Advertisement

މުޒާހަރާ ހުއްޓުވަން އިންޒާރު ދެއްވުން؛ އިމްރާން އަލުން މާނަކޮށްދެއްވައިފި

29 ޖުލައި 2023 - 21:45 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި؛ މުޒާހަރާ ހުއްޓުވާނެ ކަމަށް އިންޒާރު ދެއްވައި ދެއްކެވި ވާހަކަފުޅު މާނަކޮށްދެއްވައިފި -


މުޒާހަރާ ހުއްޓުވަން އިންޒާރު ދެއްވުން؛ އިމްރާން އަލުން މާނަކޮށްދެއްވައިފި

29 ޖުލައި 2023 - 21:45 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ވަޑައިގެންނެވުމުން، އެމަނިކުފާނާ ދެކޮޅަށް ވާދަވެރި ޕާޓީތަކުގެ ސަޕޯޓަރުން ކުރާ މުޒާހަރާތައް ހުއްޓުވާނެ ކަމަށް އިންޒާރު ދެއްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ދެއްކެވި ވާހަކަ މިރޭ މާނަކޮށްދެއްވައިފި އެވެ.

ރައީސް ސޯލިހު ދެވަނަ ދައުރެއް ހޯއްދަވަން ނުކުމެ ހުންނެވި އިންތިހާބުގައި އުފައްދާފައިވާ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އެފަދަ މޭރުމަކުން ވާހަކަ ދެއްކެވީ މ. ދިއްގަރުގައި ބޭއްވި ރައީސްގެ ކެމްޕޭން ޖަލްސާއެއްގަ އެވެ.

ރައީސް ސޯލިހު މ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި އިއްޔެ ހަވީރު ދިއްގަރަށް ވަޑައިގެންނެވި ވަގުތު 14 ވަރަކަށް މީހުން ރައީސާ ދެކޮޅަށް އަޑުއުފުލި އެވެ. އެ މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރު ވެސް ކުރި އެވެ.

އިމްރާން އެ ރަށުގައި ދެއްކެވި އެ ވާހަކައަށް ވާދަވެރިންގެ ފާޑުކިޔުން ވެސް އަމާޒުވެފައިވާއިރު، "އަދަދު" ނޫހުގެ "އެތެރެފުށް" ޕްރޮގްރާމްގައި އެކަމާ ބެހޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި އޭނާ ފުރަތަމަ ވެސް ވިދާޅުވީ އެ "ރޭ ދެއްކެވި މުޅި ވާހަކަ އަޑު އަހައިލުމުން ދެއްކި ވާހަކަ ސާފުވާނެ" ކަމަށެވެ.

އެއަށް ފަހު އޭނާ ވަޑައިގެންނެވީ ސިޔާސީ ޕާޓީތަކުގެ ތާރީހަށެވެ.

"ރާއްޖޭގައި ފުރަތަމަ ސިޔާސީ ޕާޓީތައް އުފެދި އައި އިރު، އަޅުގަނޑުމެން ދަސްކުރެވުނު ކަންތައްތަކުގެ ތެރެއިން ދިޔަ، ވަރަށް ހަލަބޮލިވެ، ބައެއް ފަހަރަށް، މުދަލަށް، ހަށިގަނޑަށް، ފުރާނައަށް ގެއްލުންވާ ވަރަށް ސިޔާސީ ހަރަކާތްތައް ގެންދެވިފައިވާ ކަން،" ރާއްޖޭގައި ބޭއްވި އެންމެ ބޮޑެތި މުޒާހަރާތައް ލީޑުކުރައްވާފައިވާ އިމްރާން ވިދާޅުވި އެވެ.

ސިޔާސީ ހަރަކާތްތައް ހަލަބޮލިކޮށް ދިޔަ ދުވަސްވަރަކީ ވަރަށް ގިނަ ހައްގުތައް ހިފަހައްޓާފައި އޮތް ދުވަސްވަރެއް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. މީޑިއާތައް ބަންދުކުރުމާއި، ސުލްހަވެރިކަމާއެކު ކެމްޕޭން ހަރަކާތެއް ހިންގުމަށް އެތައް ހުރަސްތަކެއް ކުރިމަތިކުރި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު "އަދަދު" ގެ "އެތެރެފުށް" ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އިމްރާން ވިދާޅުވި ގޮތުގައި ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ހާލަތު މިހާރު ވަނީ ބަދަލުކުރައްވައިފަ އެވެ. މީޑިއާގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ ޖާގަ މިހާރު ތަން މިނަށް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސުލްހަވެރި މުޒާހަރާތަކާއި އެއްވުންތައް ބާއްވަން ވެސް ޖާގަ އޮންނާނެ ކަމަށެވެ.

"މިއަދުގެ ސިޔާސީ މަސައްކަތް އަޅުގަނޑުމެން ކުރަންވީ އެންމެ ފުރަތަމަ ފެށިގެން ދިޔައިރު އެ އޮތް ފަދަ ހަލަބޮލިކަމެއްގެ ތެރެއިންނެއް ނޫނޭ، މިއަދު މުޒާހަރާ ކުރުމުގައި ވެލި އުކައި، ފެން އުކައި، ގަޔަށް ބޮލަށް އަރައި، މިފަދަ ގޮތަކަށެއް ނޫނޭ ހިންގަންވީ، އެ ފުރުސަތެއް ނުދޭނަމޭ،" އޭރު ދެއްކެވި ވާހަކަ މާނަކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވި އިރު މާލޭގައި ކާނިވާ ސަރަހައްދު ފިޔަވައި އެހެން ތަނަކަށް އެއްވުން މަނާކޮށްފައިވާ ގާނޫނީ މާއްދާ އެ ގޮތުގައި ދެމިއެބަ އޮތެވެ. ކުރީގެ ސަރުކާރުގައި އޭރު ވެރިކަންކުރާ ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލިހުން ފާސްކޮށްފައިވާ މާއްދާ ދަމަހައްޓަން ބޭނުންވާ ކަން އިމްރާން ވެސް ވިދާޅުވެފައިވެ އެވެ.

މާލޭގައި އެއްވުން މަނާކޮށްފައިވާ ގާނޫނީ މާއްދާ އަދިވެސް އެ ގޮތުގައި ދެމެހެއްޓުމުގެ ހިކުމަތަކީ ކޮބައިތޯ ސުވާލު ކުރުމުން އިމްރާން ވިދާޅުވީ "އޭގެ ހިކުމަތަކީ.. މުޒާހަރާކުރުމުގެ ހަމަތަކާއި ސިފަތައް ކޮންމެ ވެސް ވަރަކަށް ނުހިފަހައްޓައިފިނަމަ ގަދަ ބާރުން ރައްޔިތުންގެ ކަންކަން ކުރަން ޖެހޭ ހާލަތަށް ގޮސްދާނެތީ" ކަމަށެވެ.