2 އޮގަސްޓު 2023 - 09:24 0
މުހައްމަދު އުޝާމް
ރައީސް އަބްދުﷲ ޔާމީން ކޯޓަށް ހާޒިރުވި ދުވަހަކު އަނބުރާ މާފުށި ޖަލަށް ގެންދަނީ؛ ޔާމީން އެދިގެން މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
2 އޮގަސްޓު 2023 - 09:24 0
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގައި ދައުވާކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހާލަތު ހުރި ގޮތުން މިއަދު އެ މައްސަލައިގެ ޝަރީއަތް ބައްވައިނުދިނުމަށް އެދިވަޑައިގަތުމުން، މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ހިމެނޭ އެ މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނާއި ކްރިކް ރިޒާގެ އިތުރަށް ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.
އޭގެ ތެރެއިން ކްރިކްގެ ބައި ވަގުތީ ގޮތުން އަނބުރާ ގެނެސް މިހާރު ކުރިއަށް ދަނީ ޔާމީން އަދި ސަންގެ ދެ ކުންފުނީގެ ބައެވެ. ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ބާކީ ދެ ހެކިން ހާޒިރުކުރުމަށް މިއަދު ތާވަލުކުރި ނަމަވެސް ޔާމީން އެދިގެން މައްސަލަ ކެންސަލްކުރި ކަން ކޯޓުން ވަނީ އަންގައިފަ އެވެ.
"މައްސަލައިގައި ދައުވާކޮށްފައިވާ އަބްދުﷲ ޔާމީންގެ ހާލުކޮޅު ހުންނެވި ގޮތުން، އެމަނިކުފާނު އެދިވަޑައިގެންފައިވާތީ، އަޑުއެހުން ކެންސަލްކުރަން ނިންމީ،" އަޑުއެހުން ކެންސަލްކުރި ކަން އެންގުމަށް، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމްގެ ސެކްޝަނުން ގުޅާފައި ބުންޏެވެ.
ހެކިބަސް ނުނެގި އޮތް، ރާއްޖޭން ބޭރުގައި ތިބި ދެ ހެކިވެރިންގެ ހެކިބަސް ނެގުމަށް މިދިޔަ ޖުލައި މަހު 20، ގައި ވެސް އަޑުއެހުމެއް ބާއްވައި ދެ މީހުން އޮންލައިންކޮށް ހާޒިރުކޮށްފައިވެ އެވެ. ނަމަވެސް ލަންކާ އެމްބަސީގައި އިންޓަނެޓް ކަނެކްޝަންގެ މައްސަލަތަކެއް އުޅޭތީ އެކަކުގެ ހެކިބަސް ނުނެގުނެވެ. އަނެކަކުގެ ހެކިބަސް ނުނެގުނީ، ހައި ކޮމިޝަން އޮންނަ ގައުމުތަކުގައި އެ ތަނުން ބައިވެރިވާން ގާނޫނުގައި އޮއްވައި، ސައުދީގެ ކޮންސިއުލްގައި ހުރެގެން ޝަރީއަތުގައި ބައިވެރިވުމުންނެވެ.
އޭގެ ފަހުން މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ. އެ ދުވަހު ވެސް އަޑުއެހުން ކެންސަލްވީ އެވެ. އެ ދުވަހު އަޑުއެހުން ކެންސަލްވީ، ސަންގެ ކުންފުނީގެ ވަކީލުން އެހެން މައްސަލައަކަށް ހާޒިރުވާން ޗިޓު ލިބިފައިވާއިރު، ފުރަތަމަ ޗިޓު ލިބުނީ އެ މައްސަލައަށް ކަމަށް ވުމުންނެވެ.
ކޯޓްގައި މި މައްސަލަ ހިނގަމުންދާއިރު، ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ޔާމީނަކީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވަން، ޕީޕީއެމުން ރިޔާސީ ޓިކެޓު އަރުވާފައިވާ އެ ޕާޓީގެ ކެންޑިޑޭޓެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި އެމަނިކުފާނަށް އިއްވި ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވެ އެވެ. ނަމަވެސް ހައި ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން މި ވަގުތަށް އިސްތިއުނާފު މައްސަލަ ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ޖަލު ހުކުމް ދެމިއޮތުމުން، ޕީޕީއެމް ފަރާތުން އިއްޔެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ކެންޑިޑެސީ ފޯމު ވަނީ ބަލައިނުގަންނަން ނިންމައިފަ އެވެ. ކެންޑިޑެސީގެ މައްސަލަ ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅައިފަ އެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
ރިޒާގެ ނަމުގައި ބޭންކު އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަކުން ސަން ކޮންސްޓްރަކްޝަނަށް 1.1 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ މެއި 29، 2016 ގަ އެވެ. "އިންހައުސް ޓްރާންސްފާ" އެއް ގޮތަށް ސަން އިންވެސްޓްމަންޓުން ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރީ ޖޫން 7، 2016 ގަ އެވެ.
އަދި ހަމަ އެ ތާރީހުގައި އެ ފައިސާއަށް އަށްސަތޭކަ ޑޮލަރު އިތުރުކޮށްފައި އިސްލާމިކް ބޭންކުގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.
ޔާމީނާއި ކްރިކް ރިޒާ އަދި ސަންގެ ކުންފުނިތަކުން ބުނާ ގޮތުން ރ. ފުއްގިރި ކުއްޔަށް ދިނުމަށް ހިނގާފައިވާ މުއާމަލާތާއި ޔާމީނާއި ސަންގެ ކުންފުނިތަކާ މެދު ހިނގާފައިވާ މުއާމަލަތަކީ މުޅިން އެހެން މުއާމަލާތެއް ކަމަށެވެ. އެއީ ސަންގެ ކުންފުންޏަކާ ދެމެދު ހިނގި ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އެ ކަން ސާބިތު ކުރަން ދިފާއީ ހެކިތަކެއް ވެސް ހުށަހަޅާފައިވެ އެވެ.
Comment