31 ޖުލައި 2023 - 12:10 0
އާމިނަތު ނިއުޝާ
ރޭ ފުވައްމުލަކުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން ބަޔަކު ފުލުހުންނަށް ހަމަލާދެެނީ -
31 ޖުލައި 2023 - 12:10 0
ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާ ނިންމާލި ވަގުތު އެ ސަރަހައްދުގައި ތިބި މީހުންގެ ތެރެއިން ފުލުހުންނާއި ދިމާލަށް ގާ އުކި ތިން މީހަކާއި އިންޒާރުދިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ރޭގެ ހަމަނުޖެހުމުގެ ތެރެއިން ހަތް އޮފިސަރަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އެ އެންމެނަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
މުޒާހަރާގެ ތެރެއިން ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްުޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ. ހަމަ އެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މީހަކު ރޭ ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުންނަށް އަނިޔާކުރާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލާގައި ވެސް އެކަކު ހައްޔަރުކޮށްފައި ވެއެވެ.
އޭގެ އިތުރުން އިއްޔެ މުޒާހަރާ ކުރަމުން ދިޔަ ވަގުތު އާންމުނަށް އުނދަގޫވާގޮތަށް ލަވަޖަހަމުން ދިޔަ ދެ ޕިކަޕެއް ޓޯކުރި ކަމަށް ފުލުހުން ބުނެ އެވެ.
އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކަށް ވަޑައިގަތް ވަގުތު އެއާޕޯޓު އޮންނަ ސަރަހައްދަށް އެއްވެ މުޒާހަރާކުރުމުން ދެ މީހަކު ހައްޔަރުކުރި އެވެ.
ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަތުމުން ޕީޕީއެމްގެ ސަޕޯޓަރުން ނުކުންނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލުމަށެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރޭގައި ހިމެނޭ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވި ކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހުގަ އެވެ.
އެ ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment