Advertisement

ކޭޕާކް މައްސަލަ: މަންޑޭގެ ބަންދަށް އިތުރު 10 ދުވަސް ދީފި

25 ޖުލައި 2023 - 12:31 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރު މަމްދޫހު (ވ) : އޭނާ ބުނާ ގޮތުގައި އޮޅުވާލަން އުޅެނީ ކޮރެއާ ކުންފުނިން ކަމަށް - ފޮޓޯ: ކޭޕާކު ފޭސްބުކް


ކޭޕާކް މައްސަލަ: މަންޑޭގެ ބަންދަށް އިތުރު 10 ދުވަސް ދީފި

25 ޖުލައި 2023 - 12:31 0

ކޭޕާކް ރެސިޑެންސްއިން އެޕާޓްމެންޓު ވިއްކުމުގެ ތެރެއިން މަކަރު ހަދައި އޮޅުވާލި މައްސަލާގައި ތުހުމަތުކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 10 ދުވަސް ދީފި އެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މަމްދޫހު ހައްޔަރުކޮށް، އެންމެ ފުރަތަމަ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ދިން 15 ދުވަހުގެ މުއްދަތު ހަމަވުމުން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ނިންމީ އިތުރު 10 ދުވަސް ދިނުމަށެވެ.

އޭނާ ބަންދު ކުރި ސަބަބެއްގެ ގޮތުގައި ކޯޓު އަމުރުގައި ވަނީ ހެއްކަށް ނުފޫޒު ފޯރުވުމާއި ފިލައިގެން ދިޔުމުގެ ފުރުސަތު އޮތުމެވެ.

އޭނާގެ މައްޗަށް ތުހުމަތެއް އުފެދޭ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެ އެވެ. އެގޮތުން ބަލައި ފާސްކުރަން ދިޔަ ދެ ފުލުހެއްގެ ބަޔާނާއި އިންޓެލިޖެންސް ރިޕޯޓާއި އެޕާޓްމެންޓް ގަނެފައިވާ ބައެއް މީހުންނާއެކު ހަދާފައިވާ އެއްބަސްވުންތައް އަދި ކޮމްޕެނީ ޕްރޮފައިލް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

ބަންދު އަޑުއެހުމުގައި ފުލުހުން ބުނި ގޮތުގައި އެޕާޓްމެންޓުތައް ގަތުމަށް ފައިސާ ދެއްކި ބައެއް މީހުންނަށް ގުޅައި ފުލުހަށް މައްސަލަ ހުށަނޭޅުމަށް މަންޑޭ އެދިފައިވެ އެވެ. އޭގެ އިތުރުން އެއް ފްލެޓު އެކަކަށް ވުރެ ގިނަ މީހުންނަށް ވިއްކައި އެ ފައިސާ އޭނާ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ކުންފުނީގެ އޮފީސް ބަލައިފާ ސްކުރި އިރު ބައެއް ކޮމްޕިއުޓާ ސިސްޓަމްތަކުގެ ސީޕީޔޫ ނެތް ކަމަށާއި މައްސަލައާ ގުޅުންހުރި ބައެއް އެގްރީމަންޓު މަދުކަން ވެސް އަޑުއެހުމުގައި ފުލުހުން ފާހަގަކުރި އެވެ.

މަންޑޭ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރުނީ، ފުލުހުންގެ އެދުމަށް މަންޑޭގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކުރި އަމުރު ބާތިލްކޮށް، އޭނާއަށް ވަގުތީ ގޮތުން ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ދިންތާ އެއް ދުވަސް ފަހުންނެވެ. އެ އަމުރުގެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ކޭޕާކު ޕްރޮޖެކްޓުގެ މަސައްކަތް ކުރަނީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފެއްދި ހަމްބޯ މޯލްޑިވްސްއިންނެވެ. އެ ކުންފުނީގެ 95 ޕަސެންޓު ހިއްސާ އޮންނަނީ ޗައިނާ ރައްޔިތެއް ކަމަށްވާ ޖިން ޝީ ހޫގެ އަތުގަ އެވެ. މަންޑޭގެ އޮންނަނީ ކުންފުނީގެ ފަސް ޕަސެންޓު ހިއްސާ އެވެ.

ހަންބޯ ކޮރެއާއިން ނެރުނު ބަޔާނުގައި ފުލެޓުތައް ގަނެވިއްކުމުގެ އެއްބަސްވުމުގައި މަންޑޭ ސޮއިކޮށްފައި ވަނީ، މައި ހިއްސާދާރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން މަންޑޭގެ ވިޔަފާރި ޕާޓްނަރު ޖައިޝަން ސައީދަށް ދިން ކަމަށް ބުނާ ގަރާރެއް ބޭނުންކޮށްގެން ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ރައްދުގައި މަންޑޭ ނެރުނު ބަޔާނުގައި މަކަރާއި ހީލަތް ހެދުމުގެ ތުހުމަތު ކުރީ މައި ހިއްސާދާރަށެވެ.