Advertisement

ވިޒިޓް މޯލްޑިވްސް ޕްރޯ:ދުނިޔޭގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދި މައިކް ބަލިކޮށް ޝާމް ތިން ވަނަ ބުރަށް

7 އޮގަސްޓު 2023 - 09:36 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން ޑިވިޝަންގެ ތިންވަނަ ބުރުން ޖާގަ ހޯދުމަށްފަހު ޝާމް އުފާފާޅުކުރަނީ - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު


ވިޒިޓް މޯލްޑިވްސް ޕްރޯ:ދުނިޔޭގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދި މައިކް ބަލިކޮށް ޝާމް ތިން ވަނަ ބުރަށް

7 އޮގަސްޓު 2023 - 09:36 0

ދުނިޔޭގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައި ހަވާއީގެ މައިކް ސްޓެވާޓް ފަހަތަށް ޖައްސާލައި ރާއްޖޭގެ އަލީ ޝާމް ރާފިއު ފިރިހެން ޑިވިޝަންގެ ތިން ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މާލޭގެ ވަރުނުލާ ރާޅުގަނޑުގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2023ގެ ފިރިހެން ޑިވިޝަންގެ ދެ ވަނަ ބުރުގައި ޝާމް ނުކުތީ ދުނިޔޭގެ ނިސްބަތުން ވަރުގަދަ ބޮޑީބޯޑަރުންތަކަކާ ދެކޮޅަށެވެ. އޭގެ ތެރޭގައި ނުވަ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައި ހަވާއީގެ މަޝްހޫރު ބެންޒާއީ ޕައިޕްލައިން މުބާރާތް ރެކޯޑު 11 ފަހަރު ހޯދައި، ދުނިޔޭގައި މިސްޓަ ޕައިޕް ލައިންގެ ނަމުން މަޝްހޫރު މައިކް ސްޓެވާޓް ހިމެނެ އެވެ.

މި ހީޓުގައި ވާދަކޮށް 12.00ގެ ސްކޯއަކުން ޝާމް އެއްވަނަ ހޯދިއިރު، ދެވަނައަށް ދިޔަ މައިކް އަށް ލިބުނީ 11.00ގެ ސްކޯއެކެވެ. ހީޓުން ފުލަށްގޮސް ކެޓީ އޮސްޓްރޭލިއާގެ ދެ ބޮޑީބޯޑަރުންނެވެ. މިގޮތުން 9.95ގެ ސްކޯއަކާއިއެކު ތޯމަސް މޮރިސް ތިންވަނައަށް ދިޔައިރު، ޒުވާން ބޮޑީބޯޑަރު ރްޔާން ހިލް-ސްމިތަށް ލިބުނީ 5.40ގެ ސްކޯއެކެވެ.

ތިން ވަަނަ ބުރުގައި ޝާމް އަށް އޮތީ ވަރުގަދަ ހީޓެކެވެ. އޭނާއާ ދެކޮޅަށް ނުކުންނާނީ މިދިޔަ އަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގެ ޗެމްޕިއަން ޑޭވިޑް ހަބާޑް އާއި މޮރޮކޯގެ ބްރަހިމް އިޑޫޝް އަދި ރާއްޖޭގައި މި ވަގުތު އެންމެ ބާރަށް ކުރިއަރަމުން އަންނަ ބޮޑީބޯޑަރު އިޔާން އަހުމަދު އެވެ.

އަލީ ޝާމް އަކީ އައިބީސީ ވޯލްޑް ޓުއާ މުބާރާތެއްގެ ހީޓަކުން އެއްވަނަ ހޯދި ރާއްޖޭގެ ފުރަތަމަ ބޮޑީބޯޑަރެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގައި މޮޅު ހުނަރުތަކެއް ދައްކާފަ އެވެ.