Advertisement

ފުވައްމުލަކުގައި އަޑު އުފުލަމުންދާ ޕީޕީއެމް ސަޕޯޓަރުންގެ ޕިކަޕު އަތުލައި، ދެ މީހަކު ހައްޔަރުކޮށްފި

30 ޖުލައި 2023 - 17:08 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީޕީއެމްގެ ސަޕޯޓަރުން އަޑުއުފުލަން ގެންގުޅުނު ވެހިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި - ފޮޓޯ: އަދަދު


ފުވައްމުލަކުގައި އަޑު އުފުލަމުންދާ ޕީޕީއެމް ސަޕޯޓަރުންގެ ޕިކަޕު އަތުލައި، ދެ މީހަކު ހައްޔަރުކޮށްފި

30 ޖުލައި 2023 - 17:08 0

ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވި ވަގުތުކޮޅު، މަގުމަތީގައި އަޑުއުފުލަން އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން ބޭނުން ކުރަމުން ދިޔަ ވެހިކަލާއި ލައުޑް ސްޕީކަރުތައް އަތުލައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ރައީސް ސޯލިހު ވަޑައިގަންނަވާތީ، އެއާޕޯޓް ހިމެނޭ ސަރަހައްދާއި އެ ސަރަހައްދު ކައިރި ގިނަ މަގުތަކެއް ވަނީ މީހުނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. އެގޮތުން, އެ ސަރަހައްދަށް ދިޔުމަށް މަސައްކަތް ކުރަމުންދިޔަ ޕީޕީއެމްގެ ސަޕޯޓަރުން ބޭނުންކުރަމުންދިޔަ ވެހިކަލް ފުލުހުން ހުއްޓުވި އެވެ.

އޭގެ އިތުރުން, އެއާޕޯޓު ކައިރިއަށް އެއްވެ އިދިކޮޅުން އަޑުގަދަ ކުރި އެވެ. އެއްވުން ރޫޅާލުމަށް ފުލުހުން ޕެޕާ ސްޕްރޭ ވެސް ޖެހިއިރު އެ ސަރަހައްދުން އަމުރަށް ކިޔަމަން ނުވުމުން ދެ މީހަކު ހައްޔަރުކޮށްގެން ފުލުހުންގެ ޖިޕަށް އަރުވައިގެން ގެންދިޔަ ކަމަށް ފުވައްމުލައް ސިޓީގައި މި ވަގުތު ހުރި "އަދަދު" ނޫހުގެ ނޫސްވެރިޔާ މައުލޫމާތު ދިނެވެ.

ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަތުމުން ޕީޕީއެމްގެ ސަޕޯޓަރުން ނުކުންނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލުމަށެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރޭގައި ހިމެނޭ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ނަންގަވައި ފައިސާ ލޯންޑަކުރެއްވި ކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހުގަ އެވެ.

އެ ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.