Advertisement

ދަރިކަލުންގެ ޖަނާޒާއަށް ފުއާދު އިންޑިއާއަށް ފުރާވަޑައިގެންފި

7 އޮގަސްޓު 2023 - 21:34 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު؛ ދަރިފުޅުގެ ޖަނާޒާއަށް އޭނާ މިއަދު އިންޑިއާއަށް ފުރާވަޑައިގެންފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ދަރިކަލުންގެ ޖަނާޒާއަށް ފުއާދު އިންޑިއާއަށް ފުރާވަޑައިގެންފި

7 އޮގަސްޓު 2023 - 21:34 0

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ދަރިކަލުން އަހުމަދު ފުއާދުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި އިންޑީއާއަށް ފުރާވަޑައިގެންފި އެވެ.

އަހުމަދު ފުއާދު، 47، އާލާސްކަންފުޅާ އުޅުއްވާތީ މީގެ ދުވަސްކޮޅެއް ކުރިން ވެސް ފުއާދު އަވަށްޓެރި އިންޑިއާގައި އެތައް ދުވަހެއް ވަންދެން މަޑު ކުރެއްވި އެވެ.

ފުއާދު އިންޑިއާއަށް މިރޭ ފުރާވަޑައިގަތް އިރު، އެނބރި ރާއްޖެ އަށް ވަޑައިގަންނަވާ ދުވަހެއް އަދި ނޭނގެ އެވެ.

އާންމުކޮށް ފެންނަ މަންޒަރަކީ އެފަދަ ބޮޑު ހިތާމައެއް ކުރިމަތިވާ ހާލަތުގައި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެ ވަގުތަށް އުޒުރުވެރިވުމެވެ. އެހެން ނަމަވެސް ފުއާދު މިއަދު ދެއްކެވީ އޭގެ އިދިކޮޅެވެ. ދަރިފުޅުގެ ޖަނާޒާއަށް ފުރާވަޑައިގަނެވެން ދެން، ގައުމީ ހިދުމަތުގައި ސާބިތުވެ ހުންނެވީ އެވެ.

ހިތާމައިގެ ބޮޑުކަން ފުއާދުގެ މޫނުމަތިން ވެސް ފާހަގަވެ އެވެ. މިއަދު ރިޔާސީ އިންތިހާބުގެ މަރުކަޒު، ދަރުބާރުގެއަށް ވަޑައިގެން، ފުއާދަށް ކެންޑިޑެސީ ފޯމުތައް ހަވާލުކުރެއްވި ސިޔާސީ ލީޑަރުން ވެސް ވަނީ އޭނާއަށް ތައުޒިޔާ ދަންނަވައި ވާހަކަ ދައްކަވައިފަ އެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ގޮންޖެހުން ބޮޑު އިންތިހާބުތައް ބޭއްވުނުއިރު ވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ހުންނެވީ ފުއާދެވެ.

ކޯޓު މެދުވެރިކޮށް 2013 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކޮށް، އެތައް ހަމަނުޖެހުމެއް ހިންގި ފަހަރަކީ އެއިން ފާހަގަކޮށްލެވޭ ފަހަރެކެވެ. އޭރު އެތައް ބަޔަކު ފުއާދަށް ނުރުހުން ފާޅުކޮށް އެތައް ތުރާލެއް ކުރިމަތިކުރުވި އެވެ. ނަމަވެސް އޭނާ އޭރު ދެއްކެވި ހިތްވަރާއި ސާބިތުކަމާއި މަސައްކަތުގެ ނަޒާހަތްތެރިކަމަށް އާންމު ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން އޭގެ ފަހުން އަބަދުވެސް ތައުރީފު ކުރެ އެވެ.

މީގެ 15 ވަރަކަށް ދުވަސް ކުރިން، ފުއާދުގެ އަނބިކަނބަލުންގެ ބައްޕަ ވެސް ވަނީ ނިޔާވެފަ އެވެ. އޭނާ ދިރިއުޅުއްވަމުންގެންދެވީ ފުއާދާއި އަނބިކަނބަލުންނާއެކު އެއް ގެއެއްގަ އެވެ.