Advertisement

ޕީއެންސީން ވަކި ކެންޑިޑޭޓެއް ނެރެން މަޝްވަރާ ކުރަނީ

31 ޖުލައި 2023 - 14:42 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް ޕީއެންސީ ލީޑާޝިޕްގެ އިސް ބޭފުޅުން ޖަލްސާއެއްގައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޕީއެންސީން ވަކި ކެންޑިޑޭޓެއް ނެރެން މަޝްވަރާ ކުރަނީ

31 ޖުލައި 2023 - 14:42 0

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމާ މެދު ސުވާލު އުފެދިފައިވާތީވެ ޕީއެންސީން ވަކި ކެންޑިޑޭޓެއް ނެރުމަށް އެތެރޭގައި މަޝްވަރާ ކުރަމުންދާ ކަން އެނގިއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ ބައެއް ބޭފުޅުން، ނަން ނުޖެހުމަށް ޝަރުތުކޮށް، މި ނޫހަށް ކިޔައިދެއްވި ގޮތުގައި ޔާމީން މިހާރު ވަނީ ޕީއެންސީން ކެންޑިޑޭޓެއް ނެރެން ލީޑާޝިޕަށް އަންގަވައިފަ އެވެ.

"ތެދު ވާހަކައެއް [ޕީއެންސީން ކެންޑިޑޭޓެއް ނެރޭ ކަމަށް ބުނެ ފެތުރޭ އަޑުތައް] އެއީ، ރައީސް ޔާމީން މިހާރު އަންގާފައިވާތީ އެ ކަން އެބަ ކުރިއަށްދޭ،" މެންބަރަކު ވިދާޅުވި އެވެ.

އެ މެންބަރުން ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ވިސްނުމަކީ ޔާމީންގެ ކެންޑިޑެސީ ފޯމުގެ އިތުރަށް ޕީއެންސީން ކެންޑިޑޭޓަކާއި ރަނިން މޭޓު ކަނޑައަޅައި އެ ފޯމު ހުށަހެޅުމަށެވެ. އަދި ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގެންފިނަމަ، ޕީއެންސީގެ ކެންޑިޑޭޓާއި ރަނިން މޭޓާއެކު ރިޔާސީ އިންތިހާބަށް ނުކުތުމަށެވެ.

ނަން ނެޖެހުމަށް ޝަރުތުކޮށް ބައެއް މެންބަރުން އެ ވާހަކަތައް ހިއްސާކުރެއްވިއިރު، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު "އަދަދު" ނޫހަށް ވިދާޅުވީ ޕީއެންސީން ވަކި ކެންޑިޑޭޓެއް ނެރުމާ ގުޅޭ ގޮތުން ލީޑާޝިޕްގައި މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

އަދި އެ ހުރިހާ ކަމެއް ނިންމެވުމުގެ ބާރު އޮތީ ރިޔާސީ ކެންޑިޑޭޓަށް ކަން ޝުޖާއު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ފެށުނީއްސުރެން ވެސް ދަންނަވާހެން، އަޅުގަނޑުމެން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން، ރައީސް ޔާމީން ނިންމަވާނީ ޕީއެންސީން ނެރޭނެ ކެންޑިޑޭޓަކާ މެދު، ކެންޑިޑޭޓަކަށް އަޅުގަނޑުމެން ވަކި ނަންތަކެއް ވެސް ނެތް،" ޝުޖާއު ވިދާޅުވި އެވެ.

މީގެ ކުރިން ކެންޑިޑޭޓާ ގުޅޭ ގޮތުން ސުވާލުކުރުމުން ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ދެއްވާ ހަމައެކަނި ޖަވާބަކީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ. ނަމަވެސް އިއްޔެއިން ފެށިގެން ދެއްވާ ޖަވާބަކީ އެކަމާ މެދު ގޮތެއް ނިންމަވާނީ، ރިޔާސީ ކެންޑިޑޭޓު ޔާމީން ކަމަށެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް ވުމަށް ޕީޕީއެމަށް، ޑިމޮކްރެޓްސްގެ އެއް ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ދައުވަތު ދެއްވި އެވެ. އެ ދައުވަތަށް ވެސް ޕީޕީއެމްގެ ޖަވާބަކީ އެ ކަމާ މެދު ގޮތް ނިންމަވާނީ ރިޔާސީ ކެންޑިޑޭޓު ޔާމީން ކަމަށެވެ.

"އަޅުގަނޑުމެން އަމިއްލައަކަށް ނޫން އެ ކަން [ކެންޑިޑޭޓުގެ ނިންމުންތައް] ނިންމަނީ. އެމަނިކުފާނަކީ ޕާޓީގެ ރައީސަށް ވެސް ވެފައި, ރިޔާސީ ކެންޑިޑޭޓަށް ވީމައާ އެކީ, ދެން މިވަގުތު ޖަލު ހުކުމެއްގައި ހުންނެވިއަސް, އެމަނިކުފާނު އެ ކަން ނިންމަވާނީ،" ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވި އެވެ.

ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފަ އެވެ. އިސްތިއުނާފު އަވަސް ކުރަން ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދެ ފަހަރު މަތިން ދުސްތޫރީ މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ކޯޓަށް ބަލައިނުގަތެވެ.

ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވެ އެވެ.

ޔާމީންގެ ރަނިން މޭޓަކަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވަނީ ހަމަޖައްސަވައިފަ އެވެ. ޔާމީނާއި ޑރ. ޖަމީލުގެ ކުށުގެ ރެކޯޑު ކޯޓުތަކުން ލިބުމުން ކެންޑިޑެސީ ފޯމު ވީހާ ވެސް އަވަހަށް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ.