ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް; އޭނާ ވަނީ މިއަދު ޖޭޕީން ވަކިވެވަޑައިގެންފައި -- އިޔާން / އަދަދު
ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެމްބަރެއްގެ ހައިސިއްޔަތުން މަގާމަށް ވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. އަބްދުالله މައުސޫމް އެންމެ ފަހުން އެޕާޓީން ވަކިވެ ވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓީއާ 2014 ވަނަ އަހަރު ގުޅިވަޑައިގެންނެވީއްސުރެ އެޕާޓީގައި ހުންނެވުމަށް ފަހު ޑރ. މައުސޫމް އެ ޕާޓީން ވަކިވެވަޑައިގެންނެވީ މިއަދު އެވެ. ޖޭޕީން ވަކިވެވަޑައިގެންނެވިކަން ހާމަކުރައްވަން ކުރެއްވި ޓްވީޓުގައި އޭނާ ހިއްސާކުރެއްވީ 2014 ގައި ޖޭޕީއާ ގުޅިވަޑައިގަންނަވަން ސޮއިކުރެއްވި އިރުގެ ފޮޓޯ އެކެވެ. އެއާ އެކު އެޕާޓީގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވި އެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި, އެ ޕާޓީގެ ލީޑާޝިޕް އަދި މެންބަރުން ބެހެއްޓެވި ގާތްކަން ފާހަގަކުރައްވޒައި އެެ ބޭފުޅުންނަށް ވެސް މައުސޫމު ޝުކުރު އަދާކުރެއްވި އެވެ.
މައުސޫމަކީ ޖޭޕީގައި އުޅުއްވި އިރު ގާސިމްގެ ވަރަށް އަރިސް ބޭފުޅެކެވެ.
ޑރ. މައުސޫމް ޖޭޕީން ވެކިވެ ވަޑައިގެންފައި މިވަނީ, އެ ޕާޓީން މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލައަށް ވާދަކުރަން ނިންމާ, ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ފޯމު އިލެކްޝަން ކޮމިޝަނުން ބަލައިގަތް ދުވަހު އެވެ.
ޖޭޕީން އިންތިހާބުގައި ވާދަކުރަން ނިންމުމާއެކު, ޑރ. މައުސޫމް ވަނީ މި އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާނެ ކަން ހާމަކުރައްވައިފަ އެވެ.
ޖުމްހޫރީ ޕާޓީ ވަކިން އިންތިހާބަށް ނުކުންނަން ނިންމުމާއެކު، ޕާޓީން ވަކިވި މެންބަރުންގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރާއި، ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދާ، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޝާހު، އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު (ހަނަފީ) ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment