދަކުރާ ބްރައިޓަން އިން ވަނީ އަލަށް ޕްރޮމޯޓްވި ލޫޓަން އަތުން 4-1 އިން މޮޅުވެފަ އެވެ. ބޯންމައުތާއި ވެސްޓް ހޭމް 1-1 އިން އެއްވަރުވިއިރު، އެވަޓަން އަތުން ފުލަމް ވަނީ 1-0 އިން މޮޅުވެފަ އެެވެ. އަދި ޝެފީލްޑް ޔުނައިޓެޑް ލީގަށް އެނބުރި އައި މެޗުން ކްރިސްޓަލް ޕެލަސް އަތުން ބަލިވީ 1-0 އިންނެވެ.