2 އޮގަސްޓު 2023 - 17:29 0
ނަޖާހު މަސްއޫދު
ޓްވިޓާގައި ސަރުކާރަށް ފާޑުކިޔައި ކާކުކަން ނޭނގޭ ގޮތަށް ތުހުމަތުތައް ކުރަމުންދާ ހަސަން ކުރުސީ އެކައުންޓްގެ ޕްރޮފައިލް
2 އޮގަސްޓު 2023 - 17:29 0
ޓްވިޓާގައި ކާކުކަން ނޭނގޭ ގޮތަށް ސަރުކާރަށް ފާޑުކިޔައި އެކި ތުހުމަތުތައް ކުރަމުންދާ "ހަސަން ކުރުސީ"ގެ ނަމުގައި ހިންގަމުންދާ އެކައުންޓުގެ ވެރިފަރާތަކީ ކާކުކަން ހޯދަނީ ޝަހުސު އޮޅުވާލުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފި އެވެ.
ސަރުކާރުގެ އެކި ފަރާތްތަކަށް ފާޑުކިޔައި ކޮރަޕްޝަންގެ ތުހުމަތު ކުރަމުންދާ، "ހަސަން ކުރުސީ" އެކައުންޓު ހިންގަނީ ކާކުކަން ހޯދަން ދިވެހި ފުލުހުންގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "އަދަދު" އަށް ވިދާޅުވި ގޮތުގައި، އެ މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ މިދިޔަ އޭޕްރިލް މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.
ފުލުހުން ބުނި ގޮތުގައި، އެ އެކައުންޓުގެ ވެރިފަރާތް ހޯދަމުން ދަނީ ޝަހުސު އޮޅުވާލުމުގެ ތުހުމަތުގަ އެވެ.
ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި އެކައުންޓް ހިންގާ ކަމަށް އެންމެ ފުރަތަމަ އަޑުފެތުރުނީ ނަޝީދާ ގުޅުވަ އެވެ. އެއީ، ނަޝީދު ގެންގުޅުއްވާ ނުރަސްމީ އެކައުންޓް "އެލެކްސް އަހުމަދު"އަކީ އެމަނިކުފާނުކަން އާންމުކޮށް ހާމަވުމާއެކު އުފެއްދި އެހެން އެކައުންޓެއް ކަމަށް ވެސް ބެލެވުނެވެ.
އޭޕްރިލް 17 ވަނަ ދުވަހު ނަޝީދު ފުލުހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ އެކައުންޓަކީ އެމަނިކުފާނު ހިންގާ އެކައުންޓެއް ކަމަށް ގިނަ ބަޔަކަށް ހީކުރެވި، އެތަކެއް އޮޅުން އަރައި އެމަނިކުފާނަށް "އިންތިހާއަށް" ގެއްލުންވަމުންދާ ކަމަށެވެ. އެހެންވެ، އެ ޓްވިޓާ އެކައުންޓުގެ އަސްލު ހޯދައިދެއްވުމަށް ސިޓީގައި އެދިވަޑައިގަތެވެ.
ނަޝީދު ފުލުހުންނަށް ފޮނުވި ސިޓީގެ ޓްވީޓް
އެހެންނަމަވެސް، އެ އެކައުންޓުން އަމިއްލައަށް އެއީ ނަޝީދު ކަމަށް ބުނެ އޮޅުވާލާ ކަމަށް އެ ސިޓީގައި ތުހުމަތުކޮށްފައި ނުވެ އެވެ.
ނަޝީދު އެގޮތަށް އެދިވަޑައިގެންނެވި ފަހުން ޖެހިގެން އައި މެއި މަހު، އައްޑޫގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ ކުރުސީ އަކީ ކާކުކަން ހޯދަން އެދިވަޑައިގެންފަ އެވެ. އޭނާ އެކަމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަތީ އައްޑޫ ސިޓީ ކައުންސިލުން ގުދަނެއް ދޫކުރުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނެ އެ އެކައުންޓުން ކުރި ޓްވީޓުތަކަކާ ގުޅިގެންނެވެ.
ކުރުސީގެ އެކައުންޓުން މި ދައުރުގެ ކުރީކޮޅު އެމްޑީޕީގެ ސަރުކާރާ އެއްކޮޅު ޓްވީޓުތައް ކުރަމުން ދިޔަ ނަމަވެސް، މިހާރު އެ އެކައުންޓުން ގެންދަނީ ސަރުކާރަށް ފާޑުކިޔައި އެކި މަގާމުތަކުގައި ތިބި މީހުންނަށް ތުހުމަތުތަކެއް ކުރަމުންނެވެ.
ބާރަ ހާހަށް ވުރެ ގިނަ މީހުން ފޮލޯ ކުރާ ކުރުސީ އެކައުންޓުގެ ވެރިފަރާތް ހޯދުމަށް ފުލުހުން ކޯޓު އަމުރާއެކު ރަސްމީކޮށް އެކަމަށް އެދެން ޖެހޭނީ ޓްވިޓާގަ އެވެ. އެކަމަކު، އެކައުންޓުތަކާ ގުޅޭ ޒާތީ މައުލޫމާތު ސަރުކާރުތަކުން އެދުނަސް ޓްވިޓާއިން އާންމުކޮށް ހާމައެއް ނުކުރެ އެވެ.
ކުރުސީގެ އެކައުންޓުން މި ފަހުން ކުރި ޓްވީޓުތަކުގައި ބުނެފައި ވަނީ އޭގެ ފަހަތުގައި ވަނީ ކާކުތޯ ބަލާ ނަމަ ގިނަ ބަޔަކު ނުރައްކަލަށް ހުށަހެޅޭނެ ކަމަށެވެ. އަދި އެއީ ޑިމޮކްރެސީގެ ހަމަތަކާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ހިލާފު އަމަލުތަކެއް ކަމަށް ބުނަމުންދެ އެވެ.
Comment