Advertisement

އިބޫ އަށް ހުއްޓުމެއް ނެތް! ރަންދާ ރާޅުގަނޑު ވެސް ކާމިޔާބުކޮށްފި!

1 އޮގަސްޓު 2023 - 12:14 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ރަންދާ ރާޅުގަނޑު 2023 ކާމިޔާބުކުރުމަށްފަހު ހުސައިން އަރީފް (އިބޫ) އުފާފާޅުކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އިބޫ އަށް ހުއްޓުމެއް ނެތް! ރަންދާ ރާޅުގަނޑު ވެސް ކާމިޔާބުކޮށްފި!

1 އޮގަސްޓު 2023 - 12:14 0

މި އަހަރުގެ ދިވެހި ސާފް ލީގުގެ ހަތަރު ވަނަ މުބާރާތް ކަމަށްވާ "ރަންދާ ރާޅުގަނޑު 2023"ގެ ޗެމްޕިއަންކަން ރާއްޖޭގެ ސާފް ލެޖެންޑް، ހުސައިން އަރީފް (އިބޫ) ހޯދައިފި އެވެ.

ރާއްޖޭގެ ސާފިންގެ އެންމެ ކާމިޔާބު އެތުލީޓު އިބޫ "ރަންދާ ރާޅުގަނޑު 2023" ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ބަލިކޮށްގެންނެވެ. މިއީ މި ސީޒަންގެ ދިވެހި ސާފް ލީގުގައި އިބޫ ކާމިޔާބުކުރި ދެ ވަނަ މުބާރާތެވެ. ބާކީ ލިގުގައި އޮންނާނީ މާލޭގައި އަންނަ އޮކްޓޯބަރު މަހު އޮންނަ ރަންނަމާރި ޗެލެންޖެވެ.

ކ.ތުލުސްދޫގައި ކުރިއަށްދިޔަ "ރަންދާ ރާޅުގަނޑު 2023"ގެ ފައިނަލު ހީޓުން އިބޫ މޮޅުވީ 1.83ގެ ތަފާތަކުންނެވެ. ފައިނަލުގެ ކުރީކޮޅު ބޮޑު ލީޑެއް ނަގައި ކުޑަ އިއްސެ އޮތީ 15.00ގެ ސްކޯއަކާއިއެކު ކުރީގަ އެވެ. އިބޫއަށް ހީޓުގެ ކުރީކޮޅު ހޯދިފައި އޮތީ ދެ ރާޅުން 14.33ގެ ސްކޯއެކެވެ. އިބޫއަށް ހީޓު ކާމިޔާބުކުރަން 7.68ގެ ސްކޯއެއް ބޭނުންވި އެވެ. ފުލުފުލުގައި ރާޅުތައް ދުއްވަމުންގޮސް އިބޫ ނަތީޖާ އަނބުރާލީ ހީޓު ނިމެން ތިން މިނެޓު އޮއްވާ އޭނާ ދުއްވާލި ރާޅަކުންނެވެ. ހިތްގައިމުގޮތަކަށް ބެރަލްތެރެއިން ނިކުމެލައި ހަދާލި ދެ މެނޫވާއާއިއެކު 9.50ގެ ސްކޯއާއިއެކު ހާލަތު ބަދަލުކޮށްލައި އޭނާ ހީޓުގެ ލީޑު ނެގި އެެވެ. ފައިނަލް ހީޓު އޭނާ ކާމިޔާބުކުރީ 16،83ގެ ސްކޯއަކުންނެވެ.

"ރަންދާ ރާޅުގަނޑު 2023"ގެ ފައިނަލް ހީޓުގައި ކުޑަ އިއްސެ ވާދަކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ގައުމީ ސާފް ލީގުގެ ހަތަރުވަނަ މުބާރާތް އިބޫ ކާމިޔާބުކުރުމާއިއެކު މިއަހަރުގެ ލީގު ރޭންކިންގައި އިބޫއަށް އެއްވަނައިގައި ލީޑު ފުޅާކޮށްލެވޭނެ އެވެ. އޭނާ ވަނީ އެންމެ ފަހުން އޮތް ކ.ހިންމަފުށީގައި އޮތް ގާމާދޫކޮޅު ރާޅުގަނޑު މުބާރާތްވެސް ކާމިޔާބުކޮށްފަ އެވެ. އިބޫގެ ފަހަތުން ލީގުގެ ދެވަނައިގައި އުޅެނީ އަހުމަދު އާގިލް (އައްމަޑޭ) އެވެ.

އައްމަޑޭ "ރަންދާ ރާޅުގަނޑު 2023"އިން ކެޓީ ސެމީ ފައިނަލުގައި އިބޫ އަތުންނެވެ. ސާފިންގެ ތާރީޚުގައި އެއް ރާޅުން 10.00ގެ ޕާފެކްޓް ސްކޯއެއް ހޯދި ހަމައެކަނި ސާފަރުގެ ރެކޯޑު މި މުބާރާާތުގައި ހެދި އައްމަޑޭއަށް ސެމީ ފައިނަލް ހީޓުގައި މާ އެދެވޭ ހުނަރެއް ނުދެއްކުނެވެ. އޭނާ ސެމީ ފައިނަލް ހީޓުގައި ހޯދުނީ 6.03ގެ ސްކޯއެކެވެ. އިބޫ ވަނީ ސެމީގައި 9.90ގެ ސްކޯއެއް ހޯދާފަ އެވެ.

ސެމީ ފައިނަލް އަނެއް ހީޓަށް ބަލާއިރު ކުޑަ އިއްސެ ވަނީ އިސްމާއިލް ރަޝީދު ސްމައިލީ ބަލިކޮށްފަ އެވެ. މި ހީޓުގައި އިއްސެ 13.66ގެ ސްކޯއެއް ހޯދިއިރު، ސްމައިލީ އަށް ލިބުނީ 8.84ގެ ސްކޯއެކެވެ.

މުބާރާތުގެ ޖޫނިއާ ބަޔަށް ބަލާއިރު ފައިނަލުގައި ކަޔާން ހަމްދާން ޒަކީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ސައްޔިދު ސަލާހުއްދީން އެވެ. އޭނާ ވަނީ ފައިނަލުގައި 12.50ގެ ސްކޯއެއް ހޯދާފަ އެވެ. ހަމްދާން އަށް ލިބުނީ 7.84ގެ ސްކޯއެކެވެ.

މި ދެ ސާފަރުން ފައިނަލަށް ދަތުރުކުރި ގޮތަށް ބަލާއިރު، ސައްޔިދު ވަނީ ސެމީ ފައިނަލްގައި ކަޔާން އަބްދުﷲ އަރީފްގެ މައްޗަށް ކުރިހޯދާފަ އެވެ. ކަޔާން ޒަކީ ފައިނަލުން ޖާގަ ހޯދީ މުހައްމަދު އިނާން އަބްދުލް ހަންނާން ބަލިކޮށްގެންނެވެ.