Advertisement

ރައީސްގެ ހުވަދޫ ދަތުރު: ރަށްތައް، މީހުންގެ ހިޔާލު އަދި ވައުދުތައް

10 އޮގަސްޓު 2023 - 11:28 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރޭ ގެމަނަފުށީގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކޯލިޝަނުގެ އިސްވެރިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ރައީސްގެ ހުވަދޫ ދަތުރު: ރަށްތައް، މީހުންގެ ހިޔާލު އަދި ވައުދުތައް

10 އޮގަސްޓު 2023 - 11:28 0

މިހާރު ކުރިއަށްދާ ރިޔާސީ ކެމްޕެއިނުގައި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަޑައިގަތީ ގދ. އަތޮޅުގެ ދެ ރަށަކަށާއި ގދ. އަތޮޅުގެ ތިން ރަށަކަށެވެ. ދަތުރު ފެއްޓެވި ގދ. ގައްދޫގައި ރޭ ކުރެއްވުމަށްފަހު އެވެ.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ 26،244 މީހުން ތިބި ހުވަދު އަތޮޅަށް ރައީސް ކުރައްވާ މި ދަތުރުގައި ޖުމްލަ 17 ރަށަކަށް ވަޑައިގަންނަވާނެ އެވެ. މި ދެ އަތޮޅުން މި ދަތުރުގައި ރައީސް ވަޑައިނުގަންނަވާނީ ގދ. ތިނަދޫއަށެވެ. ފަހުގެ ތާރީހެއްގައި ހާއްސަ ކެމްޕެއިން ދަތުރެއް އެ ރަށަށް ރޭވިފައިވާ ކަމަށް އެމްޑީޕީގެ ކެމްޕެއިން ޓީމުން ބުނެ އެވެ.

ރައީސްގެ އަރިހުގައި ރަނިންމޭޓު ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވި އެވެ.

2018 ގެ ރިޔާސީ އިންތިހާބުގެ ގދ. އަތޮޅު ނަތީޖާ


1. އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: 4،880 2. އިބްރާހިމް މުހައްމަދު ސޯލިހު: 6،591

2018 ގެ ރިޔާސީ އިންތިހާބުގެ ގއ. އަތޮޅު ނަތީޖާ


1. އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: 3،578 2. އިބްރާހިމް މުހައްމަދު ސޯލިހު: 4،634

މި އަހަރުގެ ރިޔާސީ އިންތިހާބަށް މަހަކަށްވެފައިވާއިރު، ބަދަލުވެފައިވާ ސިޔާސީ މަޝްރަހުގެ އަސަރު ހުވަދޫން ފެނެ އެވެ. ނަމަވެސް، މިހާތަނަށް ވަޑައިގެންނެވި މި ދެ އަތޮޅުގެ 11 ރަށުން ވެސް ރައީސް ސޯލިހަށް ތާއީދު ބޮޑު ކަމަށް ފެނެ އެވެ. ރައީސް، އިއްޔެގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ ގދ. ވާދޫ އަށެވެ.

ގދ. ވާދޫ

ރައީސް ވާދޫއަށް ވަޑައިގެން އެ ރަށުގައި މި ސަރުކާރުން އެ ރަށުގައި އަލަށް އެޅި ފެނަކަ އޮފީސް ހުޅުއްވައިދެއްވި އެވެ. އަދި އެ ރަށުގެ އެމްޑީޕީ ޖަގަހާގައި ހުންނަވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ވަޒީފާތަކުގައި ދިވެހީން ތިބުމުގެ އަމާޒަށް ވާސިލްވުމަށް، ރާއްޖޭގައި ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓާލިޓީ ސްކޫލެއްގެ ކެމްޕަހެއް އަޅުއްވާނެ ކަމަށެވެ.

"ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓާލިޓީ ސްކޫލެއްގެ ކެމްޕަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމުކޮށްދޭނަން"

ވައުދުތައް:

  • ކައުންސިލަށް އާ އިމާރާތެއް
  • ސްކޫލަށް އެޑްމިން ބިލްޑިން އެއް
  • ސްޕޯޓްސް ކޮމްޕްލެކްސް އެއް
  • ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން
  • ސިއްހީ މަރުކަަޒަށް އެޑްމިން ބްލޮކެއް
  • ފަތާ ފެންގަނޑެއް
  • ސަރަހައްދީ ފެންވަރުގެ ވޮލީ ކޯޓެެއް
  • ރޯހައުސް ނުވަތަ ފްލެޓު އެޅުން
  • 100 އެނދުގެ ހޮޓަލެއް

ވާދޫގެ ވޯޓުލެވޭ އާބާދީއަކީ 1,125 އެވެ. އެ ރަށަށްފަހު ރައީސް ދެން ވަޑައިގެންނެވީ އެ އަތޮޅު ފަރެސްމާތޮޑާއަށެވެ.

ގދ. ފަރެސްމާތޮޑާ

މި ސަރުކާރުން ގާއިމުކުރި އެއާޕޯޓުތަކުގެ ތެރެއިން މިހާރު ހުޅުވާފައިވާ އެއް އެއާޕޯޓު ހިމެނޭ ފަރެސްމާތޮޑާއަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގައި މި ސަރުކާރުން ގާއިމުކުރި ފެނަކަ ސެންޓްރަލް ޕަވާ ސްޓޭޝަން ހުޅުއްވައިދެއްވާފަ އެވެ. އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދެއްކެވި އެ ރަށުގެ ބޭފުޅާ ވަނީ މީގެ ކުރިން ރަށު ތެރޭގައި އިންޖީނުގެ ހުރުމާއި އެތަން ބާވުމުގެ ސަބަބުން ވަމުންދިޔަ އުނދަގޫތައް ވަރަށް ބޮޑަށް ތަފުސީލުކޮށްދެއްވާފަ އެވެ.

މަސްވެރިކަމަށް މަޝްހޫރު މި ދެ އަތޮޅުގެ ރައްޔިތުންނާ މުހާތަބުކޮށް އެ ރަށުގައި ހުންނަވާ ވަނީ އެ ސިނާއަތުގެ މައި އެއް ކުންފުނި ކަމަށްވާ ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ދަށުން ހިންގަމުން އަންނަ މަސް ކުންފުނި މިފްކޯ ފައިދާވާ ކުންފުޏަކަށް ބަދަލުކޮށް، އެ ކުންފުނީގެ ހިއްސާ ރައްޔިތުންނަށް ވިއްކާނެ ކަމުގައި ވިދާޅުވެފަ އެވެ.

ވައުދުތައް:

  • ޔޫތު ސެންޓަރެއް އެޅުން
  • ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުން
  • ބަނދަރު ބޮޑުކޮށް ނެރު ފުންކުރުން
  • މޫދަށް އެރެން ހާއްސަ ސަރަހައްދެއް ގާއިމުކުރުން
  • ހެލްތު ސެންޓަރަށް ބޭނުންގާ އާ އިމާރާތް އެޅުން
  • އައިސް ޕްލާންޓެއް އެޅުން
  • ބޮޑު ހުކުރު މިސްކިތެއް އެޅުން
  • އެއާޕޯޓު ކައިރީގައި ސިޓީ ހޮޓަލެއް ހެދުމަށް ހުޅުވާލުން

ފަރެސްމާތޮޑާ އަކީ ރައީސްގެ މި ދަތުރުފުޅުގައި ގދ. އަތޮޅުން ވަޑައިގެންނެވި ފަހު ރަށެވެ. އެ ރަށުގެ ވޯޓުލެވޭ އާބާދީއަކީ 1,369 އެވެ. އެ ރަށަށްފަހު ރައީސް ދެން ވަޑައިގެންނެވީ ގއ. އަތޮޅަށެވެ.

ގއ. ދެއްވަދޫ

ގއ. އަތޮޅުން ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ ހުވަދޫގެ ގިނަ ރަށްތަކާ ދުރުގައި އޮންނަ ދެއްވަދޫއަށެވެ. އެ ރަށަށް ވަޑައިގެން ރައީސް ވަނީ މި ސަރުކާރުން އެ ރަށުގައި އެޅި ފެނަކަ އޮފީހާއި އެ ރަށު ސުލްތާން މުހައްމަދު ސްކޫލުގައި އަލަށް ގާއިމުކުރި ދެ ބުރީގެ އާ ސްކޫލު ހުޅުއްވައިދެއްވާފަ އެވެ.

މި ރަށަށް ރައީސް ވަޑައިގަތުމުން އިދިކޮޅު ފަރާތްތަކުން ވަނީ ރަށު ތެރޭގައި ރައީސާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ކުރުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެ ފަރާތްތަކަށް އެ ފުރުސަތު ނުދީ ހުއްޓުވާފަ އެވެ.

ދެއްވަދޫގައި އިދިކޮޅު ފަރާތްތަކުން އަޑުއުފުލަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ވައުދުތައް:

  • އައިސް ޕްލާންޓެއް އެޅުން
  • ސްކޫލަށް ބޭނުންވާ މަލްޓި ޕާޕޯސް ހޯލު
  • ކައުންސިލް އިދާރާއަށް އާ އިމާރާތެއް
  • ބޯހިޔާވަހިކަމުގެ ދަށުން ހައުސިން ޔުނިޓު އެޅުން
  • ބިން ހިއްކުން
  • މޫދަށް އެރޭނެ ތަނެއް ހެދުން

ދެއްވަދޫގެ ވޯޓުލެވޭ އާބާދީއަކީ 921 އަށެވެ. އެ ރަށަށްފަހު ރައީސް ދެން ވަޑައިގެންނެވީ އެ އަތޮޅުމ ކަނޑުހުޅުދޫ އަށެވެ.

ގއ. ކަނޑުހުޅުދޫ

ރައީސްގެ އިއްޔެގެ ދަތުރުފުޅުގައި ކަނޑުހުޅުދޫއަށް ވަޑައިގެންނެވުނީ އިއްޔެ ހަވީރު އެވެ. ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓު ނަމްބަރު ތިނެއްގެ ގޮތުގައި ގުރުއަތުން ހޮވުމަށްފަހު ރައީސް ފުރަތަމަ ވާހަކަދެއްކެވީވެސް އެ ރަށުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑުހުޅުދޫގައި ވާހަކަދައްކަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ކަނޑުހުޅުދޫގައިވެސް އިދިކޮޅު ފަރާތްތަކުން ރައީސްގެ ކެމްޕެއިން ބައްދަލުވުމާ މާ ދުރުނޫން ހިސާބެއްގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންދިޔަ އެވެ.

ވައުދުތައް:

  • ކައުންސިލް އިދާރާއަށް އާ އިމާރާތެއް
  • ޔޫތު ސެންޓަރެއް
  • ހައުސިން ޔުނިޓު އެޅުން
  • ސްކޫލުގައި އަލަށް އަށް ކްލާސްރޫމް އެޅުން
  • ބޮޑު ފުޓުބޯޅަ ދަނޑެއް

ކަނޑުހުޅުދޫގެ ވޯޓުލެވޭ އާބާދީއަކީ 714 އެވެ. އެ ރަށަށްފަހު ރައީސް ދެން ވަޑައިގެންނެވީ އިއްޔެ ދަތުރުގެ ފަހު މަންޒިލަށެވެ.

ގއ. ގެމަނަފުށި

އިއްޔެގެ ކެމްޕެއިން ދަތުރުގައި ރައީސް އެންމެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގެންނެވީ ގއ. ގެމަނަފުށްޓަށެވެ. ރައީސް ވަނީ އިއްޔެ އެ ރަށުގެ ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތް ހުޅުއްވައިދެއްވާފަ އެވެ. ނަމަވެސް، ކަނޑައެޅުނު ގަޑިއަށްވުރެ ފަހުން ވަޑައިގެންނެވުމުން އިއްޔެގެ ތާވަލުގައި އޮތް ސްކޫލުގައި އަލަށް އެޅި 10 ކްލާސްރޫމް ހުޅުވުމާއި އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހުކުރުން ވަނީ މިއަދަށް ފަސްކޮށްފަ އެވެ.

ގެމަނަފުށީގެ ރައްޔިތުންނާއެކު ރައީސް ރޭ ބޭއްވި ކުރު ބައްދަލުވުމުގައި ވަނީ ގެމަނަފުށީގައި މަސް ރައްކާކުރަން ކޯލްޑު ސްޓޯރޭޖެއް އަދި ރަށުގެ ސިއްހީ ފަރުވާ ރަނގަޅު ކުރަން 30 އެނދުގެ ހޮސްޕިޓަލެއް ބިނާކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ވައުދުތައް:

  • ސްކޫލަށް ބޭނުންވާ މަލްޓި ޕާޕޯސް ހޯލު
  • ހައުސިން ޔުނިޓު އެޅުން
  • ކައުންސިލް އިދާރާއަށް އާ އިމާރާތެއް
  • ކައިރީގައި އޮތް އަރެގަތާގައި ރިސޯޓެއް އެޅުން
  • ރަށަށް މަސްކިރޭނެ ކޯލްޑު ސްޓޯރޭޖެއް
  • 30 އެނދުގެ ހޮސްޕިޓަލެއް

ރައީސް ރޭ ރޭކުރެއްވީ ގެމަނަފުށީގަ އެވެ. ގެމަނަފުށިން މި އަހަރުގެ ރިޔާސީ އިންތިހާބުގައި 1,310 މީހުން ވޯޓު ދޭނެ އެވެ. އެ ރަށަށްފަހު ރައީސް މިއަދު ގއ. އަތޮޅުގެ ބާކީ އޮތް ހަ ރަށަށް ވަޑައިގަންނަވާނެ އެވެ. އެއަށްފަހު ހުވަދޫގެ ދެ އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.