Advertisement

ޔުނައިޓެޑް ވިކްޓަރީ އަތުން ޓީސީ އަށް ފަސޭހަ މޮޅެއް

4 އޮގަސްޓު 2023 - 11:07 0


ޔުނައިޓެޑް ވިކްޓަރީ އަތުން ޓީސީ އަށް ފަސޭހަ މޮޅެއް

4 އޮގަސްޓު 2023 - 11:07 0

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ޓީސީ ސްޕޯޓްސް ކްލަބް ފަސޭހަކަމާ އެކު 3-0 އިން މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު، ޓީސީ ލީގުގެ ފުރަތަމަ ބުރު ނިމޭއިރު، ފަސް ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ވިކްޓަރީ އޮތީ ލީގުގެ ހަ ވަނައިގައި ތިން ޕޮއިންޓް ހޯދައިގެންނެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ޓީސީން ވަނީ 21 މިނިޓް ތެރޭގައި ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، އެ ޓީމުން ލީޑުނެގީ 11 ވަނަ މިނިޓްގައި ޒަޔާން ނަސީރު (ޒައްޔު) ޖެހި ގޯލުންނެވެ. ޒައްޔު އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުން ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވީ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އަލީ ނާޖިހު (ނާޖީ) އަތްމަތިން ގޮހެވެ.

މެޗުގެ 21 ވަނަ މިނިޓްގައި، ޓީސީގެ ދެ ވަނަ ލަނޑު ޖެހީ އަހުމަދު ސާމިއު އެވެ. ޓީސީ އަށް ލިބުނު ކޯނަރެއްގައި އަހުމަދު އީރާސް ނަގައިދިން ބޯޅައެއް ސާމިއު ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ޓީސީން މެޗުގެ ދެ ވަނަ ހާފު ފެށިގެން ފަސް މިނިޓް ތެރޭ ވަނީ ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. އެ ޓީމުގެ މި ގޯލު ކާމިޔާބުކުރީ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އެވެ. މިއީ ޕެނަލްޓީ އަކުން ނަފްކޮ ކާމިޔާބުކުރި ގޯލެކެވެ. މިއީ، ޔުނައިޓެޑް ވިކްޓަރީގެ އޭރިއާތެރެއަށް ޓީސީގެ ޒައްޔު ބޯޅަ ހިފައިގެން ދިޔަ ވަގުތު އޭނާ އަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މެޗުގެ ބާކީބައިގައި ދެ ޓީމުން ވެސް ގިނަ އެޓޭކްތަކެއް ކޮށް ގޯލެއް ޖެހޭތޯ ބެލި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ.

ލީގުގެ ފުރަތަމަ ބުރުގެ ބާކީ ދެ މެޗު މިއަދާއި މިރޭ އޮންނާނެ އެވެ. އެ ގޮތުން، މިއަދު ހަވީރު ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ކުޅޭނީ ކްލަބް ވެލެންސިއާއާ އެވެ. އަދި މިރޭ ކްލަބް އީގަލްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާނެ އެވެ.