Advertisement

ނަޝީދު ޕީޕީއެމްގެ ޖަގަހައަށް، ވިސްނުމަށް އައި ބަދަލުގެ މަންޒަރެއް

2 އޮގަސްޓު 2023 - 21:45 4

ދ. ކުޑަހުވަދޫ

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ނަޝީދު ދ. ކުޑަހުވަދޫ ޕީޕީއެމް ޖަގަހަ ތެރޭގައި


ނަޝީދު ޕީޕީއެމްގެ ޖަގަހައަށް، ވިސްނުމަށް އައި ބަދަލުގެ މަންޒަރެއް

2 އޮގަސްޓު 2023 - 21:45 4

ދ. ކުޑަހުވަދޫ

ދ. ކުޑަހުވަދޫ އެއާޕޯޓަށް، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބާއި އެ ޕާޓީ އުފެއްދުމުގެ ފަހަތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތީ ކެމްޕެއިނަށް ތ. އަތޮޅަށް ވަޑައިގަތުމަށް، ވަގުތީ މަންޒިލެއް ގޮތުގަ އެވެ. ތ. އަތޮޅަށް ފުރާވަޑައިގަތުމުގެ ކުރިއަށް ކުޑަހުވަދޫގެ ބައެއް ތަންތަނަށް ޒިޔާރަތްކޮށް ބަނދަރު މައްޗަށް ވަޑައިގަތީ އެ ރަށުގެ މަސްވެރިންނާއި ދޯނިފަހަރުތަކުގައި މަސައްކަތް ކުރާ މީހުނަށް ބައްދަލުކުރެއްވުމަށެވެ.

އަބަދު ވެސް ނަޝީދާ އެންމެ ވާދަވެރި، އަދި އަބަދުވެސް އެމަނިކުފާނަށް އެހާމެ ނުރުހުން ފާޅުކުރަމުން އައި ސިޔާސީ ޖަމާއަތަކީ ޕީޕީއެމެވެ. ބަނދަރު މަތީ އެ ޕާޓީގެ ޖަގަހައެއް ހުއްޓެވެ. ނަޝީދު އެ ރަށަށް ވަޑައިގެން ބަނދަރުމަތީ، ދޯނިފަހަރާ ދިމާއަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް ޖަގަހައިގެ ތިބި ޕީޕީއެމްގެ ސަޕޯޓަރުންގެ ލޮލުގައި އަޅައިގަތެވެ.

ޖަގަހައިގައި ތިބި ވިއްސަކަށް މީހުން ނަޝީދަށް ގޮވަން ފެށި އެވެ. ގަދަ އަޑުން ނަޝީދަށް ގޮވަން ފެށުމުން އެމަނިކުފާނު އެ ތަނަށް ވަޑައިގަތެވެ. ޖަހަގަ ތެރެއަށް ވެއްދީ ދުވަސްވީ ގާތް އެކުވެރިއެއް ފަދައިންނެވެ. ނޫނީ ނަޝީދަކީ ޕީޕީއެމްގެ ޒަމާންވީ އިސް ލީޑަރެއް ފަދައިންނެވެ. އެއް އިރެއްގައި ނަފުރަތު ކުރި ނަޝީދާ ސަލާން ކުރަން ޕީޕީއެމްގެ ސަޕޯޓަރުން އެމަނިކުފާނު ވަށައިލީ ހިނިތުންވުމާ އެކު އެވެ.

"މިނޫން ކޮންމެ ވެސް ގޮތެއް [ރައީސް ސޯލިހު ނޫން ގޮތެއް] ހޯދަން އެބަ ޖެހޭ," ޕީޕީއެމްގެ ސަޕޯޓަރަކު އެ ބުނެލީ މީގެ އަހަރުތަކެއް ކުރިން އެ މީހުންގެ ނުރުހުން އޮތް ސިޔާސީ ލީޑަރު ނަޝީދުގެ އިތުރުން އެ މީހުން ވެސް މިއަދު ބޭނުންވެފައިވާ ކަމެއްގެ ވާހަކަ އެވެ.

"އާދެ, އާދެ, ރަނގަޅު ގޮތެއް ހަދަން މަސައްކަތް ކުރާނަން، [މި ނޫން ގޮތެއް] ހޯދައިދޭނަން،" ނަޝީދު ރައްދުގައި ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ހިޔާލު އެންމެ ފުރަތަމަ ކުރިއަށް ނެރުއްވީ ނަޝީދެވެ. ނަމަވެސް ކެންޑިޑޭޓުންގެ ނަން ހުށަހެޅުމުގެ ސުންގަނޑި އޯގަސްޓް 7 އަށް ހަމަވާއިރު، އަދި ވެސް އިދިކޮޅުން އެއް ކެންޑިޑޭޓެއް ނުދެއްކެ އެވެ. މަޝްވަރާތައް ކުރެވުނަސް އެކަން ކާމިޔާބެއް ނުކުރެވުނެވެ.

ނަޝީދަކީ ޕީޕީއެމްގެ ވިސްނުންތަކަށް ތަކުރާރުކޮށް ފާޑުވިދާޅުވި ލީޑަރެކެވެ. އޭރު ސިޔާސީ އެންމެ ވާދަވެރި ދެ ލީޑަރުންނަށް ތިއްބެވީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

މިއަދު ޕީޕީއެމާއެކު ނަޝީދު ވެސް އެދިވަޑައިގަންނަވަނީ އެމަނިކުފާނުގެ ކުރީގެ މިތުރު، މިހާރު ސިޔާސީ ގޮތުން ހަތަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމާށެވެ.

ދ. ކުޑަހުވަދޫން އެ ފެނުނީ ކުޑަ މަންޒަރެކެވެ. ސިޔާސީ މަސްރަހު ބަދަލުވި ހާލަތެވެ. މިހާރު ޕީޕީއެމްގެ ސަޕޯޓަރުން ބޭނުންވަނީ ނަޝީދާ ވާހަކަ ދައްކާށެވެ. ސަރުކާރު ބަދަލުކުރުމުގެ ވިސްނުން އިސްކޮށް ޕީޕީއެމާއި ނަޝީދުގެ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރާނެ ގޮތެއް ހޯދުމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި ރަނިންމޭޓަކު ކަނޑައަޅައި އިއުލާން ނުކުރެ އެވެ. އެ ފުރުސަތު ޕީޕީއެމަށް ދިނުމަށް ވެސް ނަޝީދު ވަނީ ދައުވަތު ދެއްވާފަ އެވެ.

"ރައީސް ޔާމީނަށް މި ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭގޮތް މިވަނީ ނުވެފަ، އަޅުގަނޑު ޕީޕީއެމްގެ ލޮބުވެތި މެންބަރުންގެ ކިބައިން، އަދި ރައީސް ޔާމީނާއި ޕީޕީއެމްގެ ލީޑަރުންގެ ކިބައިން ވަރަށް އިހްލާސްތެރިކަމާއެކު އެދެން އިލްޔާސް ލަބީބުގެ ރަނިން މޭޓެއްގެ ގޮތުގައި ތިބޭފުޅުންގެ ބޭފުޅަކު ހުށަހެޅުމުގެ ފުރުސަތު އޮތީ ވަރަށް ފުޅާކޮށް ހުޅުވިފައި," އައްޑޫގައި ބޭއްވި ކެމްޕޭން ބައްދަލުވުމެއްގެ ތަރެއިން ނަޝީދު ވިދާޅުވެފައިވެ އެވެ.

ޑިމޮކްރެޓުން ކެންޑިޑޭޓެއްގެ ގޮތުގައި އިލްޔާސް ދެއްކުމުގެ ކުރިން އެ ޕާޓީއާއި ޕީޕީއެމުން ވަނީ ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް ވަރު ނުލައި މަޝްވަރާތައް ވަނީ ހުއްޓިފަ އެވެ. ޕީޕީއެމުން އެ މަޝްވަރާތައް ހުއްޓާލާފައިވާ ކަމަށް ބުނި ނަމަވެސް، ޑިމޮޮކްރެޓްސް އަދިވެސް އެދެނީ ދެ ޕާޓީއަށް އެއްބަސްވެވޭ ކެންޑިޑޭޓަކާއެކު ކުރިއަށް ދިޔުމަށެވެ. އަދި އެއީ ޔާމީނާއި ނަޝީދު ނޫން މީހަކަށް ވުމެވެ. ހައްލަކަށް ނަޝީދު އެ ވަނީ އިލްޔާސް ދައްކަވައިފަ އެވެ. ނަމަވެސް ޕީޕީއެމްއިން އެހެން ޕާޓީއެއްގެ ފަހަތަށް އަރަން ބޭނުމެއް ނުވެ އެވެ.

ނަޝީދުގެ ހަށިކޮޅުގައި ރަންރީނދޫ ލޭ ހިނގަމުން ދިޔައިރު، އެމަނިކުފާނަށް ފިޔާތޮށި މުލައިގެ މަރުހަބާއެއް ނުކިޔަ އެވެ. ނަމަވެސް ކުޑަހުވަދޫން މިއަދު އެ ފެނުނީ ބަދަލުވާ ވިސްނުމަށް އައި ބަދަލުގެ ކުޑަ މަންޒަރެކެވެ. ސާފު ނުވެ އޮތީ 2023 ގެ އިންތިހާބަށް އެ ބަދަލުން އަސަރެއް ކުރުވޭނެތޯ އެވެ.