Advertisement

ޓީމު ޑީޖޭއޭ އާއި ޓްރާންސްޕޯޓް ސެމީ އަށް

11 އޮގަސްޓު 2023 - 10:19 0

ޓްރާންސްޕޯޓްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޓީމު ޑީޖޭއޭ އާއި ޓްރާންސްޕޯޓް ސެމީ އަށް

11 އޮގަސްޓު 2023 - 10:19 0

ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ، ޓީމު ޑީޖޭއޭ އާއި ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ކުއާޓާ ފައިނަލް ފުރަަތަމަ މެޗުގައި ޑީޖޭއޭ އިން ވަނީ 3-1 އިން އެމްއެމްއޭ ސޯޝަލް ކްލަބް ބަލިކޮށްފަ އެވެ. ކުއާޓާ ފައިނަލް ދެ ވަނަ މެޗު ނިމިގެންދިޔައިރު، 3-3 އިން އެޗްޕީއެސްއެން އާއި ޓްރާންސްޕޯޓް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، 7-6 އިން މޮޅުވީ ޓްރާންސްޕޯޓް އެވެ.

ފުރަތަމަ ސެމީގައި ކުޅޭނީ ޑީޖޭއޭ އާއި ޓްރާންސްޕޯޓް އެވެ.

ޑީޖޭއޭ އިން ރޭގެ މެޗުގައި ލީޑުނެގީ މުހައްމަދު ޝަފްރާޒް ޖެހި ގޯލުންނެވެ. އެމްއެމްއޭގެ މުހައްމަދު ފައިޒަމް އެ ޓީމަށް އެއްވަރުކޮށްދީފައިވަނިކޮށް، ޝަފްރާޒް ވަނީ އަނެއްކާ ވެސް ގޯލެއް ޖަހައި ޑީޖޭއޭ އަށް ލީޑުނަގައިދީފަ އެވެ. ޑީޖޭއޭ އަށް ސެމީގެ ޖާގަ ޔަގީންކޮށްދިން ގޯލު ޖެހީ އަބްދުﷲ ރިމާހު އެވެ. މި މެޗުގައި އެމްއެމްއޭގެ މުހައްމަދު ވަހީދު އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ޑީޖޭއޭ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޓްރާންސްޕޯޓުން ރޭގެ މެޗުގެ ކުޅުން ފަށައިގެން ހަތަރު ސިކުންތު ތެރޭގައި އަލީ މޫނިސް ޖެހި ގޯލުން ލީޑުނެގި އެވެ. އަދި މަޒުހަރު އަބްދުﷲ (މަޒޭ) ޖެހި ހިލޭ ޖެހުމުން ޓްރާންސްޕޯޓުން ލީޑުފުޅާކުރި އެވެ. އެޗްޕީއެސްއެންގެ އިޝާން އަބްދުﷲ ގޯލެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދިންއިރު، ދެ ވަނަ ހާފު ފަށައިގެން އެ ޓީމުގެ ކެޕްޓަން މުހައްމަދު ޝަހީމް ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ޓްރާންސްޕޯޓްގެ އަލީ އިބްރާހިމް (އައްޔަ) ލަނޑެއް ޖަހައި، އަނެއްކާ އެ ޓީމަށް ލީޑުނަގައިދިންތާ އިރުކޮޅެއްގެ ތެރޭގައި ހަނި އޭންގަލުން މުހައްމަދު ސޮލާހު ޖެހި ގޯލުން އެޗްޕީއެސްއެން އިން އެއްވަރުކޮށް މެޗު ޕެނަލްޓީ އަށް ގެންދިޔަ އެވެ.

ޕެނަލްޓީގައި އެޗްޕީއެސްއެން އަށް ދެ ފަހަރެއްގެ މަތިން މޮޅުވާން ފުރުސަތު ލިބުނުއިރު، ބޭނުންނުހިފި، ޓްރާންސްޕޯޓުން ވަނީ އޭގެ ބޭނުންހިފައި، މޮޅުވެފަ އެވެ.

ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަނުގެ އެއިޓީން ތާޓީ މުބާރާތުގައި އިއްޔެ ހަވީރު ޕޮލިސް ކްލަބް އަތުން އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބް ވަނީ 2-1 އިން މޮޅުވެ، ފައިނަލުގެ އުންމީދު ދަމަހައްޓައިފަ އެވެ. މައީޝާ އަބްދުލް ހަންނާން ޖެހި ގޯލުން ސިފައިން ލީޑުނަގާފައިވަނިކޮށް، ފަދުވާ ޒާހިރު ވަނީ ޕޮލިހަށް އެއްވަރުކޮށްދީފަ އެވެ. ސިފައިން މޮޅުކޮށްދިން ލަނޑު ޖެހީ ޓީމުގެ ކެޕްޓަން، އައިމިނަތު ޒާހިޔާ އެވެ.

ކްލަބް މޯލްޑިވްސްގެ ކުއާޓާ ފައިނަލްގެ އަނެއް ދެ މެޗު މިރޭ އޮންނާނެ އެވެ. އެ ގޮތުން، 20:15 ގައި ކުޅޭ މެޗުގައި ކްލަބް 220 ކުޅޭނީ ހޯމްއެފެއާޒް ރެކްރިއޭޝަން ކްލަބާ އެވެ. އަދި 21:45 ގައި ކުޅޭ މެޗުގައި ހާރިޖީން ނުކުންނާނީ ޕްރެޒިޑެންޓްސް އޮފީސް ޓީމާ ދެކޮޅަށެވެ.