Advertisement

މާފުށި ޖަލަށް ވޯޓު ލާން ޔާމީން ރީރަޖިސްޓާ ނުކުރައްވާ

7 އޮގަސްޓު 2023 - 17:28 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހާޒިރުކުރަން ކަރެކްޝަންސްގެ ވެހިކަލުގައި ގެނެސް ވައްދަނީ؛ މާފުށީ ޖަލަށް ވޯޓު ދޭން އެމަނިކުފާނު ރަޖިސްޓްރާ ނުކުރާ ކަން އެނގިއްޖެ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މާފުށި ޖަލަށް ވޯޓު ލާން ޔާމީން ރީރަޖިސްޓާ ނުކުރައްވާ

7 އޮގަސްޓު 2023 - 17:28 0

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލާން، މާފުށީ ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލުގައި ވޯޓު ލައްވަން ރަޖިސްޓްރީ ނުކުރައްވާ ކަން އެނގިއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ޔާމީނުގެ ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅަންދެކަށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ކަން ވެސް ދީފައިވާ ޔާމީނުގެ ނަން މާފުށީ ޖަލުގައި ވޯޓުލާ މީހުންގެ ލިސްޓުން ފެންނާކަށް ނެތެވެ.

ޔާމީނު ވޯޓު ލައްވަން އޮތީ އެމަނިކުފާނުގެ ދާއިމީ އެޑްރެސް މއ. ކާމިނީގެ ހުޅަނގު ބައި ނިސްބަތްވާ މައްޗަންގޯޅި އުތުރު ދާއިރާގެ ދެ ނަންބަރު ވޯޓު ފޮއްޓަށެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް "އަދަދު" ނޫހަށް ވިދާޅުވީ މާފުށީ ޖަލަށް ވޯޓު ލައްވަން އެމަނިކުފާނު ރީރަޖިސްޓާ ކުރުމުގެ މަސައްކަތް ނުކުރީ، އެމަނިކުފާނަކީ ޖަލުގައި ހުންނަވަން ޖެހޭ ބޭފުޅެއް ކަމަށް އެމަނިކުފާނާއި ޕާޓީއަށް ވެސް ނުފެންނާތީ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަމުން އައީ ޝަރުއީ ނިޒާމުގެ ތެރެއިން އެމަނިކުފާނަށް އިންސާފު ލިބިގެން ދާނެ ކަމަކަށް، އަޅުގަނޑުމެންގެ މުޅި ފޯކަސް ވެސް ބޭއްވީ އެ މަސައްކަތަށް،" ތޮލާލް ވިދާޅުވި އެވެ.

ވާދަނުކުރެއްވޭނެ ކަން ޔާމީނަށް ޔަގީންވުމުން ފުރަތަމަ ލަފާ ދެއްވީ ޕީޕީއެމުން އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އޭރު ބެކްއަޕް ކެންޑިޑޭޓަކަށް ޕީއެންސީގެ ކެންޑިޑޭޓެއް ތައްޔާރުކޮށް، އަދި ވަގުތު ލިބިއްޖެނަމަ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެވޭނެ ކަމަށް އެ ދެ ޕާޓީ ހިމެނޭ ކޯލިޝަންގެ ލީޑާޝިޕުން ދިޔައީ ބުނަމުންނެވެ.

މާފުށީ ޖަލުން އެމަނިކުފާނު ފޮނުވި ސިޓީއާ ގުޅިގެން، ޕީޕީއެމް ސެނެޓުގައި އިއްޔެ ބަހުސް ބޮޑުވެ ހަމަނުޖެހުން ވެސް އުފެދުނެވެ. ފަހުން ސެނެޓުން ފާސްކުރީ، ޔާމީން މިނިވަން ކުރެވެން ވެސް އޮތީ ރިޔާސީ އިންތިހާބުގައި އެ ޕާޓީ ވާދަކޮށް އިންތިހާބު ކާމިޔާބުކޮށްގެން ކަމަށެވެ.

ސެނެޓުގެ 67 މެންބަރަކު ބޮއިކޮޓް ކުރުމާ ދެކޮޅަށް ވޯޓު ދިންއިރު، ބޮއިކޮޓް ކުރަން ވޯޓު ދިނީ 45 މެންބަރެކެވެ. ސެނެޓުގެ އެ ނިންމުން ޔާމީނާ ހިއްސާކޮށް، މާފުށީ ޖަލުން އަނެއްކާ ވެސް ޔާމީން ފޮނުވި ނޯޓުގައި އެދިވަޑައިގަތީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.

މިއަދު ހެނދުނުވީއިރު ޕީޕީއެމްގެ ރަސްމީ ނިންމުން ސާފުނުވެ އޮއްވައި ޕީއެންސީގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އޭނާގެ ކެންޑިޑެސީ ފޯމު ހުށަހެޅުއްވި އެވެ. އޭގެ އިރުކޮޅެއްގެ ތެރޭގައި، ބޮއިކޮޓް ކުރުމުގެ ވިސްނުން ދޫކޮށްލައްވައި މުއިއްޒަށް ތާއީދުކުރައްވަން ޔާމީން ނިންމެވިކަން އެމަނިކުފާނުގެ ވަކީލުން ހާމަކުރެއްވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕީއެންސީގެ ސެނެޓުގައި ސިއްރު ވޯޓަކުން ނެގި ޕްރައިމަރީ ކާމިޔާބުކުރެއްވީ، އެ ދުވަހު ޕީޕީއެމުން ވަކިވަޑައިގެން ޕީއެންސީއަށް ސޮއިކުރެއްވި މުއިއްޒެވެ. މުއިއްޒަށް 25 ވޯޓު ލިބުނުއިރު، އޭނާއާ ވާދަކުރެއްވި މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ. ޕީޕީއެމުން އަދި ކެންޑިޑޭޓެއް ނެރޭ ވާހަކަ ދައްކަން ފެށީ އެ މަސައްކަތަށް ފަހުގަ އެވެ.