Advertisement

ކާމިޔާބު ދިރާސީ އަހަރަކަށް ދަރިވަރުންނަށް ޓިޕްސް ކޮޅެއް

6 އޮގަސްޓު 2023 - 09:30 0

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

ދިރާސީ އަހަރު ފެށުމުގެ ގޮތުން ސްކޫލެއްގައި ބޭއްވި އެސެމްބްލީއެއްގެ ތެރެއިން. --އަދަދު ފައިލް ފޮޓޯ


ކާމިޔާބު ދިރާސީ އަހަރަކަށް ދަރިވަރުންނަށް ޓިޕްސް ކޮޅެއް

6 އޮގަސްޓު 2023 - 09:30 0

މިއަދަކީ ދަރިވަރުންގެ ތައުލީމީ ހަޔާތުގައި ވެސް އާ އަހަރެއް ފެށޭ ދުވަހެވެ. ކާމިޔާބު ހަޔާތެއްގެ ބިންގާ ކަމަށްވާ ރަނގަޅު ތައުލީމެއް ހޯދުމުގެ މަރުހަލާގައި، އަނެއްކާ ވެސް ނުވަ ވަރަކަށް މަސް ދުވަސް ހޭދަކުރަން މިއަދު ރަސްމީކޮށް ފަށާއިރު، ވިސްނަންވީ ހަމައެކަނި ޓީޗަރުން ނަގައިދޭ ފިލާވަޅުތަކަށް އެކަންޏެއް ނޫނެވެ. ކާމިޔާބު އަހަރެއް ފުރިހަމަކުރުމަށްޓަކައި، ކުރަން ޖެހޭ މުހިއްމު އެހެން ކަންކަން ވެސް އެބަހުއްޓެވެ. އެކަންކަމަކީ، ސްކޫލް މާހައުލުން އުނގަންނައިދޭ އެއްޗެއް ސިކުނޑީގައި ރަނގަޅަށް ހަރުލެއްވުމަށްޓަކައި، ކުރެވިދާނެ ކަންކަމެވެ. ތިރީގައި މި ކިޔައިދެނީ އެފަދަ ބައެއް ކަންކަމެވެ.

ޓާގެޓެއް ކަނޑައަޅައި، ޕްލޭނެއް ހެދުން:

އެކި ދަރިވަރުން އަހަރުގެ ތެރޭގައި ހާސިލްކުރަން ބޭނުންވާ ކަންކަން ތަފާތުވެދާނެ އެވެ. ބައެއް ދަރިވަރުންގެ އަމާޒަކީ، ހުރިހާ މާއްދާއަކުން ވެސް ޖުމްލަކޮށް މާކްސް މަތިކޮށްލުން ކަމަށް ވެދާނެ އެވެ. ބައެއް ދަރިވަރުން، ވަކި ހާއްސަ މާއްދާތަކަށް މި އަހަރު ސަމާލުކަން ދޭން ބޭނުންވެދާނެ އެވެ. އަހަރު ފެށޭއިރު ކުރަން އެންމެ މުހިއްމު އެއް ކަމަކީ، އެ އަހަރުގެ ތެރޭގައި ނުވަތަ ކުރު މުއްދަތަކަށް ވިސްނާ ނަމަ އެ ޓާމުގެ ތެރޭގައި ދަރިވަރަކު ހާސިލްކުރަން ބޭނުންވާ ޓާގެޓެއް ކަނޑައެޅުމެވެ. އަދި އެކަމަށް ވާސިލްވުމަށް މަސައްކަތްތައް ގެންދާނެ ޕްލޭނެއް ހެދުމެވެ. މިކަން ކުރުމުގައި ބެލެނެވެރިންގެ އެހީ ހޯދިދާނެ އެވެ. ނުވަތަ ޓީޗަރާ ވެސް މަޝްވަރާ ކުރެވިދާނެ އެވެ. މިގޮތަށް ޓާގެޓެއް ކަނޑައަޅައި، ޕްލޭނަކާ އެއްގޮތަށް ދިއުމުން، ސިކުނޑީގެ އޮޅުން ކުޑަވެ، ފޯކަސްކޮށްގެން ކިޔެވުން ކުރިއަށް ގެންދެވޭނެ އެވެ.

އާ އެކުވެރިން ހޯދުން:

ގިނަ ކުދިންތަކެއް އެއް ކްލާސް ރޫމެއްގައި ތިބެގެން ކިޔެވުމުގައި މުހިއްމު ހިކުމަތެއްވެ އެވެ. އެއީ ކިޔެވުމާ އެއްކޮށް، އެ ދަރިވަރުންގެ އިޖުތިމާއީ ހުނަރުތައް ވެސް ބިނާކުރުމެވެ. ސްކޫލް މާހައުލަށް ފަހު ވަޒީފާގެ މާހައުލާ ކުރިމަތިލާއިރު، އަދި އަމިއްލަ ދިރިއުޅުމެއް ފަށާއިރު، އިޖުތިމާއީ ގުޅުންތައް ދަމަހައްޓަން ނޭނގިއްޖެ ނަމަ ދިރިއުޅުން ކާމިޔާބުކުރަން ހުރަސްތަކެއް ކުރިމަތިވާނެ އެވެ. އެހެންވެ ސްކޫލް މާހައުލަކީ އެފަދަ ގުޅުންތައް އުފައްދައި، ދަމަހައްޓަން ރަނގަޅު ތަނެކެވެ. އާ އަހަރަކާ އެކު، ކްލާހުން ދިމާވާ ކުދިންނާ ނުވަތަ ސްކޫލުގެ އެހެން ހަރަކާތްތަކުން ދިމާވާ ކުދިންނާ، އެކުވެރި ގުޅުން ބަދަހިކުރުން ވަރަށް މުހިއްމެވެ. އެކަމަކު އެގޮތަށް ގުޅުން ބަދަހިކުރާއިރު، އެއީ ތިމަންނަ އަށް ޕޮޒިޓިވް ބަދަލުތަކެއް ގެނެވޭނެ އެކުވެރިއެއްތޯ ބެލުން މުހިއްމެވެ. ކިޔެވުމުގައި އެކެއް އަނެކަކަށް ހިތްވަރުދިނުމާއި، ކްލާހަށް ނުދެވޭ ދުވަހު، ފިލާވަޅުތައް އެއްކޮށްދިނުމުގައި އެހީވެދިނުމާއި، އިމްތިހާނަށް ތައްޔާރުވާއިރު އެހީތެރިކަން ދިނުން މިއީ ސްކޫލް މާހައުލުން އެކުވެރިން ހޯދާއިރު ވިސްނަން ޖެހޭ ކަންކަމެވެ.

ދަރިވަރުންތަކެއް ސްކޫލް ހަރަކާތެއްގައި.


ނިދުމުގެ ކުރިން އަނެއް ދުވަހަށް ތައްޔާރުވުން:

ސިކުނޑިން ސްޓްރެސް ދުއްވާލުމަކީ، ކިޔެވުމަށް 100 ޕަސެންޓް ސަމާލުކަން ދިނުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެގޮތަށް އަނެއް ދުވަހަށް، ކުރީ ބައިގައި ތައްޔާރުވުމަކީ، ސްޓްރެސް އިން ސަލާމަތްވާން ކުރެވިދާނެ މުހިއްމު ކަމެކެވެ. ޔުނިފޯމްތައް ހުރީ ތައްޔާރުގައިތޯ، ފޮތްތައް ހަމަކުރެވުނުތޯ، ހޯމްވޯކް ނިންމުނުތޯ އަދި ސްކޫލުން ގެންނަން ބުނި އެއްޗެހިސް ގަނެވުނުތޯ، މިފަދަ ކަންކަން ކުރީބައިގައި ހަމަޖެހިފައި ހުރެއްޖެ ނަމަ، އެރޭ އަރާމުކޮށް ނިދާލުމުގެ ފުރުސަތު އޮންނާނެ އެވެ. މާނައަކީ އަނެއް ދުވަހު ތާޒާކަމާ އެކު ހޭލެވި، އެއްވެސް ފިކުރެއް ނެތި ސްކޫލަށް ގޮސް ކިޔަވާލަން ލިބުމެވެ. މީގެން އެއްވެސް ކަމެއް ނުކުރެވި އޮވެއްޖެ ނަމަ އަނެއް ދުވަހު ހޭލަން ޖެހޭނީ ހާސްކަމާ އެކު އެވެ. ދުވަހުގެ ފެށުން ގޯސްވެއްޖެ ނަމަ އެ ދުވަހެއްގެ ކިޔެވުމަށް ހުރަސް އެޅިދާނެ އެވެ. އެހެންވެ އާދަކުރަންވީ، އަބަދުވެސް ކުރިއަށް އޮންނަ ދުވަހަށް ތައްޔާރުވުމަށް ފަހު ނިދަން އޮށޯތުމަށެވެ.

ދުވަސް ޕްލޭންކުރުމާއި ވަގުތު މެނޭޖްކުރުން:

ސްކޫލް ފެށުމާ އެކު ދަރިވަރެއްގެ ދުވަސް ދާނީ ވަރަށް ބުރަކޮށެވެ. ސްކޫލް ސެޝަން ނިންމާފައި ޓިއުޝަން އޮވެދާނެ އެވެ. ސްކޫލުގެ އެހެން ހަރަކާތެއް އޮވެދާނެ އެވެ. ފިލާވަޅުތައް ދަސްކޮށް، ހޯމްވޯކް ވެސް ހަދަން ޖެހޭނެ އެވެ. އޭގެ އިތުރުން ވެސް އަމިއްލަ ހިތްހަމަޖެހުމަށް ކުރާ ކަންކަމާއި، އާއިލާއާ އެކު ވަގުތު ހޭދަކުރުން ވެސް އަދި އޮތީ އެވެ. ދުވަސް ރަނގަޅަށް ޕްލޭންކޮށްފި ނަމަ މި ހުރިހާ ކަމަކީ، ވެސް އެއް ދުވަހުން ކުރެވިދާނެ ކަންކަމެވެ. ހަމައެއާ އެކު ވަގުތު މެނޭޖްކުރަން ވެސް ޖެހޭނެ އެވެ. ދުވަސް ޕްލޭންކުރާއިރު، ވަގުތު ސަލާމަތްވާނެ ގޮތަށް އެކަން ކުރަން ވާނެ އެވެ. އޭގެ ސަބަބުން ކޮންމެ ދުވަހެއް ވެސް ނިމިގެންދާނީ އުފެއްދުންތެރިކޮށެވެ. ޕްލޭނެއް ނެތި ދުވަސް ހޭދަކުރާ ނަމަ، އެއް ކަމަކަށް މާގިނަ ވަގުތު ނުދެވި، މުހިއްމު އެހެން ކަންކަން ނުކުރެވި، ދުވަސް ޚަރާބުވެދާނެ އެވެ. މިއަދުގެ ހަލުވި ދުނިޔޭގައި ކާމިޔާބު، އުފެއްދުންތެރި މީހަކަށް ވެވޭނީ ރަނގަޅަށް ޕްލޭންކޮށްގެން ވަގުތު ވެސް މެނޭޖްކުރަން އެނގިގެން ކަމަށްވާތީ، ސްކޫލް ދުވަސްވަރު އެކަން ފަށައިގަންނަން ވަރަށް ރަނގަޅުވާނެ އެވެ.

އަމިއްލަ ނަފުސަށް ވަގުތު ދިނުމާއި އަޅާލުން:

ކިތަންމެ ވަގުތެއް ކިޔެވުމުގައި ހޭދަކުރިޔަސް، ރަނގަޅު މާކްސްއެއް ހޯދޭނީ އެ ކުއްޖެއް ގަދަވެ ސަލާމަތުން ހުރެގެންނެވެ. އެހެންވެ ކިޔެވުމުގައި ކާމިޔާބު ހޯދުމަށްޓަކައި، އަމިއްލަ ނަފުސު ވަގުތު ދިނުމާއި، އަމިއްލަ ނަފުސަށް އަޅާލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ސިކުނޑިއަށް ހުސް ވަގުތު ދިނުމާއި، ރާމުކުރުމާއި، ރަނގަޅަށް ނިދުމާއި، ގަޑިން ގަޑިއަށް ކެއުމާއި، ކަސްރަތުކުރުން ނުވަތަ ކުޅިވަރެއް ކުޅުން މިއީ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ދުޅަހެޔޮކޮށް ހުރުމަށް ކޮންމެ މީހަކު ވެސް ކުރަން ޖެހޭ ކަންކަމެވެ. މިކަންކަމުން ދަރިވަރުން އިސްތިސްނާއެއް ނުވެ އެވެ. ސްކޫލުން ކިޔަވައިދޭ އެއްޗެއް ސިކުނޑިއަށް ރަނގަޅަށް ވަންނާނީ، އަދި ފަހުން އިމްތިހާނު ދުވަސްވަރު ގިނަ ވަގުތު ކިޔެވުމުގައި ހޭދަކުރެވޭނީ މީހާ ފިޓްކޮށް ހުރެގެންނެވެ. އެހެންވެ، ކިޔެވުމުގައި ކިތަންމެ ބިޒީ ވިޔަސް އަމިއްލަ ނަފުސަށް ވަގުތު ދިނުން ވަރަށް މުހިއްމެވެ.

އާ ކަންކަން ދަސްކުރުމާއި، އާ މައުލޫމާތުތައް ހޯދުން:

ކިޔެވުމަކީ ހަމައެކަނި ޓީޗަރު ކްލާހުގައި ކިޔަވައިދޭ އެއްޗެހިސް އުނގެނުމެއް ނޫނެވެ. އެއާ އެކު، އެހެން ބައިވަރު ހުނަރުތައް ދަސްކޮށް، މައުލޫމާތުތައް ހޯދައިގެން މެނުނީ ކާމިޔާބު މީހަކަށް ނުވެވޭނެ އެވެ. އެހެންވެ މިއަދު އަޒުމުކަނޑައަޅަންވީ، މި އަހަރު ނިމޭއިރު ތިމަންނާ އަމިއްލަ މަސައްކަތުން، އާ ކަންކަން ދަސްކުރުމާއި އާ މައުލޫމާތުތައް ހޯދުމަށެވެ. ކޯޑުކުރަން ދަސްކުރެވިދާނެ އެވެ. ފައިސާ ސޭވްކުރާނެ ގޮތް ވެސް އެއީ ދަސްކޮށްލަން މުހިއްމު ކަމެކެވެ. ލިޔުމުގެ ހުނަރު ތަރައްގީކޮށްލެވިދާނެ އެވެ. ނުވަތަ ވީޑިއޯ އެޑިޓްކުރަން ވެސް ދަސްކުރެވިދާނެ އެވެ. އެ ދަރިވަރެއްގެ އުމުރާ ގުޅޭ ގޮތުން މިފަދަ ކަންކަން ދަސްކޮށްލައިފި ނަމަ ސްކޫލް ނިމިގެން މަސައްކަތުގެ މާހައުލަކަށް، ނުކުންނައިރު އެ ކުއްޖަކު ހުންނާނީ އެތައް ގުނައެއް ކުރީގަ އެވެ. އާ މައުލޫމާތުތައް ހޯދުމަކީ ވެސް ދިރިއުޅުމުގެ މާހައުލަށް ނުކުންނައިރު ކާމިޔާބު ހޯދަން މުހިއްމު ކަމެކެވެ. މިސާލަކަށް ބޭންކިންގެ ނިޒާމު އޮންނަ ގޮތް، ތާރީހާ ގުޅޭ ކޮންމެވެސް މައުލޫމާތެއް ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅޭ ގުޅުން ހުރި ކަންކަން މިއީ މައުލޫމާތު ހޯދަން ރަނގަޅު ދާއިރާތަކެކެވެ. އިންޓަނެޓުގެ ޒަރިއްޔާ އިންނާއި ފޮތްތަކުގެ ޒަރިއްޔާ އިން އެފަދަ ކަންކަން މިއަދު ފަސޭހަކަމާ އެކު ކޮށްލެވިދާނެ އެވެ.