Advertisement

ވިޒިޓް މޯލްޑިވްސް ޕްރޯ: 14 އަހަރުގެ އިޔާން ފިރިހެން ބައިގެ ތިން ވަނަ ބުރަށް

7 އޮގަސްޓު 2023 - 09:35 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން ބައިގެ ތިންވަނަ ބުރުން ޖާގަ ހޯދުމަށްފަހު އިޔާން އަހުމަދު އުފާފާޅުކުރަނީ - ފޮޓޯ: އަދަދު


ވިޒިޓް މޯލްޑިވްސް ޕްރޯ: 14 އަހަރުގެ އިޔާން ފިރިހެން ބައިގެ ތިން ވަނަ ބުރަށް

7 އޮގަސްޓު 2023 - 09:35 0

މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2023 ގެ ފިރިހެން ޑިވިޝަންގެ ތިން ވަނަ ބުރުން ރާއްޖޭގެ އުއްމީދީ ޒުވާން ބޮޑީބޯޑަރު އިޔާން އަހުމަދު ޖާގަ ހޯދައިފި އެވެ.

އުމުރުން 14 އަހަރުގެ އިޔާން އަކީ މި އަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަކުރާ ދެ ވަނަ އަށް އެންމެ ޒުވާން ބޮޑީބޯޑަރެވެ. މި އަހަރުގެ ޖޫނިއާ ބައި އަދި ސީނިއާ މެންސް ބައިގައި ވެސް އިޔާން ވާދަކުރެ އެވެ. އިޔާން އަކީ މިދިޔަ އަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގައިވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދި ބޮޑީބޯޑަރެކެވެ.

މިއަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގައި އެންމެ ޗެލެންޖިން ބައިގެ ގޮތުގައި ފާހަގަވެފައިވާ ފިރިހެން ޑިވިޝަންގެ ދެވަނަ ބުރުގައި އިޔާން މިއަދު ވަނީ އާދަޔާ ހިލާފު ހިތްވަރެއް ދައްކާފަ އެވެ.

ދެވަނަ ބުރުގައި އިޔާން ވާދަކުރީ ފްރާންސްގެ މަޝްހޫރު ބޮޑީބޯޑަރު ފަބިއަން ތަޒާ އާއި ރާއްޖޭގެ ގައުމީ ޗެމްޕިއަން އާމިން އުމަރު މޫސާ އަދި ރާއްޖޭގެ އިނާޝް ނައީމްއާ އެއް ހީޓެއްގަ އެވެ. މި ހީޓުގެ ބޮޑުބައި ނިމުނުއިރު އިޔާން އޮތީ ފުލުގަ އެވެ. އަނެއްކޮޅުން އޮއިބާރުވެ ދިޔަވަރު ބޮޑުވުމުގެ ސަބަބުން ރާޅާ އަޅަން އުނދަގޫތަކާވެސް ކުރިމަތިވި އެވެ.

ފަހު ފަސް ވަރަކަށް މިނެޓުގެ ތެރޭގައި އިޔާން ނަތީޖާ އަނބުރާލީ އޭނާ ދުއްވާލި ރާޅަކުން ހީޓުގައި އެއް ރާޅުން ހޯދި އެންމެ މަތީ ސްކޯކަމަށްވާ 5.75ގެ ސްކޯއެއް ހޯދައިގެންނެވެ. އިޔާން ފުރަތަމަ ދުއްވާލީ ރާޅަކީ އިންޓަފިއަރެންސެއްކަމަށް ބަލައި އެ ރާޅުން އޭނާ ހޯދި ސްކޯ ބަލައެއް ނުގަނެެ އެވެ. އެހެންނަމަވެސް ހީޓުގެ ފަހު ތިން މިނެޓާ ހަމައަށް އޭނާ އޮތީ އެއްވަނައިގައި އެވެ. ފަހު ދެ މިނެޓުގެ ތެރޭގައި ތަޒާ ދުއްވާލި ދެ ރާޅުން އޭނާ ވަނީ 7.60ގެ ސްކޯއެއް ހޯދައި ހީޓުގެ އެއްވަނަ ހޯދާފަ އެވެ. ހީޓުން ތިންވަނައަށް ދިޔަ އާމިން އަށް ލިބުނީ 5.15ގެ ސްކޯއެކެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން ބައިގެ ދެވަނަ ބުރުގައި އިޔާން އަހުމަދު ވާދަކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ހީޓަށްފަހު އިޔާން ބުނީ ތިންވަނަ ބުރުން ޖާގަ ހޯދޭނެކަމުގެ އިތުބާރު އޮތް ކަމަށާއި، ދިޔަވަރު ބޮޑުވެ އޮއިބާރުވިޔަސް އޭނާ އެއްވެސް ވަރަކަށް ޖެހިލުން ނުވާކަމަށެވެ.

"ޔަގީންކަން އޮތް، އެއްވެސް ވަރަކަށް ބިރެއް ނުގަނޭ ހަމަ. ބޭނުންވީ ރަނގަޅަށް ޕާފޯމްކުރަން. ވަރަށް ޕްރެޝަރުގައި ދިޔައީ" އިޔާން ބުންޏެވެ.

އެންމެ 14 އަހަރުގެ ކުޑަ ކުޑަ އިޔާން ހީޓަށް ފަހު އެއްގަމަށް އެރުމުން އޭނާ އަށް މަރުޚަބާ ކިޔަން ނިކުތީ ހަމައެކަނި ރާއްޖޭގެ ސަޕޯޓަރުންނެއް ނޫނެވެ. މުބާރާތުގައި ވާދަކުރާ ބައެއް ބައިނަލްއަގްވާމީ އެތުލީޓުންވެސް އެކަން ފާހަގަކުރި އެވެ.

ރާޅުތައް ބޮޑެތިވެ، އޮއިބާރު ކަމުން ބައެއް ހީޓުތަކުގައި ވާދަކުރި ބައެއް ބައިވެރިން ހީޓުގެ މެދުތެރެއިން އެއްގަމަށް އެރިތަންވެސް މިއަދު ފެނުނެވެ.

އިޔާން ވަނީ މިދިޔަ އަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން ބައިގެ ތިންވަނަ ބުރުންވެސް ޖާގަ ހޯދާފަ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ބުރުގައި އިޔާން ވަނީ ސައުތު އެފްރިކާގެ ނިކް އެސްޓްރޮމް ފަހު ވަގުތު ކަޓުވާލައި ގަދަ 16 އިން ޖާގަ ހޯދާފަ އެވެ. އިޔާންގެ އަމާޒަކީ މިދިޔަ އަހަރު ދެއްކި ޕާފޯމަންސަށްވުރެ ރަނގަޅު ހުނަރުތަކެއް މިއަހަރު ދަައްކާލުމެވެ.

މި އަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގެ ތިންވަނަ ބުރުގައި އިޔާން ނުކުންނާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ޑޭވިޑް ހަބާޑް، މޮރޮކޯގެ ބްރަހިމް އިޑޫޝް އަދި އަލީ ޝާމް ރާފިއުއާ ދެކޮޅަށެވެ.