Advertisement

ސްޓެލްކޯ އާއި އާބަންކޯ ކަޓުވާލައި، ބީއެމްއެލް އާއި ވެމްކޯ ސެމީ އަށް

13 އޮގަސްޓު 2023 - 09:53 0

ބީއެމްއެލް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސްޓެލްކޯ އާއި އާބަންކޯ ކަޓުވާލައި، ބީއެމްއެލް އާއި ވެމްކޯ ސެމީ އަށް

13 އޮގަސްޓު 2023 - 09:53 0

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ސްޓެލްކޯ ކްލަބާއި ކްލަބް އާބަންކޯ ކަޓުވާލުމަށް ފަހު ޔުނައިޓެޑް ބީއެމްއެލް އާއި ކްލަބް ވެމްކޯ އިން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ވެމްކޯ އާއި އާބަންކޯ ބައްދަލުކުރި މެޗުގެ ފުރިިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ވެމްކޯ މޮޅުވީ 5-6 އިންނެވެ. ސެމީ ފައިނަލުގައި ވެމްކޯއާ ދެކޮޅަށް ކުޅެން ޖެހޭ ބީއެމްއެލް އިން ވަނީ ސްޓެލްކޯގެ މައްޗަށް 5-3 އިން ކުރިހޯދައިފަ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މެޗުގައި އާބަންކޯ އަށް ފުރަތަމަ ހާފުގައި ލީޑުނަގައިދިނީ ފަސް ފައުލު ހަމަވެގެން ލިބުނު ދުރު ޕެނަލްޓީ އަކުން ނާއިޒު ހަސަން (ދާދު) ޖެހި ގޯލުންނެވެ. ފުރަަތަމަ ހާފު ނިމުމުގެ ކުރިން ވެމްކޯ އިން އެެއްވަރުކުރީ އެ ޓީމުގެ އިސްމާއިލް ވަޖީހު (ވައްޖެ) ޖެހި ޝޮޓެއް އާބަންކޯގެ ކެޕްޓަން، އަބްދުﷲ ޝާފިއު (ޝާއްޕެ) ފައިގައި ޖެހިފައި ބައިކޮޅަށް ވަނުމުންނެވެ.

ދެ ވަނަ ހާފުގައި ކައުންޓަ އެޓޭކެއްގައި އާބަންކޯގެ ހުސެއިން ޝަރީފް (އޮންލީ)، ވަނީ ގޯލެއް ޖަހައި، އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، މެޗު ނިމުމުގެ ކުރިން ވެމްކޯގެ ކެޕްޓަން އަލީ ޝިޔާހު ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްދީފަ އެވެ. މި ހާފުގައި ވެމްކޯގެ ފަސް ފައުލު ހަމަވެގެން އާބަންކޯ އަށް ލިބުނު ޕެނަލްޓީ (ދާދު) ފޮނުވާލި ނަމަވެސް މި ފަހަރުގެ ވެމްކޯގެ ކީޕަރު އަބްދުﷲ ޒިމާމް ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.

ޕެނަލްޓީގައި ވެމްކޯގެ ވައްޖެ، އަހުމަދު ވިޖުދާން، އަބްދުﷲ ޖުނައިދު (ޖެންނޭ) އަދި އަލީ ރެޒާ ޕެނަލްޓީތައް ކާމިޔާބުކުރިއިރު، ޝިޔާހު ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އާބަންކޯ އިން ޕެނަލްޓީ ނާކާމިޔާބުވީ ދާދު އާއި އަބްދުﷲ ޝައްފާން (ޝާކާ) އަށެވެ. ދާދުގެ ޕެނަލްޓީ ކީޕަރު ޒިމާމް މަތަކުރިއިރު، ޝާކާގެ ޕެނަލްޓީ ދިޔައީ ގޯލާ ސީދާނުވެ އެވެ. އާބަންކޯ އިން ޕެނަލްޓީ ކާމިޔާބުކުރީ އޮންލީ އާއި ސާމިން މުހައްމަދު ނަސީރު އަދި ހުސެއިން މިފްރާހު ވަހީދު އެވެ.

ދެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ބީއެމްއެލް ކައިރިން ސްޓެލްކޯ އިން ލީޑުނެގީ އިބްރާހިމް ރިމާހު (ރިމޭ) ޖެހި ގޯލުންނެވެ. ބީއެމްއެލް އިން ވަނީ އަހުމަދު ހުނައިފު ޖެހި ގޯލުން އެއްވަރުކޮށް، އެ ޓީމުގެ ހުސެއިން އަލީ (އަޗޭ) ވައްދާލި ގޯލުން ނަތީޖާ އަނބުރާލައިފަ އެެވެ. ދެ ވަނަ ހާފުގައި ކުޅެން އަރައި، ރިމޭގެ ގޯލުން ނަތީޖާ ހަމަހަމަކުރުމަށް ފަހު، ސްޓެލްކޯ އިން ލީޑުނެގީ ޖުމައިލް ޖަލީލް (ޖުމްބެ) އޭރިއާބޭރުން ޖެހި ގޯލުންނެވެ.

ކުޅުން ރަނގަޅުކޮށް ބީއެމްއެލް އިން މުޅި މަންޒަރު ބަދަލުކޮށްލީ ފަހު ވަގުތު ތިން ގޯލު ޖަހައިގެންނެވެ. އެ ގޮތުން، ބީއެމްއެލް އިން އެއްވަރުކުރި ގޯލު ޖެހީ ޓީމުގެ ކެޕްޓަން އިޝާން އިބްރާހިމް (ސައްޓު) އެވެ. ހައިޝަމް ރަޝީދު ޖެހި ގޯލުން ބީއެމްއެލް ލީޑުނެގިއިރު، ސެމީގެ ޖާގަ ޔަގީންކުރި ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި އަހުމަދު ނަބީލް އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލް ދެ މެޗު މިރޭ ކުޅޭއިރު، ރޯޑް ރެކްރިއޭޝަން ކްލަބް އިން 20:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އެސްޓީއޯ ރެކްރިއޭޝަން ކްލަބް އެވެ. އަދި 22:05 ގައި ކުޅޭ މެޗުގައި ޓީމު ފިއުލް ސަޕްލައި މޯލްޑިވްސް ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން، ޓީމު ފެނަކައާ އެވެ.