Advertisement

ސިޔާމް ވިދާޅުވީ ލޯނަކީ ދަރަންޏެއްގެ ގޮތުގައި ދެކުން ހުއްޓާލާ އެއީ އަރަންޏެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް

12 އޮގަސްޓު 2023 - 23:27 1

ނ. މަނަދޫ

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު : ވިދާޅުވީ ލޯނަކީ ދަރަންޏެއްގެ ގޮތުގައި ދެކުން ހުއްޓާލާ އެއީ އަރަންޏެއްގެ ގޮތުގައި ބެލުމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ސިޔާމް ވިދާޅުވީ ލޯނަކީ ދަރަންޏެއްގެ ގޮތުގައި ދެކުން ހުއްޓާލާ އެއީ އަރަންޏެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް

12 އޮގަސްޓު 2023 - 23:27 1

ނ. މަނަދޫ

ގައުމަށް ތަރައްގީ ގެނައުމަށް ސަރުކާރުން ނަގާ ލޯނުތަކަކީ ދަރަންޏެއްގެ ގޮތުގައި ދެކުން ހުއްޓާލަން ޖެހޭ ކަމަށާއި އެފަދަ ލޯނުތަކަކީ އަރަނީގެ ގޮތުގައި ދެކުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ރިޔާސީ ކެމްޕެއިނުގެ ތެރެއިން މިރޭ ނ. މަނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ އެމްޑީޕީއާއެކު އޮތް ކޯލިޝަނުގެ ހަމައެކަނި އަމާޒަކީ ރާއްޖޭގެ ރައްޔިތުން އެދޭ ކަންކަން އެ އެދޭ ގޮތަށް ކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވާދަވެރިން ވަރަށް ގިނައިން ބުނޭ އަޅުގަނޑުމެންގެ ރައީސް ރައްޔިތުންނަށް ދިނީ ދަރަންޏެކޭ، ތިޔަ ބޭފުޅުން ކަނުލާ އަޑުއައްސަވާ، އަބަދުވެސް އަޅުގަނޑު ބުނާ ވާހަކައެއް ލޯނަކީ އަރަންޏެކޭ އެއީ ދަރަންޏެއް ނޫނޭ، ލޯނު ދެނީ ކާކަށްތޯ އަޅުގަނޑުމެން ބަލަންޖެހެނީ،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެރިކަންކުރި އެހެން ސަރުކާރުތަކަށް ބޭރުގެ ގައުމުތަކުން ލޯނު ނުދޭ ސަބަބާއި މި ސަރުކާރަށް ފަސޭހައިން ލޯނުދޭ ސަބަބާމެދު ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށެވެ.

"ލޯނުދޭ ޝަރުތުތަކެއް އެބަހުރި ދުނިޔޭގެ ގައުމުތަކުގައި، ލޯނުދެނީ ކާކަށްތޯ، އެ ގައުމުގެ ވެރިޔަކަށް ހުރީ ކާކުތޯ އެ ތަންތަނުން އެބަ ބަލާ، އެ ބަލާފަ އެ މީހާއަށް އިތުބާރުކޮށްފަ ދޭ އެއްޗެއް ލޯނަކީ، އެ ނޫން ގޮތަކަށް ލޯނެއް ނުލިބޭނެ" ސިޔާމް ވިދާޅުވި އެވެ.

އެގޮތުން މި ސަރުކާރުން ރައީސް ސޯލިހު އެދިލެއްވި ގިނަ ގައުމުތަކާއި ސަރުކާރުތަކުން ރާއްޖެއަށް ލޯނުދެމުންދާ ކަން ސިޔާމް ފާހަގަކުރެއްވި އެވެ. އަދި، އެ ލޯނުތަކުގެ ބޭނުންހިފާ ސަރުކާރުން ކުދި އަދި ބޮޑެތި އާބާދީތައް ތަފާތުކުރުމެއްނެތި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ ކެމްޕެއިނު ދަތުރުގައި ނ. ކެނދިކުޅުދޫގައި ހުންނަވާ ރައީސް ސޯލިހުވެސް ވަނީ މިހާރު ވަމުންދާ ރިޔާސީ ވައުދުތައް ފުއްދުމަށް ބޭރުގެ ސަރުކާރުތަކުންނާއި ބޭންކުތަކުން ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށާއި އެކަން އެގޮތަށް ވުމުގާ ސިޔާމް ވެގެން ގޮސްފައިވަނީ މުހިންމު އެސެޓަކަށް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ކެމްޕެއިނަށް ނިކުތް ފަހުން ވެސް އެބަ ދިމާވޭ ބޭރުގެ އެކި ފަރާތްތަކާ، މަޝްވަރާވެސް ކުރެވޭ، [ބޭރުގެ ފަރާތްތަކުން] އަހާފަ އެބަހުރި ކޮންބައެއްހޭ ކޯލިޝަނުގައި ތިބީ. ސިޔާމް ގެ ވާހަކަ ހަމަ ބުނާއިރަށް އެ މީހުން އެކަމަށް އެބަ އާބަސް ބުނޭ. ވަރަށް ރަނގަޅު ޑިޒިޝަނެކޭ، ކުރިއަށް ދާށޭ، ކުރިއަށް އޮތްތަނުގައި ތިމަންމަމެން ދޭން ޖެހޭ ފައިސާ ދިނުމުގައި އެއްވެސް ދައްޗެއް ނުވާނޭ،" ރައީސް މިއަދު ވިދާޅުވި އެވެ.