Advertisement

ޖަޕާނުގެ ފޮރިން މިނިސްޓަރު މިރޭ ރާއްޖެ ވަޑައިގެންފި

29 ޖުލައި 2023 - 23:45 0

ނިމާ ހަސަން

ނިމާ ހަސަން

ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމަސާ


ޖަޕާނުގެ ފޮރިން މިނިސްޓަރު މިރޭ ރާއްޖެ ވަޑައިގެންފި

29 ޖުލައި 2023 - 23:45 0

ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމަސާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ އަށް ވަޑައިގެންފި އެވެ.

ޔޮޝިމަސާ ރާއްޖެ އަށް ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސޤޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ.

މިނިސްޓަރު ހަޔާޝީ ރާއްޖެއަށް ވަޑައިގެންނެވީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ އެވެ. ޖުލައި 29 އިން 30 އަށް ކުރައްވާ އެ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ބަދަހި ކުުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

މި ދަތުރުފުޅުގައި ޝާހިދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ވެސް އެމަނިކުފާނު ބައްދަލުކުރައްވާނެ އެވެ. އޭގެ އިތުރުން, ޖަޕާން ސަރުކާރުން ރާއްޖެއަށް ދޭ ހިއުމަން ޑިވެލޮޕްމެންޓު ސްކޮލާޝިޕްތަކުގެ އެއްބަސްވުމުގައި ވެސް ސޮއިކުރައްވާނެ އެވެ.

މި ދަތުރުފުޅުގެ ތެރެއިން, ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓަށް 90 ދުވަހުގެ މުއްދަތަށް ވިސާގެ ޝަރުތުތައް އިސްތިސްނާކުރުމަށާއި ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސްގެ ލިޔެކިއުންތައް ބަދަލުކުރާނެ އެވެ.

އަދި އެމްއެންޑީއެފަށް ފަޔާބޯޓަކާއި އައިސީޓީ އާލާތްތައް ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގައި ވެސް ޖަޕާނުގެ މިނިސްޓަރު ހަޔާޝީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިނިސްޓަރު ހަޔާޝީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި, ޖަޕާނު ސަރުކާރުގެ އެހީގައި މާލޭގައި އިމާރާތްކޮށްފައިވާ ކަލާފާނު ސްކޫލަށް ޒިޔާރަތް ކުރައްވާނެ އެވެ. އަދި ޖަޕާނާއި ރާއްޖެ ގުޅުމުގެ ރަމްޒެއްގެ ގޮތުން ބަހައްޓާފައުވާ ޓެޓްރާޕޮޑް މޮނިއުމެންޓް ބައްލަވާލައްވަން ވެސް ވަޑައިގަންނަވާނެ އެވެ.

މިއީ ޖެނުއަރީ 2018 ގައި, އޭރު ޖަޕާނުގެ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޓަރޯ ކޮނޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ފަހުން ޖަޕާން ސަރުކާރުގެ އިސްވެރިޔަކު ރާއްޖެއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.