Advertisement

ރިޔާސީ ކެމްޕޭން: ރައީސް މިއަދު ހއ. އަތޮޅުގެ ހަތަރު ރަށަކާއި ހަނިމާދޫއަށް

2 އޮގަސްޓު 2023 - 20:21 0

ހއ. އަދި ހދ. އަތޮޅު

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭން ދަތުރުގެ ތެރެއިން : އެމަނިކުފާނު މިއަދު ހއ. އަތޮޅުގެ ހަތަރު ރަށަކާއި ހަނިމާދޫއަށް ވަޑައިގެންނެވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ރިޔާސީ ކެމްޕޭން: ރައީސް މިއަދު ހއ. އަތޮޅުގެ ހަތަރު ރަށަކާއި ހަނިމާދޫއަށް

2 އޮގަސްޓު 2023 - 20:21 0

ހއ. އަދި ހދ. އަތޮޅު

މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ހއ. އަތޮޅުގެ ހަތަރު ރަށަކާއި ހދ. ހަނިމާދޫއަށް ވަޑައިގެންފަ އެވެ.

ރައީސް މިއަދުގެ ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގަތީ ހއ. ބާރަށަށެވެ. އެ ރަށަށް ވަޑައިގަތީ ހެދުނު 9:30 ގަ އެވެ. އެންމެ ފަހުން ވަޑައިގެންނެވި ހދ. ހަނިމާދޫއަށް ވަޑައިގެންނެވީ ހަވީރު 6:15 ހާއިރު އެވެ. ކޮންމެ ރަށެއްގައި ވެސް ރައްޔިތުންނާއި ވާހަކަފުޅު ދައްކަވައި، ނިމިފައިވާ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވި އެވެ.

ހއ. ބާރަށް

މިއަދު ދަތުރުގެ ފުރަތަމަ މަންޒިލުގެ ގޮތުގައި ރައީސް ވަޑައިގެންނެވީ ހއ. ބާރަށަށެވެ. އެ ރަށުގައި މި ސަރުކާރުން ގާއިމުކުރި ފުޓްސަލް ދަނޑު އެމަނިކުފާނު ހުޅުއްވައިދެއްވި އެވެ.

"ބޮޑު ތިލަދުންމައްޗަށް އަޅުގަނޑުމެން މި ގެންނަނީ ވަރަށް ބޮޑު ބަދަލެއް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އާރުޓީއެލްގެ ހިދުމަތާއެކު މުޅި ބޮޑު ތިލަދުންމަތި އެކީގާ ގުޅުމުން، މި ކޮންމެ ރަށަކަށް ބަދަލުތަކެއް އަންނާނެ، ބާރަށަކީ އެގޮތުން މުސްތަގުބަލު އޮތް ރަށެއް، ހަނިމާދޫ އެއާޕޯޓު އެއޮތީ މި ރަށާ 10 ވަރަކަށް މިނަޓު ކައިރީގަ، ރަށު ފަތުރުވެރިކަން ތަރައްގީކުރަން މިއަށްވުރެ ފައްކާ ރަށެއް އޮންނާނެ އެކޭ އަޅުގަނޑު ނުދެކެން" ރައީސް ބާރަށުގައި ވިދާޅުވި އެވެ.

ވައުދުތައް:

  • ހުއްޓިފައިވާ ނަރުދަމާގެ މަސައްކަތް އަލުން ފެށުން
  • ސްކޫލަށް މަލްޓި ޕާޕޯސް ހޯލެއް އަދި އޮފީސް އިމާރާތެއް
  • ރިންގް ރޯޑާ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަކަށް ހެދުން
  • ގެސްޓްހައުސް ފަންޑެއް ހުޅުވާ ލުއި ލޯނު ލިބޭގޮތް ހަދައިދޭނަން
  • ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ރޯހައުސް އެޅުން
  • މުދާ ބޭލުމުގައި ދިމާވާ ދަތިތަކަށް ހައްލެއް

ބާރަށުގެ ވޯޓުލެވޭ އާބާދީއަކީ 1،453 އެވެ. އެ ރަށަށްފަހު ރައީސް ދެން ވަޑައިތީ އެ އަތޮޅުގެ ފިއްލަދޫ އަށެވެ.

ހއ. ފިއްލަދޫ

ރައީސް މިއަދު ދެވަނަ އަށް ވަޑައިގެންނެވީ ފިއްލަދުއަށެވެ. މި ސަރުކާރުން އެ ރަށުގެ ސިއްހީ މަރުކަޒަށް އިތުރު ކުރި އާ އިމާރާތް ހުޅުއްވައި ދެއްވުމުގެ އިތުރުން ފެނާ ނަރުދަމާގެ ނިޒާމު އެމަނިކުފާނު އިފްތިތާހުކޮށްދެއްވި އެވެ.

އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުން ވައުދުވި ގޮތަށް އެ ރަށުގެ ބޮޑު މަގު ހެދުމަށް ކުރަންޖެހޭ އިދާރީ ކަންކަން ނިމި އަމަލީ މަސައްކަތްތައް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ހިތްހަމަނުޖެހޭ ކަމެއް އޮތަތީވެ، ފަހަރުގައި، އޭގެ ޖަޒުބާތުގައި ވޯޓަށް އަސަރު ކުރާ ކަމެއް ނުކުރުން އެއީ އަޅުގަނޑުގެ މިއަދުގެ އިލްތިމާސެއް،" ރައީސް ފިއްލަދޫގައި ހުރެ ވިދާޅުވި އެވެ.

ވައުދުތައް:

  • އާ ހުކުރު މިސްކިތެއް
  • ޓޫރިޒަމަށް ކަނޑައެޅިފައިވާ ސަރަހައްދަށް ކަރަންޓާއި، ފެނާއި، ނަރުދަމާ
  • ފުޓްބޯޅަ ދަނޑު އަޅައިދިނުން
  • ސްކޫލަށް އިތުރަށް ތަރައްގީކުރުން
  • ބަނދަރަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުން

ފިއްލަދޫގެ ވޯޓުލެވޭ އާބާދީއަކީ 817 އެވެ. އެ ރަށަށްފަހު ރައީސް ދެން ވަޑައިގެންނެވީ އެ އަތޮޅު މުރައިދޫ އަށެވެ.

ހއ. މުރައިދޫ

މުރައިދޫއަށް ކުރެއްވި ދަތުރުފުޅުގައި ، އެރަށުގައި އަލަށް އެޅި ފެނަކަ އޮފީހާއި ފުޓްބޯޅަ ދަނޑު ރައީސް ހުޅުއްވައިދެއްވި އެވެ. އާބާދީގައި 900 އެއްހާ މީހުން އުޅޭ އެރަށަށް 2018 ގައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު ވެސް އެމަނިކުފާނު އިފްތިތާހުކޮށްދެއްވި އެވެ.

ރައީސް ސޯލިހު އެ ރަށުގައި ވިދާޅުވީ އެރަށް ބަދަލުވަމުން އަންނަނީ މި ސަރުކާރުގެ ތަޖުރިބާގެ އަލީގައި ކަމަށާއި 2018 ގެ ރިޔާސީ އިންތިހާބުގައި މަދު ވޯޓަކުން އެ ރަށުން ލިބުނު ނާކާމިޔާބީ، އެމްޑީޕީގެ މެޖޯރިޓީއަކަށް ބަދަލުވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

ރައީސް އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން މިއަދު ހއ. އަތޮޅުގެ ރަށެއްގައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ވައުދުތައް:

  • ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުން
  • މަގުތައް ޒަމާނީ ފެންވަރަކަށް ހެދުން
  • ވޮލީ ކޯޓެއް

މުރައިދޫގައި އޮތް މެންދުރުގެ ކެއުމަށްފަހު ރައީސް ދެން ވަޑައިގެންނެވީ އެ އަތޮޅުން މި ކެމްޕޭނުގައި ރައީސް ވަޑައިގަންނަވާ ފަހު ރަށް ކަމަށްވާ އުތީމަށެވެ. އެއާއެކު މި ކެމްޕޭނުގައި ރައީސް ވަނީ

ހއ. އުތީމު

އުތީމަށް ވަޑައިގެން އެ ރަށުގައި ހުންނަ ޣާޒީ ބަންޑާރައިން ސްކޫލުގައި އަލަށް އިމާރާތްކުރި ހަތަރު ކްލާސްރޫމުގެ އިތުރުން އެ ރަށު ހެލްތު ސެންޓަރަށް އިތުރުކުރެވުނު އާ އިމާރާތް ރައީސް ސޯލިހު ހުޅުއްވައިދެއްވި އެވެ.

އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ރައްޔިތުންނާ އެމަނިކުފާނު މުހާތަބުކުރެއްވި އެވެ. ވިދާޅުވީ މި ފަސް އަހަރެކޭ އެއްގޮތަށް ކުރިއަށް އޮތް ދައުރަށް އިންތިހާބުވެވަޑައިގެންފި ނަމަ ވައުދުތައް ފުއްދަވާނެ ކަމަށެވެ.

"އަޅުގަނޑު އެ ބޭފުޅުންނަށް ދަންނަވާލަން އޮތީ، މި އޮތީ އެ ވަގުތު އައިސްފައޭ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މި ރާއްޖޭގެ ތަރައްގީއަށް، މި އަތޮޅާއި މި ރަށުގެ ތަރައްގީއަށް ކުރެވިފައި ހުރި މަސައްކަތްތައް ހުރިހާ ބޭފުޅުން ވެސް ހަނދުމަކުރައްވާށޭ،"

ރައީސް ވިދާޅުވި ގޮތުގައި އަބަދުވެސް ޕީޕީއެމަށް މެޖޯރިޓީ އޮންނަ ހއ. އުތީމު މީހުން އިތުރަށް އެ ގޮތުގައި ތިބެންވީ ސަބަބެއް މިހާރު ނެތެވެ.

ވައުދުތައް:

  • ބަނދަރު ބޮޑުކުރުން
  • ގިރާ ސަރަހައްދު ހިމާޔަތްކުރުން
  • ބޯހިޔާވަހިކަމަށް ރޯހައުސް އަޅައިދިނުން
  • އިޖުތިމާއި މަރުކަޒެއް

އުތީމުގެ ވޯޓުލެވޭ އާބާދީއަކީ 704 އެވެ. އުތީމަށްފަހު އެ އަތޮޅުގެ ދަތުރު ނިންމަވާލައްވާ ރައީސް ވަޑައިގެންނެވީ ހދ. ހަނިމާދޫ އަށެވެ.

ހދ. ހަނިމާދޫ

މިއަދު އެންމެ ފަހު ރަށެއްގެ ގޮތުން ރައީސް ވަޑައިގެންނެވީ ހދ. ހަނިމާދޫއަށެވެ. ހަނިމާދޫއަށް ވަޑައިގެން އެ ރަށުގައި މި ސަރުކާރުން ގާއިމުކުރި ބަނދަރާއި ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވުމުގެ އިތުރުން އެ ރަށުގައި ތަރައްގީކުރެވުނު 7.4 ކިލޯމީޓަރުގެ މަގާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކުރެއްވި އެވެ.

ހަނިމާދޫގައި ބާއްވާ ހާއްސަ ކެމްޕޭން ޖަލްސާ މިރޭ އޮންނާނެ އެވެ. މި ޖަލްސާގައި ރައީސްގެ އިތުރުން ކޯލިޝަން ޕާޓްނަރުންނާއި، ވަޒީރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ހަނިމާދޫއަށް ވަޑައިގެން ރައީސް ވަނީ ކުރު ވަގުތުކޮޅަކަށް ނޫސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. އެގޮތުން ރައީސް ވަނީ ސަރުކާރުގައި ބައިވެރިވި ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމް އަދި އިތުރު ފަސް އަހަރު އެކުގައި ތިބެގެން މަސައްކަތް ކުރަން އެދޭ ކަމަށާއި އެ ކަމަށް މަރުހަބާ ވިދާޅުވާނެ ކަމަށް ވިދާޅުވެފަ އެވެ.