Advertisement

ވިޒިޓް މޯލްޑިވްސް ޕްރޯ 2023: ވަރުގަދަ ހީޓެއްގައި ވާދަކޮށް ކުޑަ އައްޔަ ވެސް އަނެއް ބުރަށް

7 އޮގަސްޓު 2023 - 09:34 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން ބައިގެ ދެވަނަ ބުރުގައި ކުޑަ އައްޔަ ވާދަކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ވިޒިޓް މޯލްޑިވްސް ޕްރޯ 2023: ވަރުގަދަ ހީޓެއްގައި ވާދަކޮށް ކުޑަ އައްޔަ ވެސް އަނެއް ބުރަށް

7 އޮގަސްޓު 2023 - 09:34 0

މިމަހުގެ ތިން ވަނަ ދުވަހު ފެށި ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން ބައިގެ ދެވަނަ ބުރުގައި ވާދަވެރި އަދި ފޯރިގަދަ ހީޓަކަށްފަހު ރާއްޖޭގެ އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އަނެއް ބުރުން ޖާގަ ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގައި ރަނގަޅު ކާމިޔާބެއް ހޯދި ކުޑަ އައްޔަ އާއިއެކު ދެވަނަ ބުރުގެ ހީޓު ހަތަރެއްގައި ވާދަކުރީ ފްރާންސްގެ ޔަން ސަލައުން އާއި ސައުތު އެފްރިކާގެ ހޫގޯ ނައުޑޭ އަދި ސްޕެއިންގެ އެލެގްޒަންޑާ މޮންޓޭސްއާ އެވެ.

މި ހީޓުގެ ކުރީކޮޅުގައި ނައުޑޭ އާއި މޮންޓޭސް ރަނގަޅު ސްކޯތަކެއް ހޯދައި ކުރިއަށް ޖެހިލި އެވެ. އޭގެ ފަހުން ސަލައުން ވަނީ ގާތް ގާތުގައި ރަނގަޅު ދެ ރާޅު ދުއްވާލައި 12.90ގެ ޖުމްލަ ސްކޯއެއް ހޯދައި ހަމަޖެހިލާފަ އެވެ.

ކުޑަ އައްޔަ އަށް ލިބުނު ފުރަތަމަ ދެ ރާޅުގައި މާ ރަނގަޅު ސްކޯއެއް ނުހޯދުނު ނަމަވެސް ތިން ވަނަ ރާޅުގައި 7.50ގެ ސްކޯއެއް ހޯދައި އޭނާ ހީޓުގެ ދެވަނައަށް ޖެހިލި އެވެ. ނައުޑޭ އާއި މޮންޓޭސް އޭގެ ފަހުން ގިނަ ރާޅުތަކެއް ދުއްވާލި ނަމަވެސް އަައްޔަގެ ސްކޯ އަތުވާ ގޮތެއް ނުވި އެވެ.

ހީޓުން ދެވަނަ އަައްޔައަށް ލިބުނީ 10.40ގެ ސްކޯއަކުންނެވެ. 9.25ގެ ސްކޯއަކުން ނައުޑޭ ތިންވަނަ އަށް ދިޔައިރު، 8.75ގެ ސްކޯއަކުން މޮންޓޭސް ދިޔައީ ފުލަށެވެ.

މި ހީޓުން ތިންވަނަ ބުރަށް ކޮލިފައިވީ ސަލައުން އާއި އައްޔަ އެވެ. ނައުޑޭ އާއި މޮންޓޭސްވަނީ ކަޓާފަ އެވެ.

ތިން ވަނަ ބުރުގައި އައްޔަ ނުކުންނާނީ ފްރާންސްގެ އަމައުރީ ލެވާން، ބްރެޒިލްގެ ޔޫރީ ވަލަޑާނޯ އަދި ފްރާންސްގެ އިވާން ކޮލޯރެކްއާ ދެކޮޅަށެވެ.

ވިޒީޓް މޯލްޑިވްސް ޕްރޯގައި މިއަދު ކުރިއަށްދިޔަ މެންސް އޯޕަން ބައިގެ ހީޓެއްގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މުބާރާތުގެ ފިރިހެން އޯޕަންގެ ދެވަނަ ބުރުގައި މިއަދު ކުރިއަށްދިޔަ އެހެން ހީޓުތަކަށް ބަލާއިރު ދެވަނަ ބުރުގައި ފުރަތަމަ ހީޓުން ކުރި ހޯދައި ދެވަނަ ބުރުގެ ޖާގަ ހޯދީ އޮސްޓްރޭލިއާގެ ކޭން ބްރޫވާ އާއި ފްރާންސްގެ ނިކޮލަސް ކަޕޯނީ އެވެ. މި ހީޓުން ކެޓީ މެލޭޝިއާގެ ސައިދު ހުސެއިން އާއި ހަވާއީގެ ކައިނާލޫ ޝިމް އެވެ. ދެވަނަ ހީޓުން ފްރާންސްގެ ކްލެމެންޓް ލޮޑޭހޯ އާއި އެޑާ ލޫސިއާނޯ ތިންވަނަ ބުރުން ޖާގަ ހޯދިއިރު، ރާއްޖޭގެ ޖާވިދު އާއި ދާވޫދު ފަޒީހު ވަނީ ކަޓާފަ އެވެ.

ހީޓު ތިނަކުން ފްރާންސްގެ އިވާން ކްލޮރެކް އާއި ޕޯޗުގަލްގެ ޕެޑްރޯ ބެޓެންކޯޓު ތިން ވަނަ ބުރުން ޖާގަ ހޯދިއިރު، އޮސްޓްރޭލިއާގެ ތެޗާ އާއި ރާއްޖޭގެ ނަޒްމީން ވަނީ ކަޓާފަ އެވެ.

ހީޓު ފަހަކާއި ހަޔެއްވެސް ފެނުނީ ނޭވާ ހިފަހައްޓާލަން ޖެހޭހާ ފޯރިގަދަކޮށެވެ. މި ދެ ހީޓުން ތިންވަނަ ބުރުގެ ޖާގަ ހޯދީ ފްރާންސްގެ ޒިގީ ކެވިއާ، ސައުތު އެފްރިކާގެ ރޮބާޓް ބާމަން އަދި ސްޕެއިންގެ ޚޯރްހޭ ހެނާންޑޭޒް އާއި އާމިޑް ސޮލިވަރޭސް އެވެ. ރާއްޖޭގެ ޒުވާން ބޮޑީބޯޑަރު އިޔާން އަހުމަދުވެސް ވަނީ ތިންވަނަ ބުރުން ޖާގަ ހޯދާފަ އެވެ. ފްރާންސްގެ ފަބިއަން ތަޒާ އާއިއެކު އިޔާން ހީޓު ހަތަކުން ތިންވަނަ ބުރުގެ ޖާގަ ހޯދިއިރު، މި ހީޓުގެ ތިންވަނަ އަށް ދިޔަ އާމިން ވަނީ މުބާރާތުން ކަޓާފަ އެވެ.