Advertisement

ސިޔާމްގެ ދ. އަތޮޅުން ރައީސް ސޯލިހަށް ބޮޑު ތާއީދެއް

8 އޮގަސްޓު 2023 - 06:36 1

ދ. ކުޑަހުވަދޫ

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ސޯލިހު އަދި ރަނިން މޭޓު އަސްލަމް, ކޯލިޝަން ޕާޓްނަރުންނާއެކު ހުޅުދެލީގައި: ރަނިންމޭޓާއެކު ކުރެއްވި ފުރަތަމަ ދަތުރުގައި އެމްޑީއޭގެ ދ. އަތޮޅުން ރައީސް ސޯލިހަށް ބޮޑު ތާއީދެއް ދެއްކި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ސިޔާމްގެ ދ. އަތޮޅުން ރައީސް ސޯލިހަށް ބޮޑު ތާއީދެއް

8 އޮގަސްޓު 2023 - 06:36 1

ދ. ކުޑަހުވަދޫ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަޑައިގަތީ ދ. އަތޮޅަށެވެ. މި އަތޮޅަކީ ރައީސްގެ ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގެ ތާއީދު އެންމެ ބޮޑު އެއް އަތޮޅެވެ.

މިއީ ރައީސް ސޯލިހުގެ ރަނިން މޭޓެއްގެ ގޮތުގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކަނޑައެޅި ފަހުން، އަދި ރައީސް ސޯލިހުގެ ކެންޑިޑެސީ އީސީއިން ބަލައިގެން ފަހުން ކުރައްވި ފުރަތަމަ ކެމްޕޭން ދަތުރެވެ.

ދެހާސް އަށާރައިގައި ރައީސް ސޯލިހު އަދި އެމްޑީޕީއަށް ދ. އަތޮޅުގެ މެޖޯރިޓީ ހޯދުނީ ކުޑަ ފަރަގަކުންނެވެ. އޭރު މި އަތޮޅުގެ އެންމެ ނުފޫޒުގަދަ ޕާޓީ ކަމަށްވާ އެމްޑީއޭ އޮތީ ވަކި ކޮޅަކަށް ނާރަ އެވެ. އެއަށްފަހު އައި މަޖިލިސް އިންތިހާބުގައި، އަބަދު ވެސް އެމްޑީއޭއިން ކާމިޔާބު ކުރާ ކުޑަހުވަދޫ ދާއިރާ އާއި، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމުގެ މީދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރި އެވެ.

2018 ގެ ރިޔާސީ އިންތިހާބުގެ ދ. އަތޮޅު ނަތީޖާ


1. އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: 2,409 2. އިބްރާހިމް މުހައްމަދު ސޯލިހު: 2,587

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ފެންނަނީ ކުޑަ ފަރަގެއް ނަމަވެސް، އެމްޑީއޭގެ ކޯލިޝަނާއެކު ރައީސް މި އަތޮޅަށް ކުރެއްވި ފުރަތަމަ ދަތުރުގެ މަންޒަރުތަކުން މި އަހަރުގެ އިންތިހާބުގައި ރައީސް ސޯލިހަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

ރައީސް އިއްޔެ ހެދުނު ފެއްޓެވި މި ދަތުރު ނިންމަވާލެއްވީ ދ. އަތޮޅުގެ ހުރިހާ ރަށަށް ވަޑައިގަންނަވާ ތަރައްގީގެ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވައި އަދި އާ ވައުދުތައް ވެވަޑައިގެންފަ އެވެ.

ދ. މީދޫ

ރައީސް ސޯލިހު އިއްޔެ އެންމެ ފުރަތަމަ ވަޑައިގެންނެވީ ސިޔާމްގެ ދާއިރާ ނިސްބަތްވާ މައި ރަށް، މީދޫ އަށެވެ.

މި ރަށުގެ ފެނުގެ ނިޒާމު އިފްތިތާހުކުރައްވައި، ފެނަކަ އޮފީހާއި އާ އިންޖީނުގެ ރައީސް ސޯލިހު ހުޅުވައި ދެއްވި އެވެ.

"އަޅުގަނޑުމެން [2018 ވަނަ އަހަރު] ދެއްކިން މިނިމަމް ވޭޖް ކަނޑައަޅާނެ ވާހަކަ. ކީކޭތޯ ބުނީ؟ ތިކަމެއް ނުވާނެޔޭ. ސަރުކާރުގެ މުއައްޒަފުންގެ މުސާރަ ބޮޑުކޮށްދޭނަމޭ އަޅުގަނޑުމެން ބުނިން. ކީކޭތޯ އެމީހުން ބުނީ؟ ތިކަމެއް ވެސް ނުވާނެޔޭ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ ކޮވިޑު ވެސް ކޮންޓްރޯލް ކުރެވިއްޖެ. ބޯޑަރު ވެސް ހުޅުވިއްޖެ. ރިސޯޓުތައް ވެސް ހުޅުވިއްޖެ. މީހުން ވެސް އަންނަން ފަށައިފި. އިގްތިސާދު ވެސް ކުރިއަރަން ފަށައިފި،" މީދޫގާ ހުންނަވާ ރައީސް ވިދާޅުވި އެވެ.

ވައުދުތައް

  • ގޯތި ދޫކުރުން
  • ރޯ ހައުސް އެޅުން
  • ބޮޑެތި ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ހެދުން
  • އޭޓީއެމް ގާއިމުކުރުން
  • އައިސް ޕްލާންޓުގެ މަސައްކަތް އަވަސްކޮށްދިނުން
  • ފުޓްބޯޅަ ދަނޑުގައި ލަނޑު ޖެހުން
  • ވޮލީ ކޯޓު އެޅުން

މީދޫގެ ވޯޓުލެވޭ އާބާދީއަކީ 1،014 އެވެ.

ދ. ރިނބުދޫ

ރާއްޖޭގެ ތާރީހުގައި އަތްތެރި މަސައްކަތަށް އެންމެ މަޝްހޫރު މި ރަށަށް ވަޑައިގެން ބަނދަރު ހުޅުއްވައިދެއްވި އެވެ. އަދި ފެނަކަ އޮފީހާއި އިންޖީނުގެ ވެސް ހުޅުއްވައިދެއްވި އެވެ.

"އަަޅުގަނޑުމެން މި އެޅި ފިޔަވަޅުތަކާ އެކީގައި އެނގިވަޑައިގަންނަވާނެ ހާއްސަކޮށް މަޖިލިސް ތެރޭގައި ދެކެވުނު ވާހަކަ. ރާއްޖެ ބަނގުރޫޓުވާނޭ. މަހަކު އެއް ފަހަރު ބަނގުރޫޓުވޭ. މިދިޔަ އަހަރު ޖޫން މަހުން ފެށިގެން ކޮންމެ މަހެއް އެެއީ ރާއްޖެ ބަނގުރޫޓުވެފައި އޮތް މަހެއް،" ރައީސް ސޯލިހުގެ މި ރަށުގެ ބަނދަރު ބައްދަލުވުމުގައި ވިދާޅުވި އެވެ.

ރިނބުދޫގައި ހުންނަވާ ރައީސް ރައްދު ދެއްވީ މާލީ ގޮތުން ކުރިމަތިވި މައްސަލަތައް ހައްލުކުރުމަށް ފައިސާ ޗާޕުކުރުމުން އޭރު އެންމެ ބޮޑަށް ފާޑުވިދާޅުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށެވެ.

ވައުދުތައް

  • ޒަމާނީ ހުކުރު މިސްކިތެއް
  • ސްކޫލަށް ބޭނުންވާ ކްލާސްރޫމްތައް
  • ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް އަވަސްކޮށްދޭނަން
  • ގޯތި ދޫކުރުން
  • ވޮލީ ކޯޓެއް
  • ސިއްހީ މަރުކަޒަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން

ރިނބުދޫގެ ވޯޓުލެވޭ އާބާދީއަކީ 314 އެވެ. އެ ރަށަށްފަހު ރައީސް ދެން ވަޑައިގަތީ އެ އަތޮޅު ބަނޑިދޫއަށެވެ.

ދ. ބަނޑިދޫ

ބަނޑިދޫއަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގައި މި ސަރުކާރުން ގާއިމުކުރި ކަންކަމާއި މި ރަށަށް، މި ދާއިރާގެ މެމްބަރު އަދި ރައީސް ސޯލިހުގެ ކޯލިޝަން ޕާޓުނަރު ސިޔާމް ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަ ކުރައްވައިފަ އެވެ. އަދި ކުޑަރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ.

"ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެންގެ ސިޔާސަތަކީ އެއްވެސް ރަށެއް ތަފާތު ނުކުރުން، ހަމަހަމަކޮށް ހުރިހާ އެންމެންނަށް މި ހިދުމަތްތައް ފޯރުކޮށްދިނުން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް ނިންމާލާނީ ރައްޔިތުން އެ ބޭނުންވާ އަސާސީ ހިދުމަތްތައް ހުރިހާ ރަށެއްގައި ތަފާތުކުރުމެއް ނެތި ފޯރުކޮށްދީފަ"

ރައީސް ސޯލިހު ބަނޑިދޫގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން އެމްޑީއޭގެ ސަޕޯޓަރުން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ވައުދުތައް

  • އައިސް ޕްލާންޓު
  • މަލްޓި ޕާސްޕޯސް ހޯލު
  • ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު ތަފުސީލުތައް
  • ސްކޫލަށް ބޭނުންވާ ކްލާސްރޫމްތައް
  • ކުނި މެނޭޖްކުރުމަށް ހާއްސަ ފެސިލިޓީއެއް
  • އިންޖީނުގެއަށް އާ އިމާރާތެއް
  • ބިން ހިއްކުން
  • މަގުތައް ޒަމާނީ ފެންވަރަކަށް ހެދުން
  • ކައުންސިލަށް އާ އިމާރާތެއް

ދ. ހުޅުދެލި

މި ރަށުގައި ހެދި ޒަމާނީ ފެންވަރުގެ ބަނދަރު ހުޅުއްވައި އަދި ފެނުގެ ނިޒާމުގެ މަސައްކަތް ނިންމުން އިފްތިތާހުކޮށްދެއްވި އެވެ. އަދި އިންޖީނުގޭގެ އިތުރުން ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވި އެވެ.

"މިއަދު ކުރިމަތިލާ އެންމެންގެ ނަން އެވަނީ ހާމަވެފަ، އަށް ކެންޑިޑޭޓުން އެބަތިބި، ހަމައެކަނި ކޯލިޝަނެއްގެ ގޮތުގަ ނިކުމެ މިތިބީ އަޅުގަނޑުމެން، އެހެން ހުރިހާ ޕާޓީއެއްވެސް، އެހެން ހުރިހާ ކެންޑިޑޭޓުންވެސް މަސައްކަތް ކުރި އެހެން ޕާޓީތަކުގެ ތާއީދު ހޯދަން، އެހެން ނަމަވެސް ނިމުނުއިރުގަ ނަތީޖާއަކީ ވަކިވަކިން ކުރިމަތިލާން ޖެހުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ހުޅުދެލީގައި ހުންނަވާ ރައީސް ވިދާޅުވީ އެމަނިކުފާނާއެކު މިހާރު އޮތީ ރާއްޖޭގައި އޮތް އެންމެ ބޮޑު ކޯލިޝަން ކަމަށާއި އެ ތިން ޕާޓީގައި 80،000 މެމްބަރުން އެބަތިބި ކަމަށެވެ.

ވައުދުތައް

  • ޒުވާނުންނަށް ކޮމިއުނިޓީ ސެންޓަރެއް
  • ކައުންސިލް އިދާރާއަށް އާ އިމާރާތެއް
  • އޭޓީއެމް ގާއިމުކުރުން
  • ހުޅުދެލި ކައިިރީ ސްޕޯޓްސް ފިޝިން އަށް ހާއްސަ ކަނދުފައްޗެއް އެޅުން
  • އައިސް ޕްލާންޓެއް އެޅުން
  • ހެލްތު ސެންޓަރަށް އަޕްގްރޭޑް ކުރުން
  • ހުރިހާ ބޮޑެތި މަގުތަކެއް ޒަމާނީ ފެންވަރަކަށް ހެދުން
  • ބިން ހިއްކުން

ހުޅުދެއްޔަކީ މި ދަތުރުގައި ރައީސް ސޯލިހު އެންމެ ގިނަ ރިޔާސީ ވައުދު ވެވަޑައިގެންނެވި ރަށަށެވެ. ހުޅުދެލީގެ ވޯޓުލެވޭ އާބާދީއަކީ 660 އެވެ. އެ ރަށަށްފަހު ރައީސް ދެން ވަޑައިގެންނެވީ އެ އަތޮޅު މާއެނބޫދޫއަށެވެ.

ދ. މާއެނބޫދޫ

ރައީސް ސޯލިހު މިރަށަށް ވަޑައިގެންނެވީ އިއްޔެ ހަވީރު އެވެ. ރައީސް ވަނީ މި ސަރުކާރުން އެ ރަށުގައި ގާއިމުކުރި ފުޓްސަލް ދަނޑު ހުޅުއްވައިދެއްވާފަ އެވެ.

ރައީސް ސޯލިހު މާއެނބޫދޫއަށް ފައިބާވަޑައިގަންނަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ވައުދުތައް

  • ބޯހިޔާވަހިކަން ހައްލުކުރުމަށް ރޯހައުސް އަޅައިދިނުން
  • ހެލްތު ސެންޓަރު އަޕްގްރޭޑްކޮށް 24 ގަޑިއިރު ހިދުމަތް ދެވޭ ގޮތް ހެދުން
  • މާއެނބޫދޫގައި އޮތް ދެ އައުޓްޑޯ ވޮލީ ކޯޓުގައި ޓާފު އަޅާ ލައިޓު ހަރުކުރުން
  • ސްކޫލަށް ބޭނުންވާ ސެން ކްލާސް، ލައިބްރަރީ އަދި އާ އޮފީސް އިމާރާތް އެޅުން

މާއެނބޫދޫއަށް ފަހު ރައީސް ދެން ވަޑައިގަތީ އެމަނިކުފާނު ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ފަހު ރަށް ކަމަށްވާ އެ އަތޮޅު ކުޑަހުވަދޫއަށެވެ.

ދ. ކުޑަހުވަދޫ

ހެނދުނު 9:30 ގައި ފެށި ދާލު ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި ރައީސް ރޭ ވަޑައިގެންނެވީ ކުޑަހުވަދޫ އަށެވެ. މި ރަށަށް ވަޑައިގެން ރައީސް ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނިކުމެ ތިބި ގިނަ ސަޕޯޓަރުންނާ ސަލާމްކުރައްވާފަ އެވެ. މި ރަށުން އެ މަނިކުފާނާ ދެކޮޅަށް އަޑުއުފުލަން ޕީޕީއެމް އާއި ދަ ޑިމޮކްރެޓްސްގެ ސަޕޯޓަރުން ނުކުތެވެ. އޭގެ ތެރެއިން ދެ މީހަކު ހައްޔަރު ވެސް ކުރި އެވެ.

ކުޑަހުވަދޫގައި މި ސަރުކާރުން ގާއިމުކުރި ފެނަކަ އޮފީހާއި ފުޓްބޯޅަ ދަނޑު ރައީސް ހުޅުއްވައި ދެއްވި އެވެ.

ވައުދުތައް

  • އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް
  • ހުރިހާ މަގުތަކެއް ތަރައްގީކޮށް ތާރުއެޅުން
  • އިސްލާމީ މަރުކަޒެއް އެޅުން
  • ގޯތި ތަކަށް އަމާޒުކޮށްގެން ހައުސިން ސްކީމެއްގެ ދަށުން ލުއި ލޯނު ދިނުން

ކުޑަހުވަދޫގައި ރޭ ކުރިއަށް ދިޔައީ މިހާތަނަށް ރައީސް ސޯލިހުގެ ކެމްޕޭނުގައި ބޭއްވި އެންމެ ބޮޑު އެއް ޖަލްސާ އެވެ. މި ޖަލްސާގައި އެމްޑީޕީ ކޯލިޝަނުން މި އަހަރުގެ އިންތިހާބަށް ތައްޔާރުކުރި މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތު ކަމަށްވާ 'އުފާވެރި ދިރިއުޅުން' ރައީސް ސޯލިހު ވަނީ އިފްތިތާހު ކޮށްދެއްވާފަ އެވެ.

"އަށް ކެންޑިޑޭޓުން ކުރިމަތިލީ ފުރަތަމަ ފަހަރު. 2008 ގައި ހަ ކެންޑިޑޭޓުން، އޭގެ ފަހުން މިހާ ގިނަ ކެންޑިޑޭޓުން ކުރިމައްޗެއް ނުލާ، ކުރިއަށް ވުރެ މާ ބޮޑު ތަނުން ފަސޭހަވެއްޖެ، އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް އިންތިހާބު ކާމިޔާބު ކުރާނީ އެއް ބުރުން،" ކުޑަހުވަދޫގައި ހުންނަވާ ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސްގެ އިތުރުން އެ ޖަލްސާގައި ރަނިން މޭޓު، މެންބަރު އަސްލަމް ވެސް ވާހަކަދެއްކެވި އެވެ. މިއީ އެ މަސްއޫލިއްޔަތު ލިބިލެއްވުމަށްފަހު އަސްލަމް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

"އަޅުގަނޑުގެ އިހުލާސްތެރިކަމާ މެދު ފުކެއް ވެސް ، އަޅުގަނޑުގެ އިހުލާސްތެރިކަމާ އަޅުގަނޑުގެ ތެދުވެރިކަމާ މެދު ފުކެއްގެ ޝައްކެއް އުފެދޭ މިންވަރު ކަމެއް ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ކިބައިން ފެނިގެނެއް ނުދާނެ،" އަސްލަމް ވިދާޅުވި އެވެ.

ދ. އަތޮޅު ދަތުރަށް ފަހު ރައީސް މިއަދު ވަޑައިގަންނަވާނީ ހުވަދު އަތޮޅަށެވެ. ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގދ. އަތޮޅުގެ ރަށްތަކަށެވެ.