2 އޮގަސްޓު 2023 - 15:57 0
ނަޖާހު މަސްއޫދު
ހާއްސަ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖެއްސި އަލީ ވަހީދު، އިސްމާއިލް ޝުޖާ އަދި އިބްރާހިމް ޝުޖާއާއެކު ގާސިމް އިބްރާހިމް
2 އޮގަސްޓު 2023 - 15:57 0
ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު އަނެއްކާވެސް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ހާއްސަ އެޑްވައިޒަރަކަށް ހަމަޖައްސައިފި އެވެ.
މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ 159 ވަނަ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ލީޑަރު ގާސިމްގެ ހާއްސަ އެޑްވައިޒަރު ކަމަށް ތިން ބޭފުޅަކު އައްޔަން ކޮށްފައިވާއިރު، އޭގެ ތެރޭގައި އަލީ ވަހީދު ވެސް ހިމެނޭކަން އެ ޕާޓީގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ ހާމަކޮށްފަ އެވެ.
ގާސިމްގެ އެޑްވައިޒަރުންނަށް ދެން ހަމަޖެއްސީ އިސްމާއިލް ޝުޖާ އަދި އިބްރާހިމް ޝުޖާ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މޭ ޑޭ މުޒާހަރާއަށް ފަހު އަލީ ވަހީދު އުޅުއްވީ އިނގިރޭސިވިލާތުގަ އެވެ. އެ ވެރިކަމުގެ ތެރޭގައި ދައުލަތުން ދައުވާ އުފުލި ގާސިމް އިބްރާހިމް ވެސް ފަހުން އިނގިރޭސިވިލާތަށް ވަޑައިގަތުމުން ދެ ބޭފުޅުން ފަހުން ފެނިގެން ދިޔައީ ސިޔާސީ މަސައްކަތުގައި އެއްކޮށެވެ.
އަލީ ވަހީދު މީގެ ކުރިން ވެސް ގާސިމްގެ ހާއްސަ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. އެ ފަހުން އޭނާ އެ ޕާޓީގެ ރައީސްކަން ވެސް ހޯއްދެވި އެވެ. އަދި, އެމްޑީޕީން 2018 ވަނަ ގެނައި ކޯލިޝަން ސަރުކާރުގައި އޭނާ ޓޫރިޒަމް މިނިސްޓްރަކަށް ހަމަޖެއްސީ ވެސް ޖޭޕީގެ ސްލޮޓެއްގަ އެވެ.
މި ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވަނިކޮށް، އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ކުރި ޖިންސީ ގޯނާ އާއި ރޭޕްގެ ތުހުމަތުތަކެއްގައި އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލުމުން، ވަކި ހިސާބަކުން އޭނާ އުޅުއްވީ ފިލައިގެން އިނގިރޭސިވިލާތުގަ އެވެ. އެގައުމުގައި މަސައްކަތް ކުރައްވަމުން ގެންދެވީ އެ ގައުމުގެ ސަންޑޭ ލީގު ފުޓުބޯޅަ ޓީމެއްގެ ކޯޗެއްގެ ގޮތުގަ އެވެ.
މިދިޔަ މަހު އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގަތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމުންނެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި، އޭނާގެ މައްޗަަށް އުފުލި ދައުވާތައް ސާބިތު ކުރަން ހެކިބަސް ދޭން ތިބި ގިނަ ބަޔަކު މިހާރު ހެކިބަސް ދޭން ބޭނުންނުވާތީ އެ މައްސަލަތައް ސާބިތުކުރެވޭނެ ގޮތެއް ނެތެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދި ނަމަވެސް، މިފަހަރު ގާސިމް ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރިމަތިލައްވާނެކަން އިއުލާނުކުރައްވައިފަ އެވެ. އަދި, އޭނާ ގެންދަވަނީ އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ވެސް ކުރައްވަމުންނެވެ.
Comment