30 ޖުލައި 2023 - 14:30 0
ނިމާ ހަސަން
ކުރީގެ ރައީސް މައުމޫނު; އެއް ދުވަސް ލަހުން ހުށަހެޅުމުން އެމްޓީސީސީން, އެމަނިކުފާނާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ވަނީ ބޭރުކޮށްފައި
30 ޖުލައި 2023 - 14:30 0
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ އިން އެމްޓީސީސީއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އޮތް މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅި ހުށަހެޅުން އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
ޑީއާރުޕީން އެމްޓީސީސީއަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް އެމްޓީސީސީން, ޑީއާރްޕީގެ ކުރީގެ ލީޑަރު, ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުވާ ކުރުމުން, ސިވިލް ކޯޓުން މިދިޔަ ޖޫން މަހު ނިންމީ, އެ ފައިސާ ދައްކަން މައުމޫންގެ މައްޗަށް އަމުރު ކުރަން ނުޖެހޭ ކަމަށެވެ.
ސިވިލް ކޯޓުގެ ނިންމުން, އެމްޓީސީސީން ވަނީ ޖުލައި 10 ގައި ހައިކޯޓުގައި އިސްތިއުނާފު ކޮށްދިނުމަށް އެދި ހުށަހަޅާފަ އެވެ. ނަމަވެސް, އެއް ދުވަސް ލަހުން މައްސަލަ އިސްތިއުނާފު ކޮށްފައިވާތީ ހައި ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމާފަ އެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ފުރަތަމަ މަރުހަލާގައި ހިމެނޭ ކޯޓުތަކުން ކުރާ ހުކުމްތަކާއި ނިންމާ ނިންމުންތައް އިސްތިއުނާފު ކުރަން ބޭނުންވާނަމަ, ނިންމުން ނިންމާތާ 30 ދުވަހުގެ ތެރޭގައި ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅަން ޖެހެ އެވެ. ޖޫން 8ގައި ނިންމި ނިންމުން އިސްތިއުނާފު ކުރަން ބޭނުންވާނަމަ ޖުލައި 9 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެ އެވެ.
ނަމަވެސް އެމްޓީސީސީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ އިސްތިއުނާފު މުއްދަތު ހަމަވިތާ އެއް ދުވަސް ފަހުން ޖުލައި 10ގަ އެވެ. އެހެންކަމުން ހައިކޯޓުން ނިންމީ މައްސަލަ ބަލައި ނުގަތުމަށެވެ.
ސިވިލް ކޯޓުން ޖޫން މަހު ކުރި ހުކުމުގައި ބުނީ, ޑީއާރްޕީން އެމްޓީސީސީއަށް ދައްކަންޖެހޭ ކަމަށް ސާބިތުވެފައިވާ 1.1 މިލިއަން ރުފިޔާ ނުދައްކާ އޮއްވައި, އެ ޕާޓީ އުވާލި ނަމަވެސް ޕާޓީގެ ދަރަންޏަށް މައުމޫނު ޒިންމާ ނުކުރެވޭނެ ކަމަށެވެ.
ޖުލައި 15، 2005 ގައި ރަޖިސްޓްރީ ކުރި ޑީއާރުޕީއަކީ 2011 ވަނަ އަހަރު ޖެހެންދެކަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އެވެ. 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި 2011 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އެ ޕާޓީންނެވެ.
ނަމަވެސް ޑީއާރްޕީގެ މަގުބޫލުކަން ގެއްލި, މެންބަރުން ހަމަނުކުރެވުމުގެ ސަބަބުން އެ ޕާޓީ އުވާލަން އީސީން ވަނީ ނިންމާފަ އެވެ. ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ދެފަހަރެއްގެ މަތިން ހައިކޯޓަށް ހުށަހެޅި އެވެ. ދެ ފަހަރުވެސް ކޯޓުން ވަނީ އެމައްސަލަ ބޭރުކޮށްލާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment