26 ޖުލައި 2023 - 10:54 0
މަރިޔަމް އަފާ ނިޒާމް
އެމްއެމްއޭ -- ފޮޓޯ: އަދަދު
26 ޖުލައި 2023 - 10:54 0
ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކުރާ އިންސްޓަންޓް ޕޭމަންޓު ސިސްޓަމު ގާއިމުކުރުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ ސިސްޓަމް އަންގާރަ ދުވަހު ޓެސްޓުކޮށްފި އެވެ.
އެމްއެމްއޭއިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ބޭންކުން ބީއެމްއެލް، އެމްއައިބީ އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާއާއި ގުޅިގެން މިދިޔަ އާދީއްތަ ދުވަހު އިންސްޓަންޓް ޕޭމަންޓު ސިސްޓަމުގެ ސޮފްޓްވެއާ ޓެސްޓުކޮށްފައިވާ ކަމަށެވެ.
އާ ޕޭމަންޓު ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތް އެމްއެމްއޭއިން ފެށީ އޮންލައިން ޕޭމަންޓު ސިސްޓަމެއް ނެތުމުން ރާއްޖޭގައި އެކި ވިޔަފާރި ކުރާ ފަރާތްތަކުގެ ޝަކުވާތައް އިންތިހާއަށް ގޮސްފައި އޮއްވަ އެވެ.
އެގޮތުން، އެ އޮތޯރިޓީން އެ މަސައްކަތް ފެށި އިރު، ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އެއް ފަރާތުން އަނެއް ފަރާތަށް ފައިސާ ފޮނުވުމުގައި ދިމާވާ ދަތިތަކާއި ރާއްޖޭގައި އުފެއްދުންތައް ބޭރު ގައުމުތަކަށް ވިއްކުމުގައި ހުރި ދަތިތަކުގެ ޝަކުވާތައް އޮތީ ފުނި ޖެހިފަ އެވެ.
އާ ޕޭމަންޓު ސިސްޓަމާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެ ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އެ ޕްރޮޖެކްޓުގެ ފުރަތަމަ މަރުހަލާގައި އިސްކަން ދެނީ ޑޮމެސްޓިކް ޓްރާންސެކްޝަންތަކަށެވެ.
ނަމަވެސް، ދެ ވަނަ ފިޔަވަހީގައި އެހެން ގައުމުތަކުގެ ނެޝަނަލް ޕޭމަންޓު ސިސްޓަމްތަކާއި ގުޅި، ބޭރު ގައުމުތަކާ އެކު ވަގުތުން ވަގުތައް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އެގޮތުން ޕޭޕަލް ފަދަ ޕޭމަންޓު ސިސްޓަމްތައް މެދުވެރިކޮށް ވިޔަފާރި މުއާމަލާތްތައް ހިންގުމުގެ މަގު ރާއްޖޭގައި ފަހިވެގެންދާނެ ކަމަށް ބުނެ އެމްއެމްއޭއިން ބުނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment