Advertisement

ފުވައްމުލަކު ކުނިގޮނޑު އަނދައި، ވިހަ ދުން އަރަމުން ދިޔަ އިރު ފިޔަވަޅު ނާޅާ ކަމުގެ ޝަކުވާ!

26 ޖުލައި 2023 - 23:42 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ފުވައްމުލަކު ކުނި ގޮނޑުގައި ރޯވެ އަރަމުން ދިޔަ ދުން އެ ރަށުގެ މަގެއްގައި: މިިކަމުގެ ސަބަބުން ސިއްހަތަށް އަސަރު ކުރާނެ ކަމަށް ބެލެވޭ އިރު ފިޔަވަޅު ނާޅާ ކަމަށް ޖަމިއްޔާތަކުން ބުނޭ


ފުވައްމުލަކު ކުނިގޮނޑު އަނދައި، ވިހަ ދުން އަރަމުން ދިޔަ އިރު ފިޔަވަޅު ނާޅާ ކަމުގެ ޝަކުވާ!

26 ޖުލައި 2023 - 23:42 0

ފުވައްމުލަކު ކުނި ގޮނޑުގައި މި މަހުގެ ތެރޭގައި އަލިފާން ރޯވެ، ރަށު ތެރެއަށް ވިހަ ދުން ފެތުރެމުން ދިޔަ އިރު އެކަން އާންމުންގެ ސަމާލުކަމަށް ގެނެސް ފިޔަވަޅު އެޅުމުގައި މުވައްސަސާތަކުން އެކަށީގެންވާ ގޮތަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ މަދަނީ ނުވަ ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރަށުގެ ހޭޅި ފަށާއި ޖެހިގެން، ހައިވޭ އާ އިން ވެގެން އޮންނަ ކުނިކޮށި އަލިފާން ރޯވެ ދުން އަރަން ފެށީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ އެ އަލިފާން ކޮންޓްރޯލް ކުރެވުނު ކަމަށް ބެލެވުނަސް، އޭގެ ފަހުންވެސް ކުނިގޮނޑުގައި އަލިފާން ހިފައި، މެދު ކެނޑުމެއް ނެތި، ހަފްތާ އެއް ވީއިރުވެސް ދުން އަރަމުންދިޔަ އެވެ.

މިކަމާ ގުޅިގެން މުއައްސަސާތަކުން އަމަލު ކުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރުނީ، ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ މަދަނީ ޖަމިއްޔާތަކެއް ގުޅިގެންނެވެ. ގުޅިފައިވާ އެ ބަޔާން ނެރުނީ ޒީރޯ ވޭސްޓް އެމްވީ، ލޭންޑް ސީ މޯލްޑިވްސް، އީކޯކެއާ، ސޭވް މޯލްޑިވްސް، ޓްރާންސްޕޭރެންސީ މޯލްޑިވްސް، ޔޫތު އިނިޝިއޭޓް، ފުވައްމުލައް ސާފިން އެސޯސިއޭޝަން، ދަ އީކޯ އޯގް އަދި މިޔަރު ޕްރޮގްރާމް އިންނެވެ.

އެ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނީ، އެއީ ނުރައްކާތެރި ހާދިސާއެއް ކަން ރަސްމީ ސިފައެއްގައި ރަށު ފެންވަރުގެ މުއައްސަސާއަކުން ހާމަ ކުރީ އަލިފާން ރޯވެ، ދުން އަރާތާ ހަފްތާ އެއް ފާއިތުވި ފަހުން، މިމަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

އެ މުއްދަތުގެ ތެރޭގަޔާއި އޭގެ ފަހުން ވެސް ފުވައްމުލަކު ރައްޔިތުން، ހާއްސަކޮށް ވެމްކޯ އިން ބަލަހައްޓާ ކުނިގޮނޑުގެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، ތިބީ އެ މީހުންގެ ސިއްހަތަށް ވަރަށް ނުރައްކާވާ ހާލަތެއް ގައި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ޖަމިއްޔާތަކުން ބުނީ،، އަލިފާން ރޯވެ ވިހަ ދުން އަރަމުން ދިޔަ އިރު ވެސް ރަށުގެ މުއައްސަސާތަކުން އެކަން އާންމުންގެ ސަމާލުކަމަށް ނުގެންނަ ކަމަށެވެ. އެގޮތުން، އެ ސަރަހައްދު ބަންދު ނުކުރާ ކަމަށާއި ކައިރި ފުޓުބޯޅަ ދަނޑު ވެސް އާދައިގެ މަތިން ބޭނުން ކުރަން ހުޅުވާލާފައި އޮތް ކަމަށް ބުންޏެވެ. އަދި ދުމުގެ އަސަރު ރަށަށް ޒަޔާރަތް ކުރި ފަތުރުވެރިންނަށް ވެސް ކުރާނެ ކަމަށް ބުންޏެވެ.

"ވިހަ ދުން އަރަމުން ދާއިރު ނޭވާލާ ނިޒާމަށް ކުރާނެ ނޭދެވޭ އަސަރާއި މެދު ހޭލުންތެރިކަން އުފައްދާ، ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅެއް އަޅާ ހާއްސަ އެހީތެރިކަމެއް ފުވައްމުލަކު ހޮސްޕިޓަލް، ފުވައްމުލަކު ޕަބްލިކް ހެލްތް ޑިޕާޓްމަންޓް އަދި ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ އިން ފޯރުކޮށް ދީފައި ނެތެވެ." ކަންބޮޑުވުން ފާޅުކޮށް ޖަމިއްޔާތަކުން ބުންޏެވެ.

ރަށުގައި ހުންނަ ދައުލަތުގެ މުއައްސިސާ ތަކާއި ގައުމީ ފެންވަރުގެ މުއައްސިސާ ތަކުން ކުނިގޮނޑުގައި ރޯވެ ދުން އަރަމުން ދިޔައިރު، އާއްމު ސިއްހަތުގެ ކުއްލި ހާލަތެއް މެދުވެރިވެއްޖެ ކަމަށް، އަދި ތިމާވެއްޓަށް ނުރައްކާތެރި ހާލަތެއް މެދުވެރިވިކަން ދެނެގަނެ، އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް ނާޅާ އެތަށް ދުވަހަކު ދޫކޮށްލާފައި އޮތް ކަމަށް ވެސް ބުންޏެވެ.

އެ ބަޔާނުގައި ޖަމިއްޔާތަކުން ގޮވާލި ކަންތައްތަކުގެ ތެރޭގައި، ވެމްކޯ އާއި މިނިސްޓްރީ އޮފް އެންވައިރަމަންޓާއި ދެމެދު ކުނިކޮށި މެނޭޖް ކުރުމަށް ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެ ކުނިކޮށި މެނޭޖް ކުރަމުން އައިގޮތާއި މެދު ފުރިހަމަ ތަހުގީގެއް ކުރުން ހިމެނެ އެވެ. އެގޮތުން، ކުނި ކޮށި މެނޭޖް ކުރުމުގައި މިފަދަ ހާލަތެއް މެދުވެރިނުވެ ރައްޔިތުންގެ ސަލާމަތަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާފައިވޭތޯ ބެލަން ގޮވާލި އެވެ.

ފުވައްމުލަކު ކުނި ގޮނޑުގައި ރޯވެ އަރަމުން ދިޔަ ދުން އެ ރަށުގެ މަގެއްގައި: މިިކަމުގެ ސަބަބުން ސިއްހަތަށް އަސަރު ކުރާނެ ކަމަށް ބެލެވޭ އިރު ފިޔަވަޅު ނާޅާ ކަމަށް ޖަމިއްޔާތަކުން ބުނޭ


މޯލްޑިވްސް ގްރީން ފަންޑް (ޓްރަސްޓް ފަންޑު) އިން 11.4 މިލިއަން ރުފިޔާ ފުވައްމުލަކުގެ ވޭސްޓް ކަލެކްޝަން ސިސްޓަމެއް ގާއިމު ކުރުމަށް މި އަހަރު ހަމަޖައްސާފައި ވިޔަސް، މުހިންމު ވަސީލަތްތަކެއް ނެތްކަން މި ހާދިސާއިން ހާމަވި ކަމަށް ވެސް ބުންޏެވެ.

"އަލިފާނާ ދުމުގެ ހާދިސާ އާ ގުޅިގެން އެނގިގެން ދިޔައީ ފޯއްމުލަކު ސިޓީގައި ކުނި މެނޭޖްކޮށް ރައްކާތެރިކަން ޔަގީން ކުރަން ބޭނުންވާ މެޝިނަރީ، އާލާތާއި ސާމާނު އަދި މަސައްކަތް ކުރާ މީހުންނަށް ބޭނުންވާ ސޭފްޓީ ގިއަރު ނެތް ކަން." ޖަމިއްޔާތަކުން ބުންޏެވެ.

ފުވައްމުލަކުގެ ފަސްގަނޑާއި ކުޅިތަކާއި ފެންފަށަލަ އަށް އަދި ދަނޑުބިންތަކަށާއި އެ ބިންތަކުގެ ކާބޯތަކެތީގެ ބާވަތްތަކަށާއި ރަށުގެ ރުއްގަހަށާއި ވަލުތެރެއަށް، ކޮށްފައިވާ އަސަރު ދެނެގަތުމަށް މިނިވަން ތަހުގީގެއް ކުރުމަށް އެންވައިރަނމަންޓް ޕްރޮޓެކްޝަން އޮތޯރިޓީއަށް ވެސް އެ ޖަމިއްޔާތަކުން ގޮވާލި އެވެ.

އާންމު ސިއްހަތަށް ނުރައްކާވާ ހާލަތްތަކުގައި އާއްމު ސިއްހަތުގެ ކާރިސާ އިއުލާން ކުރުމަށް މުއަސަސާތަކުން އަމަލު ކުރާ އުސޫލުތައް މުރާޖާ ކުރުމަށް ހެލްތު މިނިސްޓްރީއަށާއި ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އަށް ވެސް ގޮވާލި އެވެ.

ވިހަ ދުމުގެ ނުރައްކަލަށް ހަފްތާ އަކަށް ވުރެ ގިނަ ދުވަހު ފުވައްމުލަކު ރައްޔިތުން ކުރިމަތި ލާންޖެހުނު އިރު، އެކަމުގައި ހުރި ނުރައްކާތެރިކަން އަންގައި ދިނުމަށް އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ބުނެ، އެއީ ކީއްވެގެންކަން ތަހުގީގު ކުރުމަށް ވެސް ގޮވާލި އެވެ.

އޭގެ އިތުރުން، ކާރިސާ ތަކުގައި ރަށުފެންވަރުގައި ރައްޔިތުންނާއި ރަށުގެ މުވައްސިސާ ތަކުން ވިލަރެސް ކުރަންވީ ގޮތާއި ރައްޔިތުން އަމަލު ކުރަންވީ ގޮތުގެ ވަށާޖެހޭ، ކާރިސާ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކޮށް، އާއްމު ކޮށް، ހޭލުންތެރިކަން އުފެއްދުމަށް ސިޓީ ކައުންސިލާއި އަންހެނުންގެ ކޮމެޓީއަށް ގޮވާލި އެވެ.

މި ކަމުގެ ސަބަބުން ކުރިމަތިވެފައިވާ ސިއްހީ ނުރައްކަލާއި ރަށުގެ ވެއްޓާއި މާހައުލީ ނިޒާމަށް ލިބުނު ގެއްލުންތަކުގެ ބަދަލު، ލިބެންހުރި ހުރިހާ އިދާރީ އަދި ގާނޫނީ ވަސީލަތްތަކުގެ އެހީގައި، ފުވައްމުލަކު ރައްޔިތުންނަށް ހޯދައި ދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލަށް ގޮވާލި އެވެ.

"މި ތަހުގީގުގައި ދުމުގެ ސަބަބުން ފެތުރުނު ވިހަ މާއްދާތަކާއި ވިހަ މާއްދާތައް ފެތުރުނު މިންވަރު ބެލުމަށް ގޮވާލަން. ދިވެހިރާއްޖޭގެ ކުންޏާއި ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް އަމަލު ކުރުމަށާއި މި ރަށުގެ ވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލު ރަށުގެ ރައްޔިތުންނަށް ކަށަވަރުކޮށް ލިއްބައި ދިނުމަށް ގޮވާލަން." އެ ޖަމިއްޔާތަކުން ބުނެފައިވެ އެވެ.