Advertisement

އުދައިގެ ސަބަބުން ބައެއް ބަސް ދަތުރުތައް މެދުކަނޑާލައި ސައިކަލުގައި ދަތުރު ނުކުރަން އެދިއްޖެ

5 އޮގަސްޓު 2023 - 18:32 0

ނިމާ ހަސަން

ނިމާ ހަސަން

ސިނަމާލެ ބްރިޖަށް އުދަ އަރާފައި ވަނިކޮށް ބަޔަކު އެ ސަރަހައްދުން ދަތުރު ކުރަނީ -- ފޮޓޯ: ފުލުހުން


އުދައިގެ ސަބަބުން ބައެއް ބަސް ދަތުރުތައް މެދުކަނޑާލައި ސައިކަލުގައި ދަތުރު ނުކުރަން އެދިއްޖެ

5 އޮގަސްޓު 2023 - 18:32 0

މިރެއާއި މާދަމާ ވެސް ރާއްޖޭގެ ބައެއް ހިސާބުތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އެދިއްޖެ އެވެ.

މިއަދު މެންދުރުން ފެށިގެން މާލޭ އިރުމަތީ ފަރާތު ރާޅުގަނޑާއި ސިނަމާލެ ބްރިޖު ހިމެނޭ ސަރަހައްދަށް ބޮޑެތި ރާޅުތައް އަރައި މަގުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ. އުދައިގެ ރާޅާއެކު ވެއްޔާއި ގާ ވެސް ވަނީ ވަރަށް ބޮޑަށް އެއްގަމަށް ޖަމާވެފަ އެވެ.

މި ރެ އާއި މާދަމާ ވެސް އުދަ އަރާނެ ކަމަށް ލަފާކޮށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ސަލާމަތީ ގޮތުން ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފަ އެވެ.

  • އުދަ އަރައިގެން ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން
  • ގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖަހާ, ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން
  • ގޭތެރޭގައި ފެންބޮޑުވެއްޖެނަމަ ގެއްލުންވާނެ މުދާތައް އުސްތަންތަނަށް ބަދަލުކުރުން
  • ބަނދަރު ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކު ނުކުރުން
  • އޮޑިދޯނިފަހަރުގެ ވާ ކަނޑައިގެން ނުދާނެހެން އެއްސުން
  • ދިޔަވަރު ބޮޑު ގަޑީގައި ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު ސަމާލުވުން
  • ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް, އުދައާއެކު ރަށުތެރެއަށް ފެތުރޭ ކުނި އަވަހަށް ސާފުކުރުން

ބްރިޖާއި, ބޮޑުތަކުރުފާނު މަގުން ދަތުރުކުރުމަށް ދަތިވާ ވަރަށް ވެއްޔާއި ގާ އަރާފައި އޮތުމުގެ ސަބަބުން އެމްޓީސީސީން ވަނީ, ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ކާނިވާ ބަސް ސްޓޮޕަށް ދަތުރުކުރާ ބަސްތައް ވަގުތީގޮތުން މެދުކަނޑާލާފަ އެވެ. ނަމަވެސް, ހުޅުމާލެ އާއި އެއާޕޯޓުން, މާލޭގެ ވެސްޓްޕާކަށް ދަތުރުކުރާ ބަސްތައް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުދައިގެ ސަބަބުން ބައެއް ބަސްތައް ކެންސަލް ކޮށްފައިވާއިރު, މާލެއާއި ހުޅުމާލެއާ ދެމެދު އަދި އުދައިގެ އަސަރު ކުރަމުންދާ މާލޭގެ ސަރަހައްދުތަކުގައި ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. ފުލުހުން ވަނީ, ޒަރޫރީ ބޭނުންތަކުގައި, ކޮންމެހެން ދަތުރުކުރަން ޖެހިއްޖެނަމަ ހަތަރު ފުރޮޅުލީ އުޅަނދުތަކާއި, ބަހާއި ފެރީގައި ދަތުރު ކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

ސިނަމާލެ ބްރިޖާއި ހުޅުލެ ގުޅޭ ސަރަހައްދުން ދަތުރުކުރަމުން ދިޔަ މީހުންތަކެއް ވެސް ރާޅެއް ޖެހި ވަގުތު ވެހިކަލުން ވެއްޓި ކަހާލައިގެން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ.

މި އުދައިގެ އަސަަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކޮށްފައިވޭތޯ "އަދަދު" ނޫހުން އެދުމުން އެއާޕޯޓުގެ އޮޕަރޭޝަންތައް އާދައިގެ މަތިން ކުރިއަށްދާކަން ވީއައިއޭގެ އޮފިޝަލަކު ވަނީ ޔަގީންކޮށްދީފަ އެވެ.

ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އުދައިގެ އަސަރުކުރާނެކަން ހާމަކޮށް މެޓް އޮފީހުން ވަނީ ހުދު ސަމާލެއް ވެސް ނެރެފަ އެވެ.