27 އޭޕްރީލް 2023 - 11:14 0
ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކޯ ޕިން ޗުން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
27 އޭޕްރީލް 2023 - 11:14 0
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބައިނަލްއަގްވާމީ މުބާރާތް ކަމަށްވާ މޯލްޑިވްސް އޯޕަން 10 ބޯލް ޗެމްޕިއަންޝިޕުގެ ތަށި ޗައިނީސް ތައިޕޭގެ ކޯ ޕީ ޗުން ހޯދައިފި އެވެ.
ދުނިޔޭގެ ފަސް ޗެމްޕިއަނުން ހިމެނޭ ހެން ޖުމްލަ 15 ގައުމަކުން 64 ކުޅުންތެރިން ވާދަކުރި މުބާރާތުގެ ފައިނަލް މެޗުގައި ޗުން ނުކުތީ ފިލިޕީންސްގެ ޖޯޝުއާ ފިލާއާ ދެކޮޅަށެވެ. ފޯރިގަދަ އަދި ވާދަވެރި ފައިނަލް މެޗު ޗުން ކާމިޔާބުކުރީ 10-8 ފްރޭމުންނެވެ.
ޗުން ފައިނަލަށް ކުރި ދަތުރުގައިވަނީ މި ވަގުތު ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގައި ހިމެނޭ ވިކްޓާ ޒިއެލެންސްކީ ބަލިކޮށްފަ އެވެ. އަނެއްކޮޅުން ޗުއާ ވަނީ ފައިނަލާ ހަމައަށް ކުރި ދަތުރުގައި ދުނިޔޭގެ ދެ ޗެމްޕިއަނަކު ބަލިކޮށްފަ އެވެ.
އެ ގޮތުން، ގަދަ 16 ގައި ހަތަރުވަނަ ސީޑް އަދި ދުނިޔޭގެ ރޭންކިންގެ 12 ވަނަ ކެނެޑާގެ ޖޯން މޮރާ ބަލިކުރިއިރު، ކުއާޓާ ފައިނަލުގައިވަނީ އޭޝިއާގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފިލިޕީންސްގެ ކާލޯ ބިއާޑޯ ބަލިކޮށްފަ އެވެ. ސެމީ ފައިނަލުގައި ޗުއާ މޮޅުވީ ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ޖޯޝުއާ ފިލާ އަތުންނެވެ.
ފައިނަލް މެޗަށް ފަހު ޗެމްޕިއަންކަން ހޯދީ ޗުން އާއި ދެ ވަނަ ހޯދި ޗުއާ އަށް އިނާމް ހަވާލްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
މޯލްޑިވްސް އޯޕަންގައި ބޭރު ގައުމުތަކުން 48 ކުޅުންތެރިން ވާދަކުރިއިރު ދިވެހި 16 ކުޅުންތެރިއަކު ވާދަކުރި އެވެ. މި ކުޅުންތެރިންގެ ތެރެއިން ނޮކްއައުޓް ބުރުން ޖާގަ ހޯދީ ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އެވެ. މިއީ ދުނިޔޭގެ ރޭންކިން މުބާރާތެއްގެ ނޮކްއައުޓް ބުރުން ދިވެހި ކުޅުންތެރިއަކު ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
މުބާރާތުގައި ދެން ވާދަކުރި ދިވެހި ކުޅުންތެރިންގެ ތެރެއިން ހުސައިން ފަޔާޒް، އިސްމާއިލް ޖީހާން، މުހައްމަދު ޝަރީފް އަދި އަހުމަދު ޝިހާދުވެސް ގްރޫޕް ސްޓޭޖުގައި އެއް މެޗުން މޮޅުވި އެވެ.
ދުނިޔޭގެ ޕޫލްބިލިއާޑް އެސޯސިއޭޝަނާއި އޭޝިއާން ކޮންފެޑޭރޭޝަން ފޯ ބިލިއާޑް ސްޕޯޓްސްއާ ގުޅިގެން ރާއްޖޭގައި މުޅިން އަލަށް ބޭއްވި ބިލިއާޑް މުބާރާތް ކަމަށްވާ "މޯލްޑިވްސް އޯޕަން" އަންނަ އަހަރުވެސް އޮންނާނެކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން މައުލޫމާތުދެ އެވެ.
Comment