Advertisement

"ވިޒިޓް މޯލްޑިވްސް ޕްރޯ 2023" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި

8 އޮގަސްޓު 2023 - 15:28 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


"ވިޒިޓް މޯލްޑިވްސް ޕްރޯ 2023" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި

8 އޮގަސްޓު 2023 - 15:28 0

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) އިން ގުޅިގެން ބާއްވާ "ވިޒިޓް މޯލްޑިވްސް ޕްރޯ" އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

"ވިޒިޓް މޯލްޑިވްސް ޕްރޯ" އަކީ އައިބީސީ ވޯލްޑް ޓުއާގެ މޯލްޑިވްސް ޕްރޯ ސީރީޒްގެ ދެ ވަނަ އެޑިޝަން އެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އިވެންޓް ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ޓުއާގެ އެންމެ ކާމިޔާބު އިވެންޓުގެ ގޮތުގައި ހޮވިފަ އެވެ. މިއަހަރުގެ އިވެންޓް ވެސް މި ސަރަހައްދުގައި ބޭއްވޭ އެންމެ ކާމިޔާބު ބޮޑު ބޮޑީބޯޑިން އިވެންޓަށް ވާނެކަމަށް ވަނީ ލަފާކުރެވިފަ އެވެ.

އެގޮތުން މި އަހަރުގެ އިވެންޓަށް ދުނިޔޭގެ ފެންވަރުގެ މަޝްހޫރު އެތައް ބޮޑީބޯޑަރުންނާއި މިދިޔަ ފަހަރަށް ވުރެ ދެގުނަ އިތުރަށް އެތުލީޓުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިއްޔެ ފެށި އެ އިވެންޓް މި މަހުގެ 12 ގެ ނިޔަލަށް މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާނެ އެވެ.

އެ އިވެންޓާ ގުޅޭ ގޮތުން ދިރާގުގެ ކަސްޓަމާ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސްގެ ޑިރެކްޓަރު މަސްއޫދު އަލީ ވިދާޅުވީ "ވިޒިޓް މޯލްޑިވްސް ޕްރޯ 2023" އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން ދެވަނަ ފަހަރަށް މި އިވެންޓް ރާއްޖެއަށް ގެނެސްދިނުމަށް އެހީތެރިވެދިނުމަކީ ދިރާގަށް ލިބޭ ބޮޑު އުފަލެއްކަމަށެވެ.

"މި އިވެންޓް ރާއްޖެއަށް ގެނެސްދިނުމަށް އެހީތެރިވެދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު އުފަލެއް. އަދި ރާއްޖޭގައި ބޮޑީބޯޑިން ހަލުވިކަމާއެކު ކުރިއަރަމުން އައުމާ، އަޅުގަނޑުމެންގެ ގައުމީ އެތުލީޓުން ރާއްޖޭގެ ރާޅުތަކުގައި އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވިދާލާތަން ފެނުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް" މަސްއޫދު އަލީ ފާހަގަކުރެއްވި އެވެ.

އެމްބީބީއޭގެ ރައީސް އަބްދުالله އަރީފް ވަނީ ދެވަނަ ފަހަރަށް ރާއްޖެގައި މި އިވެންޓް ކުރިއަށްވުރެ ފުރިހަމަކޮށް ގެނައުމުގައި ދިރާގުން ދެމުން ގެންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާފަ އެވެ.

"މިއަހަރު ރާއްޖޭގައި ބާއްވާ މި އިވެންޓަކީ އައިބީސީ ޓުއާގެ ރޭންކިންއަށް ވަރަށް މުހިންމު އިވެންޓެއް. އެހެންވީމަ މި އިވެންޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ބޮޑީބޯޑަރުން އައިސް، ރާއްޖޭއަކީ ކުރިއަރާފައިވައި ބޮޑީބޯޑިންގ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި މަޝްހޫރުވުމަށް އިތުރަށް މަގުފަހިވެގެންދާނެ،" އަބްދުالله އަރީފް ވިދާޅުވިއެވެ.

ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.