3 އޮގަސްޓު 2023 - 10:11 1
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު، އޭނާ ވިދާޅުވީ ޕީއެންސީން ރިޔާސީ ޓިކެޓަށް ހުޅުވާލާ ނަމަ ޝައުގުވެރިކަން އެބަހުރި. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު
3 އޮގަސްޓު 2023 - 10:11 1
އަންނަ ސެޕްޓެމްބަރުމަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކަށް ވާން ހުޅުވާލާ ނަމަ އެކަމަށް ޝައުގުވެރިކަން އެބަހުރި ކަމަށް އެޕާޓީގެ ނައިބު ރައީސް އަދި ރައްުޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފު "އަދަދު"އަށް މިއަދު ވިދާޅުވީ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ހުރި ނަމަވެސް އަދިވެސް އުއްމީދަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ވުން ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ހާލަތުުގައި، ޕީޕީއެމާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް އެމަނިކުފާނު އަންގަވާފައިވާތީ އެ ޕާޓީގެ ސެނެޓް މެންބަރުން މިއަދު ބައްދަލުވުމެއް ފަށަން މިހާރު ވަނީ ތައްޔާރު ވެފަ އެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ބައްދަލުވުން ފަށަން ތައްޔާރުވެފައި ވާއިރު މިހައިތަނަށް 47 މެމްބަރަކު އެ ބައްދަލުވުމަށް ވަޑައިގެން އެބަ ތިއްބެވި އެވެ.
ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފަ އެވެ. އިސްތިއުނާފު އަވަސް ކުރަން ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދެ ފަހަރު މަތިން ދުސްތޫރީ މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ކޯޓަށް ބަލައިނުގަތެވެ.
އެންމެ ފަހުން ރަނިން މޭޓުގެ ގޮތުގައި ޔާމީންގެ ފުރަތަމަ ނައިބު އަދި މިހާރު އެމަނިކުފާނުގެ އިސް ވަކީލެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަނޑައެޅުއްވުމަށް ފަހު ޔާމީނާއި ޖަމީލުގެ ނަން ހިމެނޭ ކެންޑިޑެސީ ފޯމު ވަނީ ހުށަހަޅުއްވައިފަ އެވެ.
ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމުމުން، އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ. ޔާމީންގެ ވަކީލުން ހުށަހަޅާފައިވާ ގާނޫނީ ނުކުތާތަކުގެ ރައްދު ހުށަހަޅަން ސުޕްރީމް ކޯޓުން ވަނީ މިއަދު ހަވީރު 3:00 ގެ ނިޔަލަށް ފުރުސަތު ދީފަ އެވެ.
ކެންޑިޑެސީގެ މައްސަލަ ޔާމީނާ އެއްކޮޅަށް ނުނިމިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ހަމަޖައްސަން ޕީއެންސީގެ ސެނެޓް މެންބަރުން މިއަދު ބައްދަލުވާއިރު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގައި ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ އެކި ބޭފުޅުން އެބަ ތިއްބެވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment