Advertisement

ރަންދާ ރާޅުގަނޑު 2023ގެ ފުރަތަމަ ދުވަހު ވެސް ފޯރިގަދަ ހީޓުތަކެއް

29 ޖުލައި 2023 - 09:57 0

ރަންދާ ރާޅުގަނޑު 2023ގައި ކަޔާން އަބްދުﷲ އަރީފް ވާދަކުރަނީ - ފޮޓޯ: އެމްއެސްއޭ


ރަންދާ ރާޅުގަނޑު 2023ގެ ފުރަތަމަ ދުވަހު ވެސް ފޯރިގަދަ ހީޓުތަކެއް

29 ޖުލައި 2023 - 09:57 0

ދިވެހި ސާފް ލީގުގެ މި އަހަރުގެ ހަތަރު ވަނަ އިވެންޓު ކަމަށްވާ، "ރަންދާ ރާޅުގަނޑު 2023"ގެ ފުރަތަމަ ދުވަހު ވެސް ފޯރިގަދަ ހީޓުތަކެއް ކުރިއަށް ގެންގޮސްފި އެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ކުރިޔަށްގެންދާ ދިވެހި ސާފް ލީގު ކުރިން ހަމަޖެހިފައި އޮތް ގޮތުން ހަތަރު ވަނަ މުބާރާތަކީ ރ. ކިނޮޅަހުގައި ކުރިއަށްގެންދަން ނިންމާފައި އޮތް ހުރާކޮޅު ރާޅުގަނޑު މުބާރާތެވެ. ނަމަވެސް ފަހު ވަގުތު އެ މުބާރާތުގެ ބަދަލުގައި ރަންދާ މުބާރާތް ހިމަނަން ނިންމީ އެވެ.

ކ.ތުލުސްދޫގައި ކުރިިއަށްދާ ރަންދާ ރާޅުގަނޑު 2023ގެ ފުރަތަމަ ދުވަހު އެންމެ ފޯރިގަދަކޮށް ފެނުނީ މެންސް އޯޕަން ބައިގެ ހަތަރު ވަނަ ހީޓެވެ. މި ހީޓުގައި ވާދަކުރީ 14 އަހަރުގެ ކަޔާން އަބްދުﷲ އަރީފް އާއި އޭނާގެ ބައްޕަ އަބްދުﷲ އަރީފް (ފުކޫ)ގެ އިތުރުން މުހައްމަދު ޝަރުވާން އެވެ. ބައްޕަ ފަހަތަށް ޖައްސާލައި، މި ހީޓު ކާމިޔާބުކުރީ ޒުވާން ތަރި ކަޔާން އެވެ. އޭނާ ވަނީ 11.66ގެ ސްކޯއެއް ހޯދާފަ އެވެ. ދެވަނަ ހޯދި ފުކޫ އަށް ލިބުނީ 7.90ގެ ސްކޯއެކެވެ.

އިއްޔެ ކުރިއަށްދިޔަ އެހެން ހީޓުތަކަށް ބަލާއިރު ފުރަތަމަ ބުރުގައި އެންމެ މަތީ ސްކޯއެއް ހޯދި އަހުމަދު އާގިލް (އައްމަޑޭ) ވަނީ ދުވަހުގެ އެންމެ މަތީ ސްކޯ ހޯދާފަ އެވެ. އޭނާ ވަނީ ޖުމްލަ 14.67ގެ ސްކޯއެއް ހޯދާފަ އެވެ. މި ހީޓުގައި އައްމަޑޭގެ ފަހަތުން ދެވަނައަށް ދިޔައީ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ.

ދެން އެންމެ މަތީ ސްކޯއެއް އިއްޔެ ހޯދީ ފުރަތަމަ ބުރުގެ ހީޓު ދޭއްގައި ވާދަކުރި އަހުޒަމް އިބްރާހިމް އެވެ. 14.33ގެ ސްކޯއެއް އޭނާ ހޯދިއިރު، އެހީޓުން ދެވަނަ ހޯދީ 8.83ގެ ސްކޯއަކާއިއެކު މުހައްމަދު އަތޫފް އެވެ.

އެހެން ހީޓުތަކަށް ބަލާއިރު ނަޖާހު މުހައްމަދު (ކަބޯ) ވަނީ ހަވަނަ ހީޓުގައި 10.33ހޯދައިގެން ހީޓު ކާމިޔާބު ކޮށްފަ އެވެ. ދެވަނަ ހޯދީ 7.40ގެ ސްކޯއެއް ހޯދި އިބްރާހިމް ލަތީފް އެވެ. ޖެހިގެން އައި ހީޓުގެ އެއްވަނަ ހޯދީ 10.03 ޕޮއިންޓް ހޯދި އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ. ހީޓްގެ ދެވަނައަށް ދިޔައީ 8.67ގެ ސްކޯއެއް ހޯދި ޖައިލަމް ނިޒާރެވެ.

ރަންދާ ރާޅުގަނޑު 2023ގައި ޖުމްލަ 42 ސާފަރުން ބައިވެރިވެއެވެ. މި މުބާރަތުގައި ކުރިޔަށް ދާނީ ފިރިހެން އޯޕަން ބަޔާއި ޖޫނިއާ ފިރިހެން ބައެވެ. އެގޮތުން، ފިރިހެން އޯޕަން ބައިގައި 40 ސާފަރުން ވާދަކުރާއިރު، ޖޫނިއާ ބައިގައި ނުވަ ސާފަރުން ވާދަކުރެއެވެ.

ދިވެހި ސާފް ލީގުގެ ތިން އިވެންޓް މިހާތަނަށް ނިމިފައިވާއިރު، 2470 ޕޮއިންޓާއެކު ތާވަލުގެ އެންމެ ކުރީގައި އުޅެނީ ހުސައިން އަރީފް (އިބޫ) އެވެ. ދެވަނައިގައި 2080 ޕޮއިންޓާއިއެކު ހޫދު އަހުމަދު އޮތްއިރު ތިންވަނައިގައި އޮތީ 2060 ޕޮއިންޓް ހޯދައިގެން މިދިޔަ އަހަރު ސާފް ލީގުގެ އެއްވަނަ ހޯދި އަންމަޑޭ އެވެ.