Advertisement

ވޯލްޑް ކަޕްގައި ވިދާލި ރާމޯސް ވެސް ޕީއެސްޖީ އަށް

8 އޮގަސްޓު 2023 - 13:23 0


ވޯލްޑް ކަޕްގައި ވިދާލި ރާމޯސް ވެސް ޕީއެސްޖީ އަށް

8 އޮގަސްޓު 2023 - 13:23 0

ޕެރިސް (އޮގަސްޓް 8) - މިދިޔަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވިދާލި ޕޯޗުގަލްގެ ފޯވާޑް ގޮންޒާލޯ ރާމޯސް، އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ބަދަލުވެއްޖެ އެވެ.

ޕީއެސްޖީން ބޭނުންނަމަ ލޯން އެއްބަސްވުން ދާއިމީ ކުރެވޭނެ އެވެ. އެއީ، 70 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހު އެވެ.

ރާމޯސް، 22، ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތީ މިދިޔަ އަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ޕޯޗުގަލް ޓީމަށް ރަސްމީ މެޗެއްގެ ފުރަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ ފަހަރު ރާމޯސް ވަނީ ހެޓްރިކެއް ހަދައި، ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މިދިޔަ ސީޒަނުގައި ބެންފީކާ އަށް، ޕޯޗުގީސް ސުޕަ ލީގުގައި 30 މެޗުން 19 ލަނޑު ޖަހައިދިން ރާމޯސް ބުނީ ޕީއެސްޖީ އަކީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ ބޮޑު ކްލަބްތަކުގެ ތެރެއިން އެއް ޓީމު ކަމަށާއި އެ ކްލަބްގައި އޮތީ ވެސް ފެންވަރު ރަނގަޅު ކުޅުންތެރިން ގިނަ ރަނގަޅު ސްކޮޑެއް ކަމަށެވެ.

ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން އާ ސީޒަނަށް ތައްޔާރުވަމުން އަންނަ ޕީއެސްޖީން ވަނީ ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ. އެ ގޮތުން، އަށް ކުޅުންތެރިއަކު ޕީއެސްޖީއާ ގުޅިފައިވާއިރު، އޭގެ ތެރޭގައި ރެއާލް މެޑްރިޑްގެ މާކޯ އަސެންސިއޯ އާއި ބަޔާން މިއުނިކްގެ ލޫކަސް ހެނާންޑޭޒް ހިމެނެ އެވެ. ބާސެލޯނާގެ އޮސްމާން ޑެމްބެލޭ ވެސް ޕީއެސްޖީއާ ގުޅެން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕީއެސްޖީ ޓީމަށް މައްސަލަ ދިމާވެފައިވަނީ އެ ޓީމުގެ ތަރި ކީލިއަން އެމްބާޕޭއާ މެދުގަ އެވެ. އެމްބާޕޭ، ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރަން ބޭނުމެއް ނުވެ އެވެ. މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭގެ އެއްބަސްވުން ހަމަވުމުގެ ކުރިން އޭނާ ވިއްކާލަން ބޭނުންވާތީ، ޕީއެސްޖީން ވަނީ އެ ޓީމުން ވިއްކާލަން ތައްޔާރަށް އޮތް ލިސްޓުގައި އެމްބާޕޭގެ ނަން ހިމަނައިފަ އެވެ. ޕީއެސްޖީގެ ޕްރީ ސީޒަން ޕްރެކްޓިހުން ވެސް އެމްބާޕޭ ހުރީ އެކަހެރިކޮށްފަ އެވެ.