Advertisement

ހެނބަދޫއިން ވެސް ފެނިގެންދިޔައީ ތަރައްގީގައި ކުދި ރަށްތައް ބައިވެރިކުރުމުގެ ނަތީޖާ

13 އޮގަސްޓު 2023 - 11:48 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިއަދު ނ. ހެނބަދޫގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން : ހެނބަދޫއިން ފެނިގެންދިޔައީ ތަރައްގީގައި ބައިވެރިކުރުމުގެ ނަތީޖާ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދ


ހެނބަދޫއިން ވެސް ފެނިގެންދިޔައީ ތަރައްގީގައި ކުދި ރަށްތައް ބައިވެރިކުރުމުގެ ނަތީޖާ

13 އޮގަސްޓު 2023 - 11:48 0

ނ. ހެނބަދޫއަކީ މީހުން މަދު، ބިން ކުޑަ ރަށެކެވެ. މީގެ ކުރީގެ ބައެއް ސަރުކާރުތަކުން އެ ރަށުގެ މަދު މީސްކޮޅު އެހެން ރަށަކަށް ބަދަލުކުރުމުގެ ވިސްނުން ވެސް ގެންގުޅުނެވެ. އެކަމާ އެ ރަށުގެ ރައްޔިތުން ދެކޮޅެވެ. އަދި ތަރައްގީއަށް ރާއްޖެ ކުރާ ދަތުރުގައި ހެނބަދޫ ހިމެނޭނެ ކަމަށް އެކި ސިޔާސީ ވެރިން ދެއްކި ވާހަކަތައް އެ ރަށުގެ ރައްޔިތުންނަށް ވީ ބިލާހަކަށެވެ.

ދެހާސް އަށާރަ ވަނަ އަހަރު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ވަޑައިގަތުމުން ވެސް ކަން ހިނގީ އެ ބީދައިންނެވެ. އެ ކުޑަ ރަށަށް ގިނަ ވައުދުތަކެއް ވުމުން، ހެނބަދޫގެ ރައްޔިތުންނަށް އެކަން ގަބޫލުކުރަން އުނދަގޫވެ ބޮޑަށް އައީ ރުޅި އެވެ. ނަމަވެސް، ފަސް އަހަރު ފަހުން ރައީސް މިއަދު އެ ރަށަށް ވަޑައިގަތުމުން ފެނުނު މަންޒަރު ތަފާތެވެ.

ހެނބަދޫގައި މީގެ ކުރިން ލަފާފުރަން ބޭނުންކުރި ޖެޓީއެއް ؛ މިހާރު އޮތީ ބޭނުންނުކުރެވޭ ވަރު ވެފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ރަށުގައި ދިރިއުޅޭ 400 އެއްހާ މީހުންގެ ބޮޑު ބަޔަކު ތިބީ ބަނދަރުގައި ރައީސަށް މަރުހަބާ ދެންނެވުމަށް ތައްޔާރަށެވެ. އެ ރަށު މީހަކު ގާތު އަހާލުމުން ބުނީ އިތުރު ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. އެހެރަ ފެންނަ ބޯޑުން މަންޒަރު ސާފު ކަމަށެވެ.

އެ ބޯޑަކީ މިއަދު އެ ރަށުގައި އިފްތިތާހުކުރި މަޝްރޫއުތައް ލިޔެފައި ހުރި ބޯޑެކެވެ. އެއްކަލަ ތަރައްގީގެ ޗާޓުން ބޭރުގައި އޮތް ހެނބަދޫއަށް ޒަމާނީ ބަނދަރެއް ލިބިއްޖެ އެވެ. ފެނުގެ ނިޒާމު ގާއިމުވެއްޖެ އެވެ. ގޮނޑުދޮށް ހިމާޔަތް ކުރެވި އާ އިންޖީނު ގެއަކާއި ފެނަކަ އޮފީހެއް ވެސް ހުޅުވިއްޖެ އެވެ. ޒުވާނުންނަށް ފުޓްސަލް ދަނޑެއް ވެސް ލިބިއްޖެ އެވެ.

ތަރައްގީ ލިބުނީ އުންމީދު ގެއްލިފައިވަނިކޮށް

އެ ރަށުން ވާހަކަ ދެއްކި ހުރިހާ އެންމެންވެސް ބުނީ، މި ސަރުކާރުގެ ކުރިން އެ ރަށުން ފައިބަން ޖެހިދާނެ ކަމުގެ ބިރު ކޮންމެވެސް ސިފައެއްގައި އޮތް ކަމަށެވެ. އެންމެ ބޮޑު ސަބަބަކަށްވީ އެ ރަށް ތަރައްގީ ކުރުމަށް ކުރީގެ ސަރުކާރުތަކުން ނުކުރި ހަރަދާއި ނުހިންގި މަޝްރޫއުތަކެވެ.

"ކުރީގެ ސަރުކާރުތަކުން އަޅުގަނޑުމެންނަށް އަޅައެއް ނުލި، އެ ސަރުކާރުތަކުން އަޅުގަނޑުމެންގެ ވާހަކަތައް އެއްގޮތަކަށްވެސް އަޑެއް ނޭހި، އަޅުގަނޑުމެން ތަކުރާރުކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް [އެ ސަރުކާރުތަކާ] ހިއްސާކުރަމުންދިޔައީ" ހެނބަދޫ ކައުންސިލްގެ ރައީސް ހުސެއިން އަބޫބަކުރު، "އަދަދު" އަށް ވިދާޅުވި އެވެ.

ހެނބަދޫ ކައުންސިލްގެ ރައީސް ހުސެއިން އަބޫބަކުރު : ވިދާޅުވީ މީގެ ކުރިން ރައްޔިތުންގެ ޝަކުވާތައް ސަރުކާރާ ހަމައަށް ގެންދިޔަ ނަމަވެސް ތަރައްގީ ނުލިބޭ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އެގޮތުން މިއަދު ނިމިގެންދިޔަ ބަނދަރާއި ފެނުގެ މަޝްރޫއަށް ރައްޔިތުން އެދޭކަން ކުރީގެ ސަރުކާރުތަކަށް ވެސް ދެންނެވުނުކަން އޭނާ ފާހަގަކުރެއްވި އެވެ. އެ ރަށުގައި ކުރިން ލަފާފުރަން ބޭނުންކުރީ ދެ ޖެޓީ އެކެވެ. އެ ތަނުން އެއް ޖެޓީ މިހާރު ވަނީ ވީރާނާވެފަ އެވެ. އަނެއް ޖެޓީ އަދިވެސް އެބަހުއްޓެވެ. ނަމަވެސް މޫސުން ގޯސް ނަމަ އެންމެ އެކަށޭނަ ބޭނުމެއް ނުހިފެ އެވެ.

"ކުރިން ބަނދަރެއް އެއްޗެެއްވެސް ނެތް، ލަފާފުރަނީ އިރުމަތީ ކޮޅުގަ އެހެރަ ޖެޓީއިން، މި ސަރުކާރުން ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށް ގެންގޮސް އެ ނިންމާލަނީ، އެ ނިންމާލީ، ވަރަށް އުފާވޭ އަސްލު، މިހެން ބުންޏަސް ނޭނގިދާނެ މިކަންކަން އަޅުގަނޑުމެންނަށް މުހިންމު ވަރު" އެ ރަށު އަބްދުލްރަޝީދު، 45، ބުންޏެވެ.

މިހާރު އެ ރަށަށް އެންމެ ބޭނުންވަނީ ބިން އިތުރުކުރުމާއި މަގުތައް ހެދުން ކަމަށް އެ ދެ ފަރާތުންވެސް ބުންޏެވެ. އެ ދެ ކަމަކީވެސް މިއަދު ރައީސް ސޯލިހު ހެނބަދޫއަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ހިމެނުނު ދެ ކަމެވެ. ރައީސް ޔަގީންކަން ދެއްވީ އެ ކަންކަން ފަސް އަހަރު ލިބިއްޖެ ނަމަ ނިންމަވާދެއްވާނެ ކަމަށެވެ.

މިއީ ހަމައެކަނި ހެނބަދޫއިން ފާހަގަވި ކަމެއް ނޫނެވެ. ތަރައްގީގެ ދަތުރުގައި ކުދި ރަށްރަށް ބާކީ ނުކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މި ފަސް އަހަރު ކުރެވުނު މަސައްކަތާއެކު ކުދި އާބާދީތައް ވަނީ ރައީސް ސޯލިހާ ބައިއަތު ހިފާފަ އެވެ. ތަރައްގީއަށް ޓަކަ އެވެ. އަސާސީ ހިދުމަތްތަކަށްޓަކަ އެވެ.