Advertisement

ވެލެންސިއާ ބަލިވިޔަސް 14 އަހަރުގެ އީތަން އަށް ރެކޯޑެއް

8 އޮގަސްޓު 2023 - 19:02 0

ވެލެންސިއާގެ އީތަން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އެފްއޭއެމް


ވެލެންސިއާ ބަލިވިޔަސް 14 އަހަރުގެ އީތަން އަށް ރެކޯޑެއް

8 އޮގަސްޓު 2023 - 19:02 0

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 2-1 އިން ކްލަބް ވެލެންސިއާ ބަލިވި މެޗުގައި ގޯލު ޖަހައި، އެ ޓީމުގެ 14 އަހަރުގެ ފޯވާޑް، އީތަން އިބްރާހިމް ޒަކީ ރެކޯޑެއް ގާއިމްކޮށްފި އެވެ.

ސާދަ އަހަރުގެ އީތަން އަކީ ރާއްޖޭގެ ލީގު ލީގުގައި މިހާތަނަށް ގޯލު ޖެހި އުމުރުން އެންމެ ހަގު ކުޅުންތެރިޔާ އެެވެ. ވެލެންސިއާ އެންމެ ފަހުން ކުޅުނު މެޗުގައި މީގެ ހަަތަރު ވަރަކަށް ދުވަސް ކުރިން، ކްލަބް ގްރީން ސްޓްރީޓްސް ކޮޅަށް ގޯލު ޖަހައި، އުމުރުން 15 އަހަރުގެ ޔޫސުފް އަޔާން އާމިރު ވަނީ ލީގުގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. އެ ރެކޯޑަށް ގިނަ ދުވަސްތަކެއް ނުވެ، އީތަން މި ވަނީ ރެކޯޑް މުގުރާލައިފަ އެވެ.

މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުޅުނު ކުޅުންތެރިންނަށް މުސާރަ ނުދީ އޮތް މައްސަލައިގައި ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ވެލެންސިއާ އަށް ފީފާ އިން ފިޔަވަޅު އަޅާފައިވާއިރު، ވެލެންސިއާ އަށް މި ސީޒަނުގައި ކުޅެން ޖެހުނީ އެ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިން ހިމަނައިގެން ގިނަ މެޗުތަކެއްގެ ފުރަތަމަ އެގާރަ ނަގައިގެންނެވެ. ވެލެންސިއާ ޓީމުގައި އުމުރުން 13 އާއި 14 އަހަރުގެ ކުޅުންތެރިން ވެސް އަންނަނީ ލީގުގައި ކުޅެމުންނެވެ.

އީތަން މިއަދުގެ މެޗުގެ 12 ވަނަ މިނިޓްގައި ލީޑުނެގި ގޯލު ޖަހައިދޭން ފުރުސަތު ހޯދައިދިނީ 14 އަހަރުގެ މުހައްމަދު އިލާން އިމްރާން އެވެ.

ލީގުގެ އެންމެ ފުލުގައި އޮތް ވެލެންސިއާ އިން ލީޑުނެގުމުން ޔުނައިޓެޑް ވިކްޓަރީން ކުޅުން ރަނގަޅުކޮށް މެޗުގެ 41 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރި އެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފޯވާޑް، އުމުރުން 17 އަހަރުގެ ޝަނާން ރަޝާދު އެވެ.

ދެ ވަނަ ހާފުގައި ކުޅެން އަރައި، ޔުނައިޓެޑް ވިކްޓަރީން ވަނީ މާ ލަސްތަކެއް ނުވެ، ގޯލެއް ޖަހައި ލީޑުނަގައިފަ އެެވެ. އެ ގޮތުން، ޔުނައިޓެޑް ވިކްޓަރީ އަށް ލީޑުނަގައިދިން ގޯލު ޖެހީ 57 ވަނަ މިނިޓްގައި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ބައްކު އެވެ.

މި މޮޅާ އެކު، ޔުނައިޓެޑް ވިކްޓަރީން ވަނީ ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ އަށް މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ހަ ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް ހަތް ވަނައިގައި އޮތީ ހަތް މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ވެލެންސިއާ، އެންމެ ފުލުގައި އޮތީ އަށް މެޗުން ޕޮއިންޓެއް ނުލިބި އެވެ.