12 ނޮވެންބަރު 2024 - 22:55 1
އަހުމަދު އާއިދު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެމަނިކުފާނު މިރޭ ވިދާޅުވީ ރައީސް މުއިއްޒުގެ މުށުތެރެއަށް ބާރުތައް ޖަމާކުރަނީ 2028 ގެ ރިޔާސީ އިންތިހާބު ފޭރިގަންނަން ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
12 ނޮވެންބަރު 2024 - 22:55 1
މި ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުށުތެރެއަށް ބާރުތައް ޖަމާކުރަނީ 2028 ގައި ބާއްވާ ރިޔާސީ އިންތިހާބު ރިގުކޮށް ފޭރިގަންނަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު ވަނީ އެކި މިނިވަން މުއައްސަސާތަކަށް ރައީސްގެ ނުފޫޒު ފޯރުވާގޮތަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވާފަ އެވެ.
އެގޮތުން އިލެކްޝަން ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ވެރިން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހުރިއްޔާއަށް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުތަކުގެ ވާހަކަ އެމަނިކުފާނު މިރޭ ފާހަގަކުރެއްވި އެވެ.
އެ ބިލުތަކާއި މައްސަލަތަކާއެކު ގާނޫނު އަސާސީން މިނިވަން މުއައްސަސާތަކަށް ލިބިދީފައި އޮތް ބާރު ރައީސް މުއިއްޒު ގެންދަވަނީ މުށުތެރެއަށް ލައްވަވަމުން ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.
"ދެބޭފުޅެއް ވަކިކުރަން މަޖިލީހަށް އެއޮތީ ހުށަހަޅާފަ. އޭސީސީގެ މެންބަރެއް ވަކިކުރަން އެއޮތީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ. ބޭނުމަކީ ކޮބާތޯ. ބާރުތައް ޖަމާކޮށް ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރިގުކޮށް، ފޭރިގަތުން،" ސޯލިހު ވިދާޅުވި އެވެ.
ސަރުކާރުގެ މި ރޭވުމަށް އިދިކޮޅުން ފުރުސަތު ދީގެން ނުވާނެ ކަމަށާއި މިއަދު އިދިކޮޅުން ތެދު ނުވެއްޖެ ނަމަ ޖެހިގެން އޮތް ރިޔާސީ އިންތިހާބު އަންނައިރު އިދިކޮޅަށް އެއްވެސް ކަމެއް ނުކުރެވޭ ވަރަށް ބާރުތައް ޖަމާކުރާނެ ކަމަށްވެސް އެމަނިކުފާނު މިރޭ ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކަށް ރައީސް ބާރުފޯރުވާ ކަމުގެ ތުހުމަތު ސޯލިހު ކުރެއްވިއިރު، މިއަދު މަޖިލީހަށް އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އާއި މެންބަރު ތޯހާ މުހައްމަދު އަދި އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރުން ކަމަށްވާ ޑރ. މުހައްމަދު ޒާހިރުގެ އިތުރުން މުހައްމަދު އާސިފް ވަކިކުރުމުގެ މައްސަލަ ވަނީ ވައްދާފަ އެވެ. އެ މެންބަރުންގެ އިތުރުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު ވަކިކުރުމުގެ މައްސަލަ ވެސް މަޖިލީހުން ވަނީ މިއަދު ބަލަން ފަށާފަ އެވެ.
Comment