Advertisement

ސުކޫލުތަކުގައި މަސައްކަތުގެ ތައުލީމާއި ސްޓެމް އެޑިޔުކޭޝަން އުނގަންނައިދޭން ފަށަނީ

6 އޮގަސްޓު 2023 - 08:50 0

އަމަން ހަލީމް

އަމަން ހަލީމް


ސުކޫލުތަކުގައި މަސައްކަތުގެ ތައުލީމާއި ސްޓެމް އެޑިޔުކޭޝަން އުނގަންނައިދޭން ފަށަނީ

6 އޮގަސްޓު 2023 - 08:50 0

ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން ސުކޫލުތަކުގައި މަސައްކަތުގެ ތައުލީމާއި ސްޓެމް އެޑިޔުކޭޝަން ( ސައިންސް ޓެކްސްނޮލޮޖީ އެންޑް އިންޖިނިއަރިން މެތަމެޓިކްސް އެޑިއުކޭޝަން) ފެށުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ސްޓެމް އެޑިއުކޭޝަންގައި ކުރާ ކަމަކީ ސައިންްސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިން، ހިސާބު އިލްމާ ގުޅުވައިގެން އުގަންނައިދިނުމެވެ.

ދިރާސީ އާ އަހަރު ފެށުމޭ ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރު ދެއްވި ހިތާބުގައި މިހެން ވިދާޅުވީ، ތައުލީމީ ނިޒާމު ވަރުގަދަކޮށް، ވަށާޖައްސަން ގެންނަން ޖެހޭ ބަދަލުތައް ފާހަގަކުރައްވަމުންނެވެ.

އެގޮތުން ސުކޫލުތަކުން ކިޔަވައިގެން ނުކުންނަ ކުދިން، ޒިންމާދާރު، ހަރުދަނާ ރައްޔިތުންގެ ގޮތުގައި ބިނާކުރެވޭނީ ތައުލީމީ މަންހަޖުގެ ތެރެއިން ދަރިވަރުންގެ ކިބާގައި ތަފާތު ހުނަރުތައް އަށަގަންނުވައި، މަސައްކަތުގެ މާހައުލާ ރައްޓެހި ބަޔަކަށް ހެދިގެން ކަމަށް މިނިސްޓަރު އައިޝަތު ވިދާޅުވި އެވެ.

"އެހެންކަމުން، އަޅުގަނޑުމެން މިއަންނަނީ، ކުރިއަށް އޮތް ތަނުގައި ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން، ސުކޫލު ތަކުގައި މަސައްކަތުގެ ތައުލީމު، އުންގަންނައިދޭން ފެށުމަށް ތައްޔާރު ވަމުން. ހަމަ އެޔާއެކު، 21 ވަނަ ގަރުނުގެ މައިގަނޑު ހުނަރުތައް އަޅުގަނޑުމެންގެ ދަރިވަރުންނަށް ލިބިދިނުމަށްޓަކައި، ސްޓެމް އެޑިޔުކޭޝަންވެސް ސުކޫލުތަކުގައި ފެށުމަށް މިއަންނަނީ ތައްޔާރީތައް ވަމުން." މިނިސްޓަރު ވިދާޅުވި އެވެ.

މިކަންކަމަށް ފަހިކޮށްދިނުމުގެ ގޮތުން ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ، ތަމްރީނުތައް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތައުލީމު ނިޒާމު ހަރުދަނާކުރަން ކުރަން ޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން މިިނިސްޓަރު ވަނީ މި ސަރުކާރުން ކެނޑިނޭޅި އެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ. މިގޮތުން ވޭތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ނަތީޖާއިން އެތައް ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރެވި، ކުރިން ރަށުގައި ތިބެގެން ނުކިޔެވޭ އެތައް ކުދިންނަކަށް އެ ފުރުސަތު ފަހިކޮށްދެއްވިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރިވަރުންގެ މަންފާއަށް އަމާޒުކޮށް ކުރަމުން ގެންދާ ކަންކަމުގެ އިތުރުން، މުދައްރިސުންގެ ލާބައަށްޓަކައި ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ހަމައެކަނި މުސާރަ ބޮޑުކޮށްލާފައި ނިންމާލަން ގަސްތު ކުރާ ކަމެއް ނޫން ކަމަށާއި އެކަމަށްޓަކައި މުދައްރިސުންނަށް އުފާވެރި މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ،

"އަޅުގަނޑުމެންގެ ގައުމީ މަންހަޖުގެ ތަސަވުރު ހާސިލު ކުރެވޭނީ، އޭގެ އަރައިހުރި ސިފަތައް ދަރިވަރުންގެ ކިބާއިގައި އަށަގެންނުވޭނީ، އެ މަންހަޖު ރަނގަޅަށް ސުކޫލުތަކުގައި ތަންފީޒު ކުރެވޭނީ، ތިޔަ މުރާލި މުދައްރިސުންނަށް، އެކަށީގެންވާ ފަހި، އުފާވެރި މަސައްކަތުގެ މާހައުލެއް ގާއިމު ކޮށްދެވިގެންކަން އަޅުގަނޑުމެން ހިތުގެ އަޑީން ގަބޫލު ކުރާތީ." މިނިސްޓަރު އައިޝަތު ވިދާޅުވި އެވެ.