Advertisement

ޔާމީނު ދޫކޮށްލަން ނަޝީދު ގޮވާލެއްވުން: "ތިޔަ ހައްދަވަނީ ގޯހެއް"

10 އޮގަސްޓު 2023 - 09:24 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު. - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޔާމީނު ދޫކޮށްލަން ނަޝީދު ގޮވާލެއްވުން: "ތިޔަ ހައްދަވަނީ ގޯހެއް"

10 އޮގަސްޓު 2023 - 09:24 1

ބުދަ ވިލޭރޭ ފުވައްމުލަކުގައި ބޭއްވި ދަ ޑިމޮކްރެޓްސްގެ ޖަލްސާގައި ވަރަށް ޖޯޝުގައި ވާހަކަ ދައްކަވަމުން ހަރު އަޑުފުޅުން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު, "ރައީސް ޔާމީން" އޭ ގޮވާލައްވާ ކޮންމެ ފަހަރަކު، އެ މަނިކުފާނު ފުލުން ސަޕޯޓަރުން އެއް އަޑަކުން ގޮވަމުން ދިޔައީ "ދޫކޮށްލާ" އެވެ. - "ރައީސް ޔާމީން... ދޫކޮށްލާ" އެވެ.

މި މަންޒަރު ގަބޫލުކުރަން އެއް ބަޔަކަށް ދަތިވި އެވެ. ތަފުސީލަށް ނުދިޔަސް ޔާމީންގެ ވެރިކަމުގައި ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސިޔާސީ ލީޑަރުންނާއި ޕާޓީތަކުގެ އާންމު މެމްބަރުން، ހާއްސަކޮށް އެމްޑީޕީގެ މެމްބަރުން ތަހައްމަލު ކުރަން ޖެހުނު ގޮތުގެ ކުލަ މަންޒަރު މިހާރު ވެސް އެހުރީ އެވެ.

"އަޅުގަނޑު، އަޅުގަނޑުގެ ރަހުމަތްތެރި ޕީޕީއެމްގެ މެންބަރުންނަށް ޔަގީންކޮށް އަރުވަން، އިރާދަކުރެއްވިއްޔާ ދެން ގިނަ ދުވަހަކު ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ދެއްކެވި މި ވާހަކައާ ގުޅޭ ގޮތުން މި އަތޮޅުގެ އެމްޑީޕީގެ އެކި އުމުރުފުރާގެ މެމްބަރުން ސުވާލުކުރުމުން ވެސް ލިބުނީ ގާތްގަނޑަކަށް އެއް ޖަވާބެކެވެ.

"އެ ހައްދަވަނީ ގޯހެއް،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި އެ މެމްބަރުން ތަޖުރިބާކުރި އަނިޔާގެ ހަނދާންތަކާ އެކު ފުރަތަމަ ވެސް ދޫކޮށްލަނީ މި ބަހެވެ.

ޔާމީން ޖަލަށް ލުމަށް ހުކުމް ކުރީ އެމްއެމްޕީއާރުސީން ޓޫރިޒަމްގެ ބޭނުމަށް ދޫކުރި ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ހިޔާނާތްތެރިވެފައިވާ ކަމާއި މަނީ ލޯންޑަ ކޮށްފައިވާ ކަމަށް ސާބިތުވުމުންނެވެ. އެހެންވެ ކްރިމިނަލް ކޯޓުން ހުކުމްކުރީ 11 އަހަރަށް ޖަލަށް ލުމަށެވެ. އެ ހުކުމް ދެމި އޮތުމުން، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލުނެވެ.

"ޖަލުގައި އެބަތިބި އެތައް ސަތޭކަ ކުށްވެރިން، ކީއްވެ އެމީހުން ދޫކޮށްލަން ނުގޮވާލަނީ، ކީއްވެ އަހަރުމެންނަށް، އަދި ރައީސް [ނަޝީދު] އަށްވެސް އެންމެ އަނިޔާކުރި މީހާ ދޫކޮށްލަން އެ ގޮވާލަނީ، ކޮށްގެން ނުވާނެ ކަންކަން އެ ހުންނަނީ" ފަރެސްމާތޮޑާ މުހައްމަދު ޖަމީލު، 72، ނުރުހުމާއެކު ބުންޏެވެ.

ފަރެސްމާތޮޑާގެ މުހައްމަދު ޖަމީލު، 72، "އަދަދު" ނޫހުގެ ނޫސްވެރިޔާ އާއިދުއާ އާ ވާހަކަ ދައްކަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެމްއެމްޕީއާރުސީގެ މައްސަލައިގައި ހަމައެކަނި ޔާމީން ޖަލަށް ލުމަކީ އެމްޑީޕީގެ މެމްބަރުންނަށް ވެސް މައްސަލަ އެވެ. ނަމަވެސް ކުށް ސާބިތުވެ އެ މަނިކުފާނު އެކަނި ޖަލުގައި އޮތުމަކީ މިނިވަންކުރަންޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ގަބޫލުކުރެ އެވެ.

"މިހާރު ރައީސް ނަޝީދު އުޅޭ ގޮތުން އެ މަނިކުފާނު ފަހަތުގައި އުޅެވޭކަން ނެތް. ބަލައިގަނެވޭނެ ކަމެއް ނޫން އެއީކީ [ޔާމީނު ދޫކޮށްލަން ގޮވާލުމަކީ]. އެއީ ކުށެއް ކޮށްފި މީހަކަށް ހައްގު އަދަބު ލިބެން ޖެހޭނެތީ،" ފަރެސްމާތޮޑާ ފައިސަލް ރަފީގު، 53، ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ ރައީސް ނަޝީދު އެ ދައްކަވާ ވާހަކައަކީ ސިޔާސީ ބޭނުމުގައި ވަކި މަގުސަދެއްގައި ދައްކަވާ ވާހަކަ ކަމަށެވެ.

"އެ މަނިކުފާނު ކުރިން ދެއްކެވި ވާހަކަތަކާއި މިހާރު އެ ދައްކަވާ ވާހަކަ ދިމައެއް ނުވޭ. އެއީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން އެ ދެއްކެވީ،" ސަނީފު ވިދާޅުވި އެވެ.

ދެން ވާހަކަ ދެއްކި ފަރާތްތަކުން ނަން ނުޖެހުމަށް އެދުނެވެ. ނަމަވެސް އުދާސްތައް ބަންޑުން ކޮށްލި އެވެ. އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ ގިނަ މެންބަރުން ބުނީ ނަޝީދު މިހާރު އަމަލުކުރަމުންދާ ގޮތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ފައިސަލް ރަފީގު، 53: ބުނީ ކުށްވެރިން ތިބެންޖެހޭނީ ޖަލުގައި ކަމަށް އަބަދުވެސް ގަބޫލުކުރާ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


"ޔާމީނު ހިމާޔަތް ކުރަން ގޮވައިގެން ނުވާނެ، ސަބަބަކީ މި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ދަތި، އެންމެ އުނދަގޫ ފަސް އަހަރު ޖެއްސީ އޭނަ ކަމުގައި ވާތީ، ކިހިނެއް އަހަރުމެން އޭނަ މިނިވަންކުރަން ގޮވާނީ، އެކަން ކުރާ ބައެއްގެ ފަހަތުގައި ތިބޭނީވެސް،" މި ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނަޝީދު ގަބޫލު ކުރައްވާ ގޮތުގައި އެމްއެމްޕީއާރުސީގެ މައްސަލައިގައި ހަމައެކަނި ޔާމީން ޖަލުގައި އޮތުމަކީ އިންސާފެއް ނޫނެވެ. ޕީޕީއެމް/ޕީއެންސީން ވެސް ބުނަމުންދަނީ ޔާމީނަށް ކޮށްފައިވަނީ "ހަރާމް ހުކުމެއް" ކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހަމަނުޖެހުމުގައި، އަދި ރިޔާސީ ޕްރައިމަރީގައި ލިބިވަޑައިގެންނެވި ނާކާމިޔާބަށް ފަހު ދަ ޑިމޮކްރެޓްސް އުފައްދައި، އެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ނެރެފައި ވާއިރު، ނަޝީދު ގެންދަވަނީ ރައީސް ސޯލިހު ބަލި ކުރެއްވޭނެ ގޮތްތައް ފަހި ކުރައްވަމުންނެވެ.

ނަޝީދާއި ޔާމީނަކީ މީގެ ކުރިން އެންމެ ވާދަވެރި ދެ ކެންޑިޑޭޓުންނެވެ. މީގެ 10 އަހަރު ކުރިން ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ޔާމީންއާއެކު ގަދަހިފުމަކަށް ވަޑައިގެން ނަޝީދު ވަނީ ބަލިވެފަ އެވެ. އެއަށް ފަހު، ޔާމީންގެ ވެރިކަމުގައި 13 އަހަރަށް ނަޝީދު ޖަލަށްލި އެވެ. އޭރު ޖަލުގައި ހުންނެވުމަށް ފަހު، ނަޝީދު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވި ގޮތަށް އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދެވި އެވެ.

ނަޝީދު މިހާރު ބޭނުންފުޅުވަނީ މި އިންތިހާބުގައި ޕީޕީއެމް، ޖޭޕީގެ ސަޕޯޓާއެކު ރައީސް ސޯލިހު ބަލިކުރެއްވުމަށެވެ. މި ބޭނުމަށް ނަޝީދު، ޔާމީންގެ މާޒީ ހަދާން ނައްތާލި ނަމަވެސް އެމްޑީޕީގެ މެމްބަރުން، އަދި އޭރު އިދިކޮޅު މެމްބަރުންގެ އެ ހަނދާންތައް ފިލައެއް ނުދެ އެވެ.