Advertisement

ފުރާނަފަދަ ދައްތަގެ ހިތި ހަޔާތާއި ވަކިވުން: އަމީނުގެ ނުފިލި ހިތާމަ

3 އޮގަސްޓު 2023 - 11:02 5

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

މުހައްމަދު އަމީން (ވ)، ހަސަން އިއްޒުއްދީން (މ) އަދި ހިޔާލީ އަންހެން ކުއްޖެއް (ކ). --އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު


ފުރާނަފަދަ ދައްތަގެ ހިތި ހަޔާތާއި ވަކިވުން: އަމީނުގެ ނުފިލި ހިތާމަ

3 އޮގަސްޓު 2023 - 11:02 5

އިންޑިއާގެ ލަކްނޫރުން، ރޭލުގައި ސިލޯނުގެ ވެރިރަށް ކޮޅުނބަށް މުހައްމަދު އަމީން ދީދީ އެ ދުވަހު ކުރެއްވީ ދިގު، އުނދަގޫ ދަތުރެކެވެ. އަލީގަޅުގައި ކިޔަވާވިދާޅުވާން ހުންނަވަނިކޮށް ލިބުނު ޗުއްޓީއެއްގައި ލަކްނޫރަށް ވަޑައިގެން އުޅުއްވަނިކޮށް ޖޯންޑިސް ޖެހި މުޅި ގައި ރީނދޫވެ، އައި ގަދަ ހުމުން އޭރު އަދި އޭނާ މުޅިން ފަސޭހައެއް ނުވެ އެވެ. ހާލަތު ހުރީ ދަތުރުކުރެވޭ ގޮތަކަށް ނޫނެވެ.

ނަމަވެސް، ތިއްތިބޭބެ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ހައްޖުގެ އަޅުކަމަށް ފަހު، ކޮޅުނބުގައި ހުންނެވުމަށް ފަހު އެނބުރި މާލެ ވަޑައިގަންނަވާއިރު، އެކުގައި ވަޑައިގަތުމަށް ބައްޕަ އަހުމަދު ދޮށިމޭނާ ކިލެގެފާނު، އަމީނުގެ ކިބައިން އެދިވަޑައިގަތުމުން، އެކަމަށް އިޖާބަ ދެއްވީ ހަމަ އެންމެ ސަބަބަކާ ހެދި އެވެ.

އެއީ އެ ދަތުރަކީ، އޭރު މާލޭގައި، ބަލިއެނދުގައި އޮންނެވި އޭނާގެ ދައްތަގެ ހާލު ދެކެވަޑައިގަތުމަށް ލިބުނު ފުރުސަތަކަށް ވާތީވެ އެވެ. މާލޭން އަމީނަށް ފޮނުވާ ސިޓީތަކުގައި ދައްތަގެ ހާލަތުގެ ވާހަކަ، އަމީން ދެރަވެދާނެތީ އެންމެ ތަފްސީލުކޮށް ލިޔެފައެއް ނުހުރެ އެވެ. އެކަމަކު ދައްތަގެ ހާލު އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުންދާ ކަން އަމީނަށް އެނގެ އެވެ.

ކިޔަވާވިދާޅުވުމަށް 1920 ވަނަ އަހަރު ސިލޯނަށް ވަޑައިގެންނެވިތާ 10 އަހަރު ފަހުން އަމީން އެނބުރި ރާއްޖެ ވަޑައިގަންނަވާ މި ދަތުރަކީ، އެހެންޏާ އުފާވެރި މުނާސަބަތެކެވެ. ނަމަވެސް ދައްތަގެ ބަލި ހާލަތު، އެ އުފަލަށް ތަން ނުދެނީ އެވެ.

އިންޑިއާ އިން ސިލޯނަށް ކުރި ރޭލު ދަތުރުގައި އަދި ސިލޯނުން ރާއްޖެ އަށް ކުރި ބޯޓު ދަތުރުގައި، އަމީނުގެ ސިކުނޑި ފުރާލާފައިވަނީ ދައްތަގެ ހަނދާންތަކުންނެވެ. ދައްތަ، އައިމިނަތު އަމީން ދީދީ ނުވަތަ އާގޭ ދީދީ އަކީ އަމީނުގެ ފުރާނައިގެ އެއް ބަޔެވެ. އެއީ އޭނާގެ ކުޑައިރުގެ ކުޅުމާއި ކިޔެވުމުގެ ބައިވެރިޔާ އެވެ. އެއީ އޭނާ އެ ދައްތަ ދެކެ ވާ ލޯބީގެ އެތައް ގުނައެއްގެ ލޯތްބެއް އޭނާ ދެކެ ވާ ދައްތަ އެވެ.

"އަޅުގަނޑުމެންގެ ހަޔާތުގެ ކުޑަކުޑަ ދޯނި ދުއްވަމުން ދިޔައީ އޮމާން ކަނޑުތަކުގެ ތެރެއިން އެންމެ އޮމާން ކަނޑެއްގަ އެވެ. ސިއްރަކީ އަޅުގަނޑުމެން ދެބެންނަށް އެކައްޗެއް ވިސްނިގެން، އެއްބަސްވެވޭ ކަމެއް ނޫނެވެ. އެއްކުއްޖެއްގެ ޝުއޫރުތަކަށާއި އެދުންތަކަށް އަނެއް ކުއްޖަކަށް ހުރުމަތްތެރިކޮށް ހިތޭ ކަމެއް ނޫނެވެ. ހަމައެކަނި އަޅުގަނޑު ކުރާ ކޮންމެ ކަމެއް ދައްތަ ގަބޫލުފުޅުކުރައްވާ ކަމެވެ. އަޅުގަނޑުގެ ކޮންމެ ކޮންމެ އެދުމަކަށް އޭނާ ގުރުބާންވެވަޑައިގަންނަވާ ކަމެވެ،" އަމީން ލިޔުއްވި އެމަނިކުފާނުގެ އޮޓޯބަޔޯގްރަފީ 'އަޅުގަނޑުގެ ހަނދާންތައް' މި ފޮތުގެ ސަފުހާތަކުގައިވެ އެވެ.

އަމީން ކުޑައިރުގެ ފޮޓޯއެއް.


އަމީނު ވިދާޅުވާ ގޮތުގައި އޭނާ އަށް ވުރެ ދޮށީ ދައްތަ ކަމުން، ދެބެންގެ ހަޔާތުގެ ކުޑަކުޑަ ދާއިރާގެ ތެރޭގައި ގުދުރަތީ ގޮތުން ނަގާވިދާޅުވާން ވާނީ ދައްތަ ކަމަށެވެ. އަދި އާއްމު އުސޫލުން ނަމަ ދެބެންގެ ކުޅިވަރުތަކަކަށް ވާންވާނީ އަންހެން ކުދިންގެ ކުޅޭ ކަހަލަ ކުޅިވަރުތައް ކަމަށެވެ. އަދި އޭނާ ހިނގަމުން ދާންވާނީ ދައްތަ ކޮށްޓަވާ މަގަކުން ކަމަށް ވެސް އަމީން ގަބޫލުކުރައްވަ އެވެ.

"ނަމަވެސް ކަން ދިމާވީ އެހެން ނޫނެވެ. ދެބެންގެ ޖަށްވުގައި ނަގާ ކިޔަނީ އަޅުގަނޑެވެ. ކުޅެމުން ދިޔައީ ފިރިހެން ކުދިންގެ ކުޅިވަރުތަކެވެ. ސަބަބަކީ އަޅުގަނޑު ދެކެ ދައްތަ ވެވަޑައިގަންނަވާ އަޖާއިބުވާ ފަދަ ސަރީހަ ލޯބިފުޅެވެ. އަޅުގަނޑުގެ ހުދުމުހުތާރުކަމެވެ. އަޅުގަނޑުމެންގެ ހަޔާތުގެ ކުޑަކުޑަ ދޯނި ދުއްވަމުން ދިޔައީ އޮމާން ކަނޑުތަކުގެ ތެރެއިން އެންމެ އޮމާން ކަނޑެއްގަ އެވެ. ސިއްރަކީ އަޅުގަނޑުމެން ދެބެންނަށް އެކައްޗެއް ވިސްނިގެން، އެއްބަސްވެވޭ ކަމެއް ނޫނެވެ. އެއްކުއްޖެއްގެ ޝުއޫރުތަކަށާއި އެދުންތަކަށް އަނެއް ކުއްޖަކަށް ހުރުމަތްތެރިކޮށް ހިތޭ ކަމެއް ނޫނެވެ. ހަމައެކަނި އަޅުގަނޑު ކުރާ ކޮންމެ ކަމެއް ދައްތަ ގަބޫލުފުޅުކުރައްވާ ކަމެވެ. އަޅުގަނޑުގެ ކޮންމެ ކޮންމެ އެދުމަކަށް އޭނާ ގުރުބާންވެވަޑައިގަންނަވާ ކަމެވެ،" އަމީން ލިޔުއްވާފައިވެ އެވެ.

އަމީނު ދެކެ ދައްތަ ލޯބިވާ މިންވަރު އޭނާއަށް ތަސައްވުރު ކުރެއްވުނީ، ސިލޯނަށް ކިޔަވާވިދާޅުވާން ވަޑައިގަންނަވަން ތައްޔާރުވި ދުވަސްވަރެވެ. އަމީން ފުރާވަޑައިގަންނަވަން ކައިރިވަމުން އަންނަވަރަކަށް އޭނާ އަށް ދައްތަގެ ލޮލުން ފެންނަނީ "ހިތާމަވެރި އުފާތަކުގެ ތެރެއިން އެންމެ މާތް ހިތާމަވެރި އުފަލެއްގެ ނިޝާންތަކެ"ވެ.

"އިންތިހާ ދަރަޖައަށް ލޯބިފުޅުވާ ކޮއްކޯ އަކަށް ކިޔަވާން ދެވޭ ކަމުގެ މަތިވެރި ސަރީހަ އުފާފުޅެވެ. އެފަދަ ކޮއްކޮއަކާއި ވަކިވެވަޑައިގަންނަވަން ޖެހޭ ކަމުގެ ބަރުދާސްތުނުކުރެވޭ ފަދަ އަސަރުތަކެވެ. މި އަސަރުތައް ކަރުނައިގެ ސިފައިގައި ލޯފުޅުގެ ތެރެއިން ފޭދިގެން ނުކުންނަނީ މަދެއްކޮށެއް ނޫނެވެ."

ދައްތައާ ވަކިވާން ޖެހޭތީވެ ހުދު އަމީނަށް ވެސް ކުރެއްވެވެނީ ފުން އަސަރެކެވެ. ރާއްޖެއިން ބޭރަށް ކިޔަވަން ވަޑައިގަތުމަށް އޭނާ ކުރައްވަވާ އުއްމީދު ހަގީގަތަކަށްވާތީ އުފާ ވެސް ވެ އެވެ. އެކަމަކު ލޯބިވާ މީހުންނާ ވަކިވާން ޖެހޭތީ ކުރައްވާ ހިތާމަ އެއަށް ވުރެ ބޮޑެވެ.

"ބައެއް ފަހަރު ހެމުން ނަށަމުން އަޅުގަނޑު މުޅި ގޭތެރޭ ދުވަމެވެ. އަނެއް ބައި ފަހަރަށް ލޮލުން ކަރުނަ އޮއްސާން އެކަނިމާއެކަނި އިންނަމެވެ،"

...............

އަމީން ސިލޯނަށް ވަޑައިގެންނެވިތާ ކައިރީގައި، އެ ގައުމުގެ ރޯޔަލް ކޮލެޖުން ކިޔަވާވިދާޅުވެގެން ރާއްޖޭގެ ވަލީއަހުދު ޕްރިންސް ހަސަން އިއްޒުއްދީން މާލެ ވަޑައިގަތެވެ. އޭރު ރަދުން މުހައްމަދު ޝަމްސުއްދީން ވަނީ، އެކިލެގެފާނު ނުހަނު ލޯބިފުޅުވާ އަދި ކުރިމަގުގައި ރާއްޖޭގެ ރަސްކަމުގެ ތަހުތު ފުރުއްވަން ތައްޔާރުކުރައްވަމުން ގެންދެވި ދަރިކަލުންނަށް، ހެންވޭރު ގަނޑުވަރު ބިނާކޮށްދެއްވައިފަ އެވެ. ޒުވާން ވަލީއަހުދުގެ ކައިވެންޏަށް މާލޭގެ ކަމުވޮށިގެންވާ ގެތަކުން ދިޔައީ އެ އާއިލާތަކުގެ އަންހެން ކުދީން ހުށަހަޅުމުންނެވެ.

ވަލީއަހުދު ޕްރިންސް ހަސަން އިއްޒުއްދީން.


އެ ނަސީބު ލިބިވަޑައިގަތީ އަމީނުގެ ދައްތަ އައިމިނަތު އަމީން އަށެވެ. އެއީ ދެ އާއިލާ އިން ރާވައިގެން ކުރުވި ކައިވެންޏެކެވެ. ބޮޑުވަޒީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ކާފަ ދަރިކަނބަލުންނާއި، ރަދުންގެ ދަރިކަލުންގެ އެ ކައިވެނިވީ، އާރާއި، ބާރުގެ ރަމްޒަކަށެވެ. އަދި ދައްތަގެ އެ ކައިވެނި ވެގެންދިޔައީ އަމީނަށް އުފާވެރި ހަބަރަކަށެވެ. ދައްތައާ ވަކިވާން ޖެހުމުން މޯޅިވެފައިވާ އޭނާ ހިތަށް ލިބުނު އާރޯކަމަކަށެވެ.

އެހެނަސް ވިދާހާ އެއްޗަކީ ރަނެއް ނޫނެވެ.

ވަލީއަހުދު އިއްޒުއްދީނަކީ، އަހުލާގުގެ ކަންފުޅެއް ވެސް ނެތް މީހެކެވެ. އަދާކުރައްވާ ރަސްމީ ޒިންމާއެއް ނޯވެ އެވެ. ކުރައްވަވާ ކަމަކީ، ދަންވަންދެން ގަނޑުވަރުގައި ނާޗަރަންގީ ކުޅުއްވުމާއި، ދުވާލު އަވަހާރަފުޅުލެއްޕެވުމެވެ.

އޭނާގެ އަމަލުފުޅުތައް ހުރި ގޮތުން، ހެންވޭރުގަނޑުވަރު ވެގެންދިޔައީ ގޮތްހުރި މީހުން ވަދެ އުޅޭން ލަދުގަންނަ އަންނަ އަދި އެބައިމީހުންގެ ދަރިން ވެސް ވަދެ އުޅޭން ނުރުހޭ ތަނަކަށް ކަމަށް، ދިވެހި ތާރީހު ދިރާސާކުރައްވާ މުހައްމަދު ސައީދު ލިޔުއްވާފައި ވެ އެވެ.

"ކުރިއްސުރެ ދިވެހިންގެ ތެރޭގައި މަނާވެފައި އޮތް އާންމު އަހުލާގީ މިންގަނޑާ ހިލާފު އެތައް ކަމެއް އެތަނުގައި ހުއްދަވެ ހިނގާން ފަށައިފި އެވެ،"

އެތަނުގައި ނޯންނަނީ ކޮން ކަމެއް ހެއްޔެވެ؟ ޒުވާން ފިރިހެނުން، އަންހެން ހެދުން ލައި، މޭމައްޗަށް އުރަމަތީގެ ސިފަގެނެސް، ނަށަނީ އެވެ. ހުދު އިއްޒުއްދީން ވެސް އެކަންކަމުގައި ބައިވެރި ވެ އެވެ. ދޮންތުއްކަލާ ލިޔުއްވާފައިވާ ގޮތުގައި އިސާހިތަކު އެ ނާޗަރަންގީގެ ތެރެއަށް އައްޔާޝީ އަމަލުތައް ވަދެ، އެތަނުގެ މައި ރުކުނަކީ ވެސް އެއީ ކަމަށްވި އެވެ.

"ދެ ޖިންސުންނާއި އެއްޖިންސުން ފާހިޝް އަމަލުތައް ފެށި އެންމެންގެ ހިތުގެ އުފަލަކީ އެއީ ކަމަށް ވެއްޖެ އެވެ. ރޭ ދެބައިވަންދެން ކުރިއަށް ގެންދެވުނު ހަފުލާތައް އިރުއެރުމާހަމައަށް ދަންމާލެވިއްޖެ އެވެ،"

އޭރުގެ ހެންވޭރު ގަނޑުވަރު، މިހާރުގެ މުލިއާގެ.


އަނބިކަނބަލަކު ހުންނަވާ ކަމެއް ވެސް އިއްޒުއްދީނަށް އެނގިވަޑައިނުގަންނަވާ ފަދަ އެވެ. އެ ހުރިހާ ކަމެއް ހިނގާއިރު، އަނބިކަނބަލުން އައިމިނަތު އަމީން އެ ގަނޑުވަރުގެ އެހެން ކޮޓަރިކޮޅެއްގައި އިންނަވަނީ އެވެ. އަނބިކަނބަލުންގެ ފަރާތުން އިއްޒުއްދީން އުފާފުޅު ހޯއްދަވާއިރު ވެސް، އެކަން ކުރައްވަނީ އިންސާނީ އަހުލާގުގެ ބޭރުން، އަދި އިންސާނީ ކަރަމާތަށް އުނިކަން އަންނާނެ ފަދައަކުންނެވެ.

ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން އައިމިނަތު އަމީން ހުށަހެޅުނު އެ އަނިޔާތަކުގެ ނަތީޖާއަކަށްވީ އޭނާ އާއި އިއްޒުއްދީނުގެ ކައިވެނި ރޫޅުމެވެ. އޭގެ ފަހުން އައިމިނަތު އަމީން ގަލޮޅުގޭ އައްނަބީލް މުހައްމަދު ދީދީގެ އިބްރާހިމް ދީދީއާ ކައިވެންޏެއް ކުރެއްވި އެވެ. އެ ދެމަފިރިންނަށް އަންހެން ކުއްޖެއް ވެސް ލިބުނެވެ. ނަމަވެސް އެ ދަރިފުޅު އުމުރުން ތިން އަހަރުގައި އަވަހާރަވީ އެވެ.

އައިމިނަތު އަމީނުގެ ހަޔާތަށް އައީ ތޫފާނަކަށް ފަހު ތޫފާނެކެވެ. ދެން ކުރިމަތިވީ، ވަރަށް ބޮޑު އާލާސްކަމެވެ. ކުރީގެ ކައިވެނިން ލިބުނު އަނިޔާތަކުގެ އަސަރު ނުފިލައި ގޮސް ބޮޑު ބައްޔަކަށް ބަދަލުވީ އެވެ. ދައްތަގެ ބަލި ހާލަތުގެ ހަބަރު އަމީންއާ ހަމަޔަށް ފޯރީ އޭނާ އަލީގަޅުގައި ކިޔަވާވިދާޅުވާން ހުންނަވަނިކޮށެވެ.

ސިލޯނު މަގުން އަމީން މާލެ ވަޑައިގެންނެވިއިރު ދައްތަ އޮންނެވީ އާގޭގައި އަވަހާރަވުމުގެ އެނދުދާންކޮޅުގަ އެވެ. އަމީން ލިޔުއްވި ގޮތުގައި އެ ހާލަތުގައި އޮންނެވިއިރު ވެސް ދައްތަގެ ފަރާތުން ފެންނަނީ ކީރިތި ﷲ އެކަލާނގެ އިންސާފުވަންތަ ނިޔާފުޅުގައި ދައްތަ އަށް މިންވަރު ކުރެއްވި އާލާސްކަންފުޅު ހެޔޮހިތްޕުޅުން ގަބޫލުފުޅު ކުރައްވާ މަންޒަރެވެ.

ދައްތަ އާއި އިއްޒުއްދީނުގެ ކައިވެނިން، އަމީން ސިފަކުރެއްވި ގޮތުގައި ދައްތަ އަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ހިތި ހަޔާތްތަކުގެ ތެރެއިން އެންމެ ހިތި ހަޔާތާ އެވެ. އޭނާ ލިޔުއްވި ގޮތުގައި ދައްތަގެ ހިތި ތަޖުރިބާތަކަށް ލަފްޒުތަކެއްގެ ސިފަ ގެންނާނަކަށް ވެސް އަދި އެކަމަށް މެދުވެރިވީ ސަބަބުތައް ބަޔާންކުރާން ކުރިމަތިލާ ހިތެއް ނެތެވެ. ސަބަބަކީ، އެ ވާހަކަތަކުގެ ހިތިކަމާއި އަސަރެވެ. އަދި އޭނާގެ ހިތަށް ލިބޭ ވޭނާއި ކެކުޅުމެވެ.

އަޅުގަނޑުގެ ދައްތައަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ދިވެހި އަންހެނަކަށް ދުވަހަކު ވެސް ކުރިމަތިލާން ނުޖެހޭ ފަދަ ހިތާމަވެރި ހަޔާތެކެވެ. ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތީ ދިވެހި އަންހެނަކަށް ދުވަހަކު ވެސް ތަޖުރިބާކުރަން ނުޖެހޭ ފަދަ ވޭނީ ތަޖުރިބާ ތަކެކެވެ. ރޫހީ ގޮތުންނާއި ޖިސްމީ ގޮތުންނެވެ. އެހުރިހައި ކަންތައްތަކެއްގެ ތެރޭގައި....އާދެ! އަޅުގަނޑުގެ ދައްތަ ސާބިތުކުރެއްވީ އޭނާ އަކީ އަޅުގަނޑުމެންގެ އިއްޒަތްތެރި މާތް ބައްޕާގެ ތެދުވެރި ދަރިކަނބަލެއް ކަމެވެ. ދިވެހި ޖައްވަށް ނޭވާލި މާތް އަންހެނުންގެ ތެރެއިން އެންމެ މާތް އެއް އަންހެނެއްކަމެވެ. އާދޭހެވެ! ކިޔަމަންތެރިކަމާއި ތާރީހު ކަމުގެ ނިޔަނެތިކަމާއި ވަފާތެރިކަމުގެ ކެތްތެރިކަމާއި ލަދުރަކިކަމުގެ އެންމެ ފުރިހަމަ އެއް މިސާލެވެ."

މުހައްމަދު އަމީން (ކ) އާއި ކޮއްކޮ މަރިޔަމް އަމީން: އަވަހާރަވީ ދައްތަ އައިމިނަތު އަމީން.


ދައްތަގެ ހާލުދެކިލައި، ދައްތައާ އެކު ވަގުތުތަކެއް ހޭދަކުރެއްވުމަށް 19 ދުވަސް ފަހު އަމީން އެނބުރި ސިލޯނަށް ވަޑައިގެންނެވި އެވެ. އޭނާ ނިންމަވައިގެން ހުންނެވީ އެނބުރި އަލީގަޅަށް ގޮސް ކިޔެވުން ފުރިހަމަކުރާށެވެ. އެކަމަކު ބައްޕަ އެދިވަޑައިގަތީ އެހިސާބުން ކިޔެވުން މެދުކަނޑާލާށެވެ. އެކަށީގެންވާ ވަރަށް ކިޔެފައި ހުރުމުން، ބައްޕަ އާއި ތިއްތިބޭބެ އަށް ދައުލަތުގެ މަސައްކަތަކުގައި އެހީތެރިވަވަޑައިގަތުމަށް ހުންނެވުމަށެވެ.

އެގޮތުން މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯއްދަވަން އަމީނު ސިލޯނުގައި ހުންނަވަނިކޮށް، އެ ހިތި ހަބަރު އޭނާ އަށް ލިބިވަޑައިގަތެވެ. އޭނާގެ ފުރާނަފަދަ ދައްތަ އަވަހާރަވީ އެވެ. އަމީން ލިޔުއްވި ގޮތުގައި އެ ހަބަރު ފުރަތަމަ އިވުނު ދުވަހު ކުރި އަސަރުތައް ދެގޮތެއް ނުވެ އަބަދުވެސް ހަނދާން ހުރެ އެވެ. އެ ދައްތަ އަކީ އަމީނުގެ ބަހުން ނަމަ "އެންމެ ޅައިރުގެ އުފާތަކާއި ހިތާމަތަކުގެ އަބަދީ ހިއްސާދާރެ"ވެ. އަދި އެއީ "އޭނާގެ އަމިއްލަ ނަފުސަށް ވުރެ ބޮޑަށް އަޅުގަނޑު ދެކެ ލޯބިފުޅުވާ ދައްތަ" އެވެ.

"ކިޔަމަންތެރި ދަރީންގެ ތެރެއިން އެންމެ ކިޔަމަންތެރި އެއް ދަރި އެވެ. ވަފާތެރި އަނބީންގެ ތެރެއިން އެންމެ ވަފާތެރި އެއް އަންބެވެ. އޯގާވެރި ދައްތައެއްގެ އެދެވޭ މިސާލެވެ. ހަރުދަނާ މަންމައިންގެ ތެރެއިން އެންމެ ހަރުދަނާ އެއް މަންމަ އެވެ،"

އަމީން އަބަދުވެސް ވިދާޅުވެ އެވެ. އޭނާ އާއި ދައްތަގެ ދެބެއިންގެ ދެމެދުގައި ހިގައިފައިވަނީ ހަމައެކަނި އެއްބަނޑުއެއްބަފާކަމުގެ އަގުމާތް ގުޅުންތަކެއް ނޫނެވެ. އެ ގުޅުން ގުޅިފައިވަނީ ތެދުވެރި ރަހުމަތްތެރިކަމުގެ ރަނުގެ ހިލިހިލާ އިންނެވެ. އަދި ވަފާތެރިކަމާއި ލޯބީގެ ފަށުވީގެ ވާފަށަކުން ވެސް މެ އެވެ.

އައިމިނަތު އަމީންގެ ފުރާވަރު ގެއްލުވާލުމުގެ "އަދަބު" އަތިރީގޭ ބޭފުޅުން އިއްޒުއްދީނަށް ދެއްވި އެވެ. އެ ބޭފުޅުން ދެކެވަޑައިގަތީ އިއްޒުއްދީނަކީ ރަސްކަމަށް ކުފޫހަމަވާ ބޭކަލެއް ނޫން ކަމަށެވެ. އަދި ދިވެހި ރަސްކަން، ދޮންބަންޑާރައިންގެ ދަރިފަސްކޮޅުން އައިސް ރަސްކަލަކަށް ކާފަ ވިދާޅުވާ ބޭފުޅަކަށް ވާރުތަވާނެ ކަމަށް ގާނޫނު އަސާސީގައި ލިޔެ އިއްޒުއްދީނަށް ހާއްސަވެފައި އޮތް ވަލީއަހުދުކަން ކަނޑާލި އެވެ. ފަހުން އަތިރީގޭ އަބްދުލްމަޖީދު ރަންބަނޑޭރިކިލެގެފާނުގެ ދަރިކަލުން ހަސަން ފަރީދު އިސްވެ ހުންނަވައި، ރަދުން ޝަމްސުއްދީން އަޒުލުކުރައްވައި، އެމަނިކުފާނާއި، ދަރިކަލުން އިއްޒުއްދީން ފުވައްމުލަކަށް އަރުވާލެއްވި އެވެ.

ނަމަވެސް، އެއިން އެއްވެސް ކަމަކުން އަމީންގެ ހިތްޕުޅަށް ތަސައްލީއެއް ލިބިވަޑައެއް ނުގަތެވެ. އެ ހިތާމައެއް ނުމެ ފިލި އެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި ދުނިޔޭގެ އަލިކަން ދުށީއްސުރެ އެކުއެކީގައި ބޮޑުވަމުން އައި ދެބެއިން ވަކިވާން ޖެހުމުން ކުރާނޭ އަސަރު ވިސްނޭނީ، ލިބޭނެ ވޭން އިހުސާސް ކުރެވޭނީ، ހިތްދަތިކަން މިނެލެވޭނީ ހަމައެކަނި އެފަދަ ހިތި ތަޖުރިބާއެއް ލިބިފައިވާ މީހަކަށެވެ.