2 އޮގަސްޓު 2023 - 09:55 0
ވަރުނުލާ ރާޅުގަނޑުގައި ރާއްޖޭގެ ގައުމީ ޓީމްގެ ދެ ބޮޑީބޯޑަރުން ފަރިތަކުރަނީ - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު
2 އޮގަސްޓު 2023 - 09:55 0
މާދަމާ ފަށާ ވިޒިޓް މޯލްޑިވްސް ޕްރޯ 2023ގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު މި މުބާރާތަކީ މިދިޔަ އަހަރަށްވުރެ ފޯރިގަދަ އަދި ވާދަވެރި މުބާރާތަކަށްވާނެ ކަމަށް ބެލެވެ އެވެ.
އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާގައި ހިމެނޭ ފޯރިގަދަ މުބާރާތުގައި މި އަހަރު ދުނިޔޭގެ މަތީ ފެންވަރުގެ ގިނަ އެތުލީޓުންތަކެއް ފެންނާނެ އެވެ. މިދިޔަ އަހަރާ ހިލާފަށް ބައިވެރިވާ އެތުލީޓުންގެ އަދަދު ގިނައިރު މި ފަހަރުގެ މުބާރާތަށް އެތުލީޓުން ތައްޔާރުވި މިންވަރު ވެސް ތަފާތެވެ.
މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯއަށް ގިނަ އެތުލީޓުން މާލެ އައީ މުބާރާތް ފެށެން އެއް ދުވަހަށްވެފައިވަނިކޮށެވެ. ދުރާލާ މުބާރާތަށް އައި އެތުލީޓުން މަދެވެ. ނަމަވެސް މިއަހަރު ބައެއް ބޮޑީބޯޑަރުން މާލެ އައީ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. މުބާރާތް ފެށުމުގެ ތިން ދުވަސް ކުރިން 90 އިންސައްތަ ބޮޑީބޯޑަރުން ތިބީ މާލޭގަ އެވެ. މިއީވެސް މި މުބާރާތް މި އެތުލީޓުންނަށް މުހިންމުކަން ފާހަގަކުރެވޭ އެއް ސަބަބެވެ.
ބޮޑީބޯޑަރުން ދުރާލާ މުބާރާތަށް އައުމުގެ އެއް ބޭނުމަކީ މުބާރާތުގެ ކުރިން ރަނގަޅަށް ރާއްޖޭގެ ރާޅަށް ހޭނިލައި މާހައުލަށް ހޭނުމެވެ. މިއީ މިފަހަރުގެ ވޯލްޑް ޓުއާގެ ދެވަނައަށް އެންމެ އަގުބޮޑު މުބާރާތާ ކުރިމަތިލާއިރު ހުރިހާ އެތުލީޓުންނަށްވެސް ލިބޭނެ ހިތްވަރަކަށްވާނެ އެވެ. މިދިޔަ އަހަރުގެ މުބާރާތަށް ބަލާއިރުވެސް މިއީ މުހިންމު ކަމެއްކަން ފާހަގަވި އެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި ބްރެޒިލްގެ އިޒަބެލާ ސޫސާވެސް މުބާރާތުގެ ފަސް ދުވަސް ކުރިން މިދިޔަ އަހަރު މާލެ އައެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހު އިޒަބެލާ ވަނީ މުބާރާތުގެ ކުރިން ވަރުނުލާ ރާޅުގަނޑުގައި ކުރި ޕްރެކްޓިސްތަކުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ. އިސަބެލޭގެ އިތުރުން ފިރިހެން ޑިވިޝަނާއި ޑްރޮޕް ނީ ބައިގެ ވާދަކުރި އަމައުރީ ލެވާންވެސް ވަނީ މުބާރާތުގެ ކުރިން މާލޭގެ ރާޅުގަނޑުގައި ރަނގަޅު ތަމްރީންތަކެއް ހަދާފަ އެވެ.
މިއަހަރުގެ މޯލްޑިވްސް ޕްރޯއަށް އެތުލީޓުން ތައްޔާރުވާ މިންވަރު މިދިޔަ ދެ ތިން ދުވަހަށް ބަލާއިރު ވަރުނުލާ ރާޅުގަނޑުން އެބަ ފެނެ އެވެ. ހެނދުނު 6 ޖަހާއިރުން ފެށިގެންގޮސް އިރުއޮއްސުމާ ހަމައަށް އެތުލީޓަކު ރާޅަށް އެރިފައި ނޯންނަ ވަގުތެއް ނުދެ އެވެ. އެންމެ ގިނަ ބޮޑީބޯޑަރުން ހެނދުނު ރާޅަށް އެރޭއިރު، މެންދުރުގެ ވަގުތުތަކާއި އިރުއޮއްސޭ ވަގުތުވެސް ރާޅަށް އެރޭ އެތުލީޓުން މަދެއް ނޫނެވެ.
މޯލްޑިވްސް ޕްރޯއަށް ތައްޔާރުވުމުގެ ގޮތުން ދުނިޔޭގެ މަތީ ފަންތީގެ ބޮޑިބޯޑަރަކު ރާޅާ އަޅަނީ - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު
ބޮޑީބޯޑަރުން މުބާރާތަށް ރަނގަޅަށް ތައްޔާރުވަމުން އަންނައިރު، މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިންވެސް އަންނަނީ މުބާރާތުގެ ތައްޔާރީތައް ފުރިހަމަކުރަމުންނެވެ. މިގޮތުން އެސަރަހައްދުގައި ޖަހާ ޓެންޓްތަކާއި، ސްޓޭޖް ރޭވުމާއި އެތުލީޓުންނަށް ބޭނުންވާ އެހެނިހެން ކަންކަން ހަމަޖެއްސޭނެ ނިޒާމްތައް ގާއިމްކުރުމުގައި އެމްބީބީއޭ ފެންނަނީ އަވަދިނެތި އުޅޭތަނެވެ.
މިދިޔަ އަހަރަށްވުރެ މިއަހަރުގެ އިންތިޒާމްތައް ރަނގަޅުކުރުމަށްޓަކައި މިދިޔަ އަހަރު ރަނގަޅުކުރަން ހުރި ކަންކަން ފާހަގަކޮށް ދުރާލާ އެކަންކަމަށް އަންނަނީ ރަނގަޅު ބަދަލުތަކެއް ގެންނަމުންނެވެ. މިކަންކަން އެމްބީބީއޭއާއިއެކު އެންމެ ގާތުން ބަލަމުން އަންނަނީ ދުނިޔޭގެ ބޮޑީބޯޑިން ޖަމިއްޔާ (އައިބީސީ) އިންނެވެ.
މުބާރާތުގެ ކުރިން މާލޭގައި ޖަޖިން ސެމިނާއެއް ވަނީ ހިންގާފަ އެވެ. އެ ސެމިނާއިން އެކަނިވެސް މިކަހަލަ އިންޓަނޭޝަނަލް މުބާރާތަކަށް ޖަޖުން ތައްޔާރުވެފައިވާ މިންވަރު އިނގެ އެވެ.
މި ހުރިހާ ކަމަކާއިއެކުވެސް ޔަގީންވަނީ އެއް ކަމެކެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ކުލަގަދަ، ވަރުގަދަ، ފޯރިގެނުވާނެ ހަރަކާތަކަށް މިއަހަރުގެ މޯލްޑިވްސް ޕްރޯ ވާނެކަމެވެ. މިއަހަރުގެ މުބާރާތަކީވެސް ބޮޑީބޯޑިންގެ އާ ހަރުފަތްތަކެއް ދިވެހިން ގިރާކުރާނެ މުބާރާތަކަށްވާނެކަމަށް އެމްބީބީއޭ އިން ތިބީ އުއްމީދުކޮށްގެންނެވެ.
Comment