Advertisement

ދެ ބަނދަރަކާއި ދެ ރަށެއްގެ ބިން ހިއްކުން ހިމެނޭހެން 264 މިލިއަން ރުފިޔާގެ މަޝްރޫއު އެމްޓީސީސީއަށް

3 އޮގަސްޓު 2023 - 21:05 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިއަދު ޕްލޭނިން މިނިސްޓްރީއާ އެމްޓީސީސީއާ ދެމެދު ވެވުނު އެއްބަސްވުންތަކުގަ ސޮއިކުރުމުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ


ދެ ބަނދަރަކާއި ދެ ރަށެއްގެ ބިން ހިއްކުން ހިމެނޭހެން 264 މިލިއަން ރުފިޔާގެ މަޝްރޫއު އެމްޓީސީސީއަށް

3 އޮގަސްޓު 2023 - 21:05 0

ދެ ރަށެއްގެ ބަނދަރު ބޮޑުކުރުމާއި އެހެން ދެ ރަށެއްގެ ބިން ހިއްކުން ހިމެނޭހެން ޖުމްލަ 264 މިލިއަން ރުފިޔާގެ ހަތަރު މަޝްރޫއެއް ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު ހަވާލުކުރި ހަތަރު މަޝްރޫއުގެ ތެރޭގައި ހިމެނެނީ ރ. މީދޫ ބަނދަރު އަޕްގްރޭޑް ކުރުން، ނ. މާފަރު ބިން ހިއްކުން, ފ. ބިލެއްދޫ ބިން ހިއްކުމުގެ އިތުރުން ޅ. ހިންނަވަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫ އެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލ،ް ފާތުމަތު ޝާނާ ފާރޫގެވެ.

ނ. މާފަރު ބިން ހިއްކުން

ނ.މާފަރު ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޖުމްލަ 91،457،791.20 ރުފިޔާއަށެވެ. މި މަޝްރޫއު ނިންމުމަށް ދީފައިވާ މުއްދަތަކީ ޖުމްލަ 300 ދުވަހެެވެ.

އެމްޓީސީސީއިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއ،ި 20.40 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

މި ރަސްމިއްޔާތުގައި މަނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ހާރޫން ބައިވެރިވެލެއްވި އެވެ.

ފ. ބިލެއްދޫ ބިން ހިއްކުން

ފ.ބިލެތްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްއެމްޓީސީސީއާ ހަވާލުކުރީ ޖުމްލަ 99،999،998.28 ރުފިޔާއަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭ ނިންމުމަށެވެ.

އެމްޓީސީސީއިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއ،ި 10 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 589 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 470 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމު ގެ މަސައްކަތް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ބިލެތްދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ހަލީމު ބައިވެރިވެލެއްވި އެވެ.

ޅ. ހިންނަވަރު ބަނދަރު އަޕްގްރޭޑް ކުރުން

ޅ.ހިންނަވަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއިން ބުނި ގޮތުގައި މިއަދު ސޮއިކުރެވުނު މަޝްރޫއުގެ ދަށުން 244 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއ،ި 51 މީޓަރުގެ މިހާރު ލާފައި ހުރި ބޭރުތޮށި ރީޕްރޮފައިލް ކުރުމާއ،ި 270 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫއަކީ ޖުމްލަ 26،272،738.80 ރުފިޔާ ހަރަދުކޮށްގެން 270 ދުވަހުގެ ތެރޭ ނިންމަން އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއެކެވެ.

ރ. މީދޫ ބަނދަރު އަޕްގްރޭޑް ކުރުން

ރ.މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއަށް ޖުމްލަ 48،399،453.94 ރުފިޔާ ހަރަދުވާނެ އެވެ.