3 އޮގަސްޓު 2023 - 13:20 0
މުހައްމަދު އުޝާމް
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު؛ ޔާމީނުގެ ކެންޑިޑެސީ މައްސަލައަށް ރިފްއަތު ތަދައްހުލްކުރަން ސުޕްރީމް ކޯޓުން ނިންމައިފި - ފޮޓޯ: މަޖިލިސް
3 އޮގަސްޓު 2023 - 13:20 0
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީސް ތަދައްހުލު ކުރަން ކޯޓުން ނިންމައިފި އެވެ.
ރައީސްކަމަށް ކުރިމަތިލާ މީހުންގެ އެއް ޝަރުތުގެ ގޮތުގައި ގާނޫނު އަސާސީގައި އޮތީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.
އީސީގެ ގާނޫނީ ޓީމުން ކޮމިޝަނުގެ މެންބަރުންނަށް ދިން ގާނޫނީ ލަފަޔަކީ، ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އެއްވެސް ކޯޓަކުން ބާތިލު ނުކޮށް ދެމިއޮތުމުން ގާނޫނު އަސާސީގައި ބަޔާން ކުރާ އެ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ.
އެ ކަމާ ގުޅިގެން، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ މައްސަލައަށް އޭޖީ އޮފީހުން ތަދައްހުލުވާން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ނިންމީ ކޯޓުތަކުގެ ގާނޫނުން އެ ކޯޓަށް ލިބިދޭ އިހުތިޔާރެއްގެ ދަށުންނެވެ. އެއީ ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި މަސްލަހަތު އޮތް ކަމަށް ކޯޓަށް ފެންނަ ބަޔަކު ތަދައްހުލު ކުރުމެވެ.
އަދި ޕީޕީއެމްގެ ފަރާތުން ވަނީ މައްސަލައަށް ތަދައްހުލު ވުމަށް ކޯޓުގައި އެދިފަ އެވެ. ކޯޓުން ނިންމީ ޕީޕީއެމަށް އެ ފުރުސަތު ދިނުމަށެވެ.
ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން ހުށަހެޅި ކެންޑިޑެސީގެ މައްސަލަ މާދަމާ މެންދުރުފަހު 3:00 ޖަހާއިރަށް ތާވަލުކޮށް ޔާމީނުގެ ވަކީލުންނަށާއި އީސީއަށް ވެސް ވަނީ ނޯޓިސް ފޮނުވައިފަ އެވެ. ހޯމަ ދުވަހު ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާތީ، އާދީއްތަ ދުވަހަށް މައްސަލަ ނިންމާނެ ކަމަށް ބެލެވެ އެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި، ޔާމީން ރިޝްވަތު ނަންގައި އެ ފައިސާ ލޯންޑަކުރެއްވި ކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހުގަ އެވެ.
ޔާމީނަށް އިއްވާފައިވާ ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފުގެ ޝަރީއަތް ފަށައި ހަތަރު އަޑުއެހުމެއް ބޭއްވި އެވެ. އީދު ބަންދުގެ ފަހުން ބޭއްވުނީ އެންމެ އަޑުއެހުމެކެވެ. އެ ފަހުން، ފަނޑިޔާރުންގެ ޗުއްޓީ އޮތް ގޮތުން ހައި ކޯޓުގައި އެ ޝަރީއަތް ވަނީ މަޑުޖެހިފަ އެވެ.
ޔާމީންގެ އިސްތިއުނާފީ ހައްގުތަކާއި އިންތިހާބީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް، އިސްތިއުނާފު ޝަރީއަތް ލަސް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދެ ފަހަރު މަތިން ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅި އެވެ. ދެ ފަހަރު ވެސް ކޯޓުން ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ.
ގާނޫނު އަސާސީގެ އެ މާއްދާ މާނަކުރުމާ މެދު ގާނޫނީ ބަހުސެއް ވެސް އެބަ އޮތެވެ. އެ މާއްދާގައި ބުނާ ހުކުމަކީ އިސްތިއުނާފީ މަރުހަލާތައް ނިމި ކަނޑައެޅޭ ނިހާއީ ހުކުމެއް ގޮތުގައި މާނަކުރަން އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިދާނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ދެކެ އެވެ.
ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި، ޕީއެންސީން ވަކި ކެންޑިޑޭޓެއް ނެރުމަށް ވަނީ ނިންމައިފި އެވެ. އެ ކަމަށް ހުޅުވާލި ފުރުސަތުގައި ކެންޑިޑެސީ ހުށަހަޅުއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ކެންޑިޑޭޓު ކަނޑައެޅުމަށް މިއަދު ހަވީރު ހަތަރު ޖަހާއިރު ސެނެޓު ބައްދަލު ވުމެއް ބާއްވަ އެވެ.
Comment