Advertisement

މާރޭޒް އާއި މާނޭ ވެސް ސައުދީ ލީގަށް

29 ޖުލައި 2023 - 14:22 0


މާރޭޒް އާއި މާނޭ ވެސް ސައުދީ ލީގަށް

29 ޖުލައި 2023 - 14:22 0

ރިޔާދު، ސައުދީ އަރަބިއްުޔާ (ޖުލައި 29) - ބަޔާން މިއުނިކްގެ ސަޑިއޯ މާނޭ އާއި މެންޗެސްޓާ ސިޓީގެ ރިޔާދު މާރޭޒް ވެސް ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބްތަކަށް ބަދަލުވާން ހުރިހާ ކަމެއް ހަމަޖެހިއްޖެ އެވެ.

ލިވަޕޫލަށް 43 މިލިއަން ޑޮލަރު ދީފައި މިދިޔަ އަހަރު ބަޔާނުން ގަތް މާނޭ، ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ވިއްކާލަން ނިންމީ 40 މިލިއަން ޑޮލަރަށް ކަމަށް ސައުދީ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ބަޔާނުން މާނޭ ދޫކޮށްލަން ނިންމި އެންމެ ބޮޑު ސަބަބަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން މާނޭ އާއި ސާނޭގެ ދެމެދުގައި ހިނގި މާރާމާރީއަކާ ހެދި އުފެދުނު މައްސަލަތަކެއްގެ ސަބަބުންނެވެ.

ސާނޭ ގައިގައި ޖެހި މައްސަލައިގައި ބަޔާނުން ވަނީ މާނޭ އެއް މެޗަށްް ސަސްޕެންޑްކުރުމުގެ އިތުރުން 350،000 ޑޮލަރުގެ ޖޫރިމަނާ ކޮށްފަ އެވެ.

މާނޭއާ އެކު، ސެނެގާލް ގައުމީ ޓީމަށް ކުޅެމުން އަންނަ އެޑޮއާޑް މެންޑީ އާއި ކަލީދޫ ކުލިބާލީ ވެސް ވަނީ ސައުދީ ލީގަށް މި ފަހަރު ބަދަލުވެފަ އެވެ.

މެންޗެސްޓާ ސިޓީ އާއި ލެސްޓާ ސިޓީއާ އެކު، އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި އަލްޖީރިއާގެ ވިންގް، މާރޭޒް، 32، ބަދަލުވީ ސައުދީ ލީގުގެ އަލް އަހްލީ އަށެވެ. އަލް އަހްލީން ވަނީ ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ އާއި ނިއުކާސަލްގެ އެލަން ސެއިން މެކްސިމައިންގެ ސޮއި ހޯދައިފަ އެވެ.

ސިޓީއާ އެކު، މިދިޔަ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކުރި މާރޭޒް ގަންނަން އަލް އަހްލީން ޖުމްލަ އެކު، 35 މިލިއަން ޑޮލަރުގެ ފީއެއް ދައްކާނެ އެވެ. ސިޓީން 2018 ވަނަ އަހަރު މާރޭޒް ގަތީ ލެސްޓާ އަށް 68 މިލިއަން ޑޮލަރު ދީފަ އެވެ. މާރޭޒް ވަނީ ސިޓީއާ އެކު ބޮޑު 10 މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.