Advertisement

ދިޔަރެސްއާއި ޗެނަލް-13އާ ދެކޮޅަށް އާރްޑީސީން ދައުވާ ހުށަހަޅައިފި

25 ޖުލައި 2023 - 14:20 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

އާރްޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ)؛ ހިޔާނާތުގެ ތުހުމަތުކޮށް ހަބަރު ފެތުރި ގޮތުން ދައުވާ ކުރަން އާރްޑީސީން ވަނީ ހުށަހަޅާފައި


ދިޔަރެސްއާއި ޗެނަލް-13އާ ދެކޮޅަށް އާރްޑީސީން ދައުވާ ހުށަހަޅައިފި

25 ޖުލައި 2023 - 14:20 0

ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ 13 މިލިއަން ރުފިޔާއަށް އެ ކުންފުނީގެ އެމްޑީއާއި ސީއެފްއޯ ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކޮށް ހަގީގަތާ ހިލާފު ވާހަކަތަކެއް ފެތުރި ކަމަށް ބުނެ، އެ ކުންފުނިން "ދިޔަރެސް" ނޫހާއި "ޗެނަލް 13" އާ ދެކޮޅަށް ދައުވާ ކުރަން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އާރްޑީސީގެ ބީއެމްއެލް އެކައުންޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކާއި، ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންގެ އަމިއްލަ ބޭނުމަކަށް ނަގާފައިވާކަމަށް ބުނެ މީޑިއާގައި ރިޕޯޓު ކުރުމުން އެކަން މި މަހުގެ ފަސް ވަނަ ދުވަހު އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ދޮގުކޮށްފަ އެވެ.

އެގޮތަށް ހަބަރު ފެތުރި ބައެއް މީޑިއާތަކާ ދެކޮޅަށް ދައުވާ ކުރަން އެ ކުންފުނީގެ ބޯޑުން ނިންމާފައި ވަނީ ދޮގު ހަބަރު ފެތުރުމުގެ ސަބަބުން އެ ކުންފުނީގެ ނަން ހުތުރުވެފައިވާ ކަމަށް ބުނެ އެވެ.

ދިޔަރެސްއާއި ޗެނަލް-13އާ ދެކޮޅަށް އާރްޑީސީން ދައުވާ ހުށަހެޅިކަން އެކުންފުނީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) މިއަދު ވަނީ މި ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

މި މައްސަލައާ ގުޅިގެން މިހާރު ނޫހުން ޔާސިރާ ގުޅުވައި ޝާއިއު ކުރި ހަބަރަކާ ގުޅިގެން އޭނާ ވަނީ އެ ނޫހާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފަ އެވެ. އެކަމަކު އެ މައްސަލަ ވެއްދިކަން އަދި އެނގިފައި ނުވެ އެވެ.

އާރްޑީސީގެ ބީއެމްއެލް އެކައުންޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ކުންފުނީގެ އެމްޑީ މޫކޭ އާއި ޔާސިރުގެ އަމިއްލަ ބޭނުމަށް ނަގާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރި ނަމަވެސް އެ ބޭފުޅުންގެ އެކައުންޓަށް އެފަދަ ފައިސާއެއް ޖަމާވެފައި ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ

އާރްޑީސީން ބުނާ ގޮތުގައި، ހިޔާނާތްތެރިވެފައިވާ ކަމަށް ބުނާ ފައިސާ އަކީ ޕެޓީ ކޭޝްގެ ގޮތުގައި އެ ކުންފުނީގެ ސައިޓުތަކަށް ފޮނުވާ ފައިސާ އެވެ.

ހަގީގަތާއި ހިލާފު ވާހަކަތަކުގެ ސަބަބުން އާރްޑީސީގެ ނަން ހުތުރުވެފައިވާ ކަމަށާއި އެ ކުންފުންޏާ މެދު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލި އެ ކުންފުންޏަށް ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވެސް އެކުންފުނިން ބުނެފައިވެ އެވެ.

އާރްޑީސީއަކީ ގަވައިދުން އޮޑިޓްކުރާ ކުންފުންޏެއް ކަމަށާއި، ކުންފުނީގެ މާލީ ސިޔާސަތުތަކާ ހިލާފަށް ފައިސާގެ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށާއި އެފަދަ މައްސަލައެއް ވެސް ފާހަގަކުރެވިފައިނުވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.