Advertisement

ކޮމަންވެލްތު ޔޫތު ގޭމްސްގައި ރާއްޖޭން ވާދަނުކުރަން ނިންމައިފި

25 ޖުލައި 2023 - 21:37 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މިދިޔަ އަހަރު ކޮމަންވެލްތު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ރާއްޖޭގެ ކޮންޓިންޖެންޓް.--- ފޮޓޯ: ގެޓީއިމޭޖަސް


ކޮމަންވެލްތު ޔޫތު ގޭމްސްގައި ރާއްޖޭން ވާދަނުކުރަން ނިންމައިފި

25 ޖުލައި 2023 - 21:37 0

އަންނަ މަހުގެ 4-11 އަށް ޓްރިންޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ރާއްޖޭން ވާދަނުކުރަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ޔޫތު މިނިސްޓްރީން މަޝްވަރާ ކުރުމަށް ފަހު ނިންމައިފި އެވެ.

އޮލިމްޕިކް ކޮމިޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލީ ގޮތުން މި ވަގުތު ދިމާވެފައިވާ ގޮންޖެހުންތަކާއި ކުރިއަށް ހުރި އެހެން މުހިންމު ކަންތައްތަކަށް އިސްކަންދީގެން އެ އަށް ފޯކަސް ކުރުމުގެ ގޮތުން، ޓްރިންޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަނުކުރަން ނިންމާފައިވާ ކަމަށެވެ.

އޮލިމްޕިކް ކޮމިޓީން ބުނީ މި ނިންމުން މި ގޮތަށް ނިންމަން ޖެހުމަކީ ހިތާމައެއް ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ކުޅުންތެރިންނަށް ފުރުސަތު ހޯދައިިދިނުމުގައި ބައިނަލްއަގުވާމީ ލެވަލްގައި ފޯކަސް ކޮށްގެން ކުރަމުން އަންނަ މަސައްކަތް އިތުރަށް ރަނގަޅަށް ކުރިއަށްގެންދާނެ ކަމަށެވެ.

ކޮމަންވެލްތު ޔޫތު ގޭމްސް އަށް އޮލިމްޕިކް ކޮމިޓީން ރާއްޖޭގެ ޗެފް ޑި މިޝަންގެ ގޮތުގައި މަސައްކަތްކުރަން ހަމަޖެއްސީ ޔޫތު މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރުމުގެ އިތުރުން، ބެޑްމިންޓަން އަމްޕަޔަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އައިމިނަތު އަލީ (އައިންތު) އެވެ.

ރާއްޖޭން މެދުކެނޑުމަކަށް ފަހު، އަލުން ކޮމަންވެލްތާ ގުޅި، އެ ގޭމްސް އަށް އަލުން އެނބުރި އައީ މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގަ އެވެ. ކޮމަންވެލްތާ އަލުން ގުޅުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެއްގެ ތެރެއިން އައި ނިންމުމެކެވެ.

އަންނަ މަހު ރާއްޖޭން ވާދަކުރަން އޮތް އެނޮކް ވޯލްޑް ބީޗް ގޭމްސް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އިންޑޮނީޝިއާގެ ބާލީގައި އަންނަ މަހުގެ 5-12 އަށް ބާއްވަން ތާވަލުކުރި ގޭމްސް ކެންސަލްކޮށްލީ، މާލީ ސަބަބުތަކާ ހުރެ ބާލީ އަށް މުބާރާތް ހޯސްޓް ނުކުރެވޭނެ ކަމަށް އެންގުމުންނެވެ. ބީޗް ގޭމްސް އަށް ރާއްޖޭގެ ޗެފް ޑި މިޝަންގެ ޒިންމާ އަދާކުރަން އޮލިމްޕިކް ކޮމިޓީން ހަމަޖެއްސީ ސްޕޯޓްސް އާބިޓްރޭޝަނާ ގުޅޭ ކަންކަމުގައި ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކާ ގާތުން މަސައްކަތް ކުރަމުން އަންނަ، މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ.

ކޮމަންވެލްތު ޔޫތު ގޭމްސް އާއި އެނޮކް ބީޗް ގޭމްސްގައި އެކި ސަބަބުތަކާ ހުރެ ވާދަނުކުރެވިދިޔައިރު، ދެން ރާއްޖޭން ވާދަކުރާނީ އަންނަ މަހުގެ 23 އިން ސެޕްޓެމްބަރު މަހު ހަތަރަކަށް މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގަ އެވެ.