11 އޮގަސްޓު 2023 - 16:40 0
ސްވިޑެން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
11 އޮގަސްޓު 2023 - 16:40 0
އޯކްލެންޑް، ނިއު ޒީލެންޑް (އޮގަސްޓް 11) -ފީފާ ވިމެންސް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ސްވިޑެން އަތުން 2-1 އިން ބަލިވެ، މުބާރާތުގައި އެންމެ ވަރުގަދަ ކުޅުމެއް ދައްކަމުން އައި ޖަޕާން ވެސް ކަޓައިފި އެވެ.
ސްވިޑެން އިން ވަނީ ގަދަ 16 ބުރުގައި އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން، އެމެރިކާ އަތުން ވެސް މޮޅުވެފަ އެވެ. މުބާރާތުގެ ޗެމްޕިއަންކަން ޖުމްލަ އެކު، ހަތަރު ފަހަރު ހޯދިި އެމެރިކާ އަތުން ސްވިޑެން ޕެނަލްޓީ ޖަހައިގެން މޮޅުވިއިރު، މިއަދު މި ވަނީ 2011 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން، ޖަޕާން އަތުން މޮޅުވެފަ އެވެ.
އެޑެން ޕާކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސްވިޑެން އިން ވަނީ ފުރަތަމަ ހާފުގައި ލީޑުނަގައިފަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ 32 ވަނަ މިނިޓްގައި އަމަންޑާ އިލެސްޓެޑް އެވެ. ފުރަތަމަ ހާފު ނިންމާލިއިރު، ސްވިޑެން އިން ލީޑުގައި އޮތްއިރު، ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން ހަ މިނިޓް ތެރޭ، ސްވިޑެން އިން ދެ ވަނަ ގޯލު ޖެހި އެވެ.
ސްވިޑެން އިން ޖެހި ދެ ވަނަ ގޯލަކީ ޖަޕާންގެ މިޑްފީލްޑަރު، ފޫކާ ނަގާނޯ އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އަކުން ކާމިޔާބުކުރި ލަނޑެކެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ދިން މި ޕެނަލްޓީ ސްވިޑެން އަށް ކާމިޔާބުކޮށްދިނީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު، ފިލީޕާ އެންޖެލްދާލް އެވެ.
އަލުން މެޗުގެ ތެރެއަށް ވަންނަންކުރި މަސައްކަތުގައި ޖަޕާނަށް ވެސް ޕެނަލްޓީއެއް ލިބުނެވެ. އެ ގޮތުން، ޖަޕާނުގެ ރީކޯ އުއޭކީ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ޖަޕާނުން ލަނޑެއް ޖަަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ހުއްޓަ އެވެ. އެ ގޮތުން، މެޗުގެ 87 ވަނަ މިނިޓްގައި ޖަޕާންގެ ލަނޑު ކާމިޔާބުކުރީ ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅޭ ހޮނޯކާ ހަޔާޝީ އެވެ.
އެކަަމަކު، ގިނަ ކުޅުންތެރިން އެޓޭކަށް ފޮނުވައިގެން ވެސް ޖަޕާނުން އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުނުވެ، އެ ޓީމު މުބާރާތުން ކެޓީ އެވެ.
ސްވިޑެން އިން ސެމީ ފައިނަލުގައި ކުޅޭނީ ފުރަތަމަ ފަހަރަށް ސެމީ ފައިނަލުގައި ވާދަކުރާ ސްޕެއިންއާ އެވެ. ސްޕެއިން އިން ސެމީގެ ޖާގަ ހޯދީ ކުއާޓާގައި ނެދަލެންޑްސް ބަލިކުރުމަށް ފަހު އެވެ.
Comment